އެޓްމިސްފިއާ ކަނިފުށި ރިސޯޓުގައި ޑައިވް ޕްރޮގްރާމެއް ކުރިއަށްގެންދަނީ. (ފޮޓޯ/އެޓްމިސްފިއާ)

ޑައިވް ސެޓްފިކެޓް ހޯދަން އެޓްމޮސްފިއާ ފައުންޑޭޝަނުން އަހަރަކު 10 ދިވެހިންނަށް ސްކޮލަޝިޕް ދެނީ

ސެޓްފިކެޓް ހާސިލްކުރުމަށް ފަހު، ވަކި މުއްދަތަކަށް ރާއްޖޭގައި މަސައްކަތް ކުރަން ޖެހޭނެ
19 ފެބްރުއަރީ 2026

ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ ދިވެހި ހުނަރުވެރިން ބިނާކުރުމަށް، އެޓްމޮސްފިއާ ފައުންޑޭޝަނުން ކޮންމެ އަހަރަކު 10 ދިވެހިންނަށް ދޭ ބައިނަލްއަގްވާމީ ފެންވަރުގެ ޑައިވިން ތަމްރީނާއި ފަންނީ ކުރިއެރުމުގެ އާ ސްކޮލަޝިޕް ޕްރޮގްރާމެއް އިފްތިތާހްކޮށްފި އެވެ.

ވީ ކިހިނެއް؟ - މިއީ ޒުވާނުންގެ ވަޒީފާގެ ކުރިމަގު ބިނާކުރުމަށާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހިންގެ ދައުރު އިތުރަށް ވަރުގަދަކުރުމަށް ފެށި ޕްރޮގްރާމެކެވެ.

ތަފްސީލް - މި ޕްރޮގްރާމްގެ ދަށުން:

  • އަހަރަކު 10 ދިވެހިންނަށް ސްކޮލަޝިޕް ދޭނެ

  • އަލަށް މި ދާއިރާއަށް ވަންނަން ބޭނުންވާ ފަރާތްތަކަށާއި މިހާރު ވެސް މި ދާއިރާގައި މަސައްކަތްކުރަމުން އަންނަ، އިތުރަށް ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ހުޅުވާލާފައިވާ ފުރުސަތެއް

  • އަސާސީ ތަމްރީނުން ފެށިގެން ފަންނީ ފެންވަރަށް ދިވެހިން ކުރިއަށްދިއުމަށް މަގުފަހިކޮށްދޭ މި ޕްރޮގްރާމްގެ ދަށުން، ހޮވޭ ކެންޑިޑޭޓުންނަށް ބޭނުންވާ ސެޓްފިކެޓްތައް ފުރިހަމަކުރުމުގެ ފުރުސަތު ލިބޭނެ

  • ސެޓްފިކެޓް ހާސިލްކުރުމަށް ފަހު، ވަކި މުއްދަތަކަށް ރާއްޖޭގައި މަސައްކަތް ކުރަން ޖެހޭނެ

މި ޕްރޮގްރާމަށް ކުރިމަތިލާނެ ގޮތާއި އިތުރު ތަފްސީލުތައް ކުރިއަށް އޮތް ތަނުގައި ހާމަކުރާނެ ކަމަށް އެ ފައުންޑޭޝަނުން ބުންޏެވެ.

ބުނީ ކީކޭ؟ - އެޓްމޮސްފިއާ ފައުންޑޭޝަނުގެ ނައިބު ރައީސް އަބްދުލްއަޒީޒު އަބްދުލްހަކީމް ވިދާޅުވި ގޮތުގައި، ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތިސާދުގެ މައި ނާރު ކަމަށްވާއިރު، މުސްތަގުބަލް ބިނާވެފައިވަނީ މި ދާއިރާގެ ހުރިހާ ހަރުފަތެއްގައި ވެސް ދިވެހިން ތަމްސީލުކުރެވޭ މިންވަރުގެ މައްޗަށެވެ. އެއީ އެންޓްރީ ލެވެލްގެ އިތުރުން، ހާއްސަ ފަންނީ ދާއިރާތަކާއި އިސް މަގާމުތަކުގައި ވެސް ދިވެހިން ތިބުންކަން އޭނާ ފާހަގަކުރެއްވި އެވެ.

"މި ޕްރޮގްރާމަކީ ތަމްރީނު ހޯދުމަށް ހުރި ހުރަސްތައް ނައްތާލައި، ޒުވާނުންނަށް ބައިނަލްއަގްވާމީ ފެންވަރުގެ ސެޓްފިކެޓްތައް ހޯދައިދީ، އެ ކުދިންގެ ވަޒީފާގެ މާހައުލުގައި އާ އުސްމިންތަކަކަށް ވާސިލުވުމަށް އެހީތެރިވެދޭނެ ޕްރޮގްރާމެއް،" އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގައި ހިދުމަތް ކުރުމުގެ ސަބަބުން، ހޯދާ ހުނަރުތަކުގެ ފައިދާ ރާއްޖެއަށް ލިބި، ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިން ބިނާކުރުމަށް އެހީތެރިކަމެއް ލިބިގެންދާނެ."

ފާހަގަކޮށްލެވޭ - އެޓްމޮސްފިއާ ފައުންޑޭޝަނުން އަންނަނީ މުޖުތަމައުގެ ފާގަތިކަމާއި ޒުވާނުން ބާރުވެރިކުރުވުމުގެ އިތުރުން ދިވެހިންނަށް ދެމެހެއްޓެނިވި ފުރުސަތުތައް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް