އެކި ތަންތަނަށް ވައްކަންކުރަންވަދެ، މަގުމަތީގައި ނިދާ ހަދާ މީހުން މާލޭގައި ގިނަ، (ފައިލް ފޮޓޯ/ސަން)

މާލޭން ވައްކަން ކޮށްގެން އެތައް ފަހަރަކު ބަންދަށް؛ ކޯޓުން މިފަހަރު ފުލުހުންނަށް އިރުޝާދުދިނީ ރަށަށް ބަންދު ބަދަލުކުރަން

ކޯޓުގައި އިއްޔެ އޭނާ ބުނެފައިވަނީ ބޯހިޔާވަހިކަމެއް ނެތުމުން މަގުމަތީގައި އުޅޭ ކަމަށް؛ އެކަމަކު ފުލުހުން ބުނީ އެހެން ބުނާތީ ރަށަށް ދާން ކުރިން ވެސް ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް

ތަކުރާރުކޮށް އެތައް ފަހަރަކު އެކި މައްސަލަތަކުގައި ބަންދުކުރަންޖެހޭ މީހަކު، މާލޭގައި އުޅޭނެ ތަނެއް ނެތް ކަމަށް ބުނާތީ، އުފަން ރަށުގައި ބަންދުކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަން ފުލުހުންނަށް ކްރިމިނަލް ކޯޓުން އިރުޝާދުދީފި އެވެ.

ވީ ކިހިނެއް؟ - އަބްދުﷲ ޝަރީފް، 48، ބޮޑުގަސްދޮށުގެ/ޅ. ކުރެންދޫ މިފަހަރު ހައްޔަރުކުރީ، މޯލްޑިވްސް ޑިިޖިޓަލް ސާވިސްގެ ތެރެއްށް ވަދެ ވައްކަންކުރަން އުޅުނުކަމުގެ ތުހުމަތުގަ އެވެ. އެ މައްސަލާގައި އޭނާ އިއްޔެ ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރަން އަމުރުކުރި އެވެ.

ތަފްސީލް - އޭނާގެ ބަންދު އަމުރުގައިވާ ގޮތުން، މޯލްޑިވްސް ޑިިޖިޓަލް ސާވިސްއަށް ވައްކަން ކުރަން ވަދެ، އެ އިމާރާތުގެ ކެމެރާ ޑިރެކްޝަން ބަދަލުކޮށްފައިވާ ކަމަށް ބެލެވެ އެވެ. އޭނާ ފެނުނުއިރު އިނީ ރޯދަމަހު ދުވާލުގެ ވަގުތުގައި ކާން ކަމަށާއި އޭނާގެ ކައިރީ ރޫޅާލާފައިވާ އޭސީ އައުޓްޑޯ ޔުނިޓަކާއި އެކަމަށް ބޭނުންވާ ޓޫލްސް ފެނިފައިވާ ކަމަށް އެ އަމަރުގައިވެ އެވެ.

ބަންދު އަމުރުގައިވާ ގޮތުން، އެތަނުން ހައްޔަރުކޮށް ފުލުހުން ސުވާލުކުރުމުން ފުރަތަމަ ބުނީ އަރާމުކޮށްލަން ވަނީ ކަމަށެވެ. ފަހުން ބުނެފައިވަނީ އިތުރު ދެ މީހަކާ އެކު ވައްކަން ކުރަން ވަނީ ކަމަށާއި އެ ދެ މީހުން ފިލާފައިވާ ކަމަށެވެ. އެކަމަކު ކޯޓުގައި އެކަމަށް ތަކުރާރުކޮށް އިންކާރުކޮށް، އެތަނަށް ވަނީ ވަރުބަލިވެގެން ކަމަށް ބުނެފައިވެ އެވެ. 

އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކަންކަމާއި ހައްޔަރު އަދި ބަންދު އިންތިހާއަށް ގިނަކަމުން، އިއްޔެގެ ބަންދު މަޖިލީހުގައި ގާޒީ ސަފްއަތު ހަބީބް ވަނީ އޭނާއަށް ނަސޭހަތް ދެއްވާފަ އެވެ. ބަންދު އަމުރުގައިވާ ގޮތުން:

  • ނަސޭހަތްތެރިވުމުން އަސަރާ އެކު އޭނާ ދިރިއުޅޭނެ އެއްވެސް ބޯހިޔާވަހިކަމެއް ނެތް ކަމަށާއި ވަޒީފާއެއް ނެތް ކަމާއި ނިދަނީ ވެސް މަގުމަތީގައި ނުވަތަ ޖޯލިތަކުގައި ކަމަށް ބުނެފައިވޭ

  • ފުލުހުން ފާހަގަކުރާ ގޮތުގައި މީގެ ކުރިން ވެސް އުފަށް ރަަށަށް ބަދަލުވުމަށް އޭނާ އެދިގެން އެ ފުރުސަތު ފަހިކޮށްދީފައިވޭ

  • އޭނާ ބުނާ ގޮތުގައި ރަށަށް އެ ފަހަރު ބަދަލު ނުވެވުނީ ޖޯއްޔެއްގައި ނިދާފައި އޮއްވައި ޖީބު ކީހާލައިގެން ފައިސާ އާއި ފޯނު ވަގަށް ނަގާފައިވާތީ

"އޭނާގެ ހާލަތަށް ރިއާޔަތްކޮށް ފުލުހުންގެ އިންތިޒާމުތަކުގެ ތެރެއިން މީނާ ބަންދުގައި ބަހައްޓާ ތަން އުފަން ރަށަށް ބަދަލުކުރެވިއްޖެ ނަމަ އެކަން ހާސިލުވާނެ ކަމަށް ޝަރީއަތަށް ފެންނަކަން ހިއްސާކުރެވިފައިވާނެ،" ބަންދު އަމުރުގައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް