ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު

ނ. އަތޮޅު ކައުންސިލްގެ ރައީސް އެ ކައުންސިލަށް ދޭންޖެހޭ ލައްކައަކަށްވުރެ ގިނަ ރުފިޔާ ނުދީ އެބައޮތް: އޮޑިޓް

އޮޑިޓްގައި ވާގޮތުން އަތޮޅު ކައުންސިލުން ފޯރުކޮށްދީފައިވާ ހިދުމަތްތަކަށް 2023ވަނަ އަހަރު ނިމުނުއިރު ލިބެންޖެހޭ ޖުމްލަ 2.2 މިލިއަން ރުފިޔާ ނުލިބިވޭ

ނ. އަތޮޅު ކައުންސިލަށް ލިބެންޖެހޭ 2 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ތެރެއިން، ލައްކައަކަށްވުރެ ގިނަ ރުފިޔާ ނުދައްކާ އޮތީ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރުކަން އެ ކައުންސިލްގެ އޮޑިޓުން ހާމަވެއްޖެ އެވެ. 

ވީ ކިހިނެއް؟ - އޮޑިޓް އޮފީހުން މިއަދު އާންމުކުރި ނ. އަތޮޅު ކައުންސިލްގެ 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ވާގޮތުން، އަތޮޅު ކައުންސިލުން ފޯރުކޮށްދީފައިވާ ހިދުމަތްތަކަށް 2023ވަނަ އަހަރު ނިމުނުއިރު ލިބެންޖެހޭ ޖުމްލަ 2.2 މިލިއަން ރުފިޔާ ނުލިބިވެ އެވެ. އަދި އެ ފައިސާ ހޯދަން އެކަށީގެންވާ ފިޔަވަޅު އަޅާފައިނުވާކަން ވެސް ފާހަގަކޮށްފައިވެ އެވެ.

ތަފްސީލް - އެކަމަކު އޮޑިޓަށް ކައުންސިލުން ފޯރުކޮށްދީފައިވާ މައުލޫމާތުގައި ވާގޮތުން 2023ގެ ނިޔަލަށް ލިބެންޖެހޭ ފައިސާގެ ދަފްތަރުގައި ރިކޯޑުކޮށްފައިވަނީ ޖުމްލަ 960،124 ރުފިޔާ އެވެ. އެ ފައިސާގެ ތެރޭގައި ދައުލަތުގެ އިދާރާތަކުންނާއި އަމިއްލަ މީހުން ނުދައްކާ ގިނަދުވަސްތަކެއްވެފައިވާ ފައިސާ ހިމެނެ އެވެ.

އޭގެތެރޭގައި އެންމެ ގިނަ އަދަދެއްގެ ފައިސާ ނުދައްކާ އޮތް ކަމަށް ދައްކަނީ ބަޝީރެެވެ. އޭނާ 118،220 ދައްކަންޖެހެ އެވެ. އެގޮތުން:

  • އެ ފައިސާގެ ތެރެއިން 89،820ރ އަކީ ސްޓޭޓް ހައުސް ނުވަތަ އަތޮޅުގޭގައި 2021ވަނަ އަހަރުގެ މޭ މަހުން ފެށިގެން 2023ގެ ނިޔަލަށް ބަޝީރު ހުރިއިރު ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ

  • ބާކީ 28،400ރ އަކީ ކެމްޕޭން ދަތުރުތައް ހިމެނޭހެން ބަޝީރު ކުރެެއްވި ލޯންޗު ދަތުރުތަކަށް ލިބެންޖެހޭ ފައިސާ

މީގެ އިތުރުން، ދެން އެންމެ ގިނައިން ފައިސާ ނުދައްކާ އޮތީ ދައުލަތުގެ އެކި އިދާރާތަކުންނެވެ. އެއީ ވެސް ލޯންޗު ދަތުރުރަކަށް ދައްކަންޖެހޭ ފައިސާ އެވެ. އެތަންތަނަކީ:

  • އެންވަޔަރަމަންޓް މިނިސްޓްރީ - 114،500ރ

  • ޕްލޭނިން މިނިސްޓްރީ - 105،100ރ

  • ނ. ކެނދިކުޅުދޫ ކައުންސިލް - 71،350ރ

  • ހެލްތް އެންޑް ފެމިލީ މިނިސްޓްރީ - 61،500ރ

  • އަތޮޅު ވެރިކަންކުރާ ނ. މަނަދޫ ކައުންސިލް - 52،645

އަތޮޅުގޭގައި އެ އަތޮޅު 'ލޯކަލް އޮތޯރަޓީ' ކުންފުނީގެ މުވައްޒަފުން 12 ނޮވެމްބަރު 2023އިން ފެށިގެން އެއްވެސް ފީއެއް ނުދައްކާ ތިބޭކަން ވެސް އޮޑިޓްގައި ފާހަގަކޮށްފައިވެ އެވެ. އަތޮޅުގެއިން އެއްވެސް ފީއެއް އަތޮޅު ކައުންސިލަށް ލިބެމުންނުދާއިރު، އެތަނުގެ ކަރަންޓު ބިލަށް ނޮވެމްބަރު މަހު ކައުންސިލުން 13،189ރ ދައްކާފައިވާކަމާއި ޖެހިގެން އައި މަހު ވެސް، 9494ރ ކައުންސިލުން ދައްކާފައިވާކަން އޮޑިޓްގައި ފާހަގަކުރި އެވެ. އެކަމަކު އެތަނަކީ ހަމައެކަނި ސަރުކާރާއި ދައުލަތުގެ ބޭނުންތަކަށް ބޭނުންކުރަންޖެހޭ ތަނަކަށްވާތީ އެހެން ބޭނުންތަކަށް އެތަން ބޭނުންނުކުރަން އޮޑިޓްގައި ލަފާދީފައިވެ އެވެ.

މީގެ އިތުރުން، ކައުންސިލުން ބަލަހައްޓާފައިވާ ލިބެންޖެހޭ ފައިސާގެ ދަފްތަރުގައި ހިމެނިފައިނުވާ 1.2 މިލިއަން ރުފިޔާގެ ތެރޭގައި، ނ. އަތޮޅު ރައްޔިތުންގެ ފަންޑުން ދޫކޮށްފައިވާ ލޯނަށް 502،964 ނުލިބިވާކަން އޮޑިޓްގައި ފާހަގަކުރި އެވެ.

މާލިއްޔަތު ގަވާއިދުގައި ވާގޮތުން ދައުލަތުގެ އޮފީހަކުން ފޯރުކޮށްދޭ ހިދުމަތަކުން ނުވަތަ ވިއްކި އެއްޗެއްގެ އަގަށްވާ ފައިސާ އެކަމެއް ނިމުނު ދުވަހުން ފެށިގެން މަސް ދުވަސްތެރޭ ހޯދަންޖެހޭނެ އެވެ. އެ ފައިސާ ނުލިބޭނަމަ ޝަރީއަތަށް ގޮސްގެން ވެސް ހޯދަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ. އެހެންވެ، އޮޑިޓުގައި ވަނީ އެ ފައިސާ ހޯދުމަށް ކުރަންޖެހޭ ކަންކަން ކުރަން އަންގާފަ އެވެ.

ކޮމެންޓް (1)

ތެފައާސާ.

23 ފެބްރުއަރީ 2026
ވަގުތެއް ހޯއްދަވައިގެން މާލޭ ސިޓީ ކައުންސިލްގެ އޮޑިޓެއްވެސް ކޮށްލަދެއްވާ!!!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް