ޖަސްޓިސް ބިލްޑިން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

އަނިޔާކުރި ތުހުމަތެއް ސާބިތުކޮށްނުދެވުމުން، އަބުރުގެ ބަދަލުގެ ގޮތުގައި 5،000ރ. ދައްކަން ހުކުމްކޮށްފި

އަބުރާ ބެހުނުކަމަށް ދައުވާކުރި އަންހެން މީހާ ރާއްޖޭގެ ނޫހަކަށް ފިރިހެން މީހާއާ ގުޅޭ ގޮތުން އިންޓަވިއުދީ، އެ ނޫހުން ލިއުން ނެގި ފަހުން ސޯޝަލް މީޑިއާގައި ފިރިހެން މީހާ އޭނާއަށް ޖިސްމާނީ ގޮތުން ފުރައްސާރަކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައިވޭ
17 ފެބްރުއަރީ 2026

ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ފުރައްސާރަ އާއި އަނިޔާކުރި ކަމަށް ބުނެ ތުހުމަތުކޮށް އެއީ ތެދުކަން ކޯޓުގައި ސާބިތުކޮށްނުދެވުމުން އަބުރުގެ ބަދަލު ދިނުމަށް ސިވިލް ކޯޓުން މިދިޔަ ހުކުރު ދުވަހު ހުކުމްކޮށްފި އެވެ.

ވީކިހިނެއް؟ - މި މައްސަލާގައި އަބުރާ ބެހުނު ކަމުގެ ދައުވާ ރައްދުވަނީ އާމިނަތު ނުހާ އަހްމަދު، އަލިވާގެ/ވ. ކެޔޮދޫ އެވެ. އަބުރާ ބެހުނު ކަމަށް ދައުވާކުރި މީހަކީ މުހައްމަދު ޝަރީފް، ހ. އެލިއަތުވިލާ އެވެ.

ތަފްސީލް - ސިވިލް ކޯޓުން ކުރި ހުކުމުން އެނގޭ ގޮތުގައި، ނުހާ ވަނީ ޝަރީފްގެ މައްޗަށް ތުހުމަތުތަކެއްކޮށް 'މިހާރު' ނޫހަށް އިންޓަވިއުއެއްދީ، އެ ނޫހުން 'ސޯޅަ އަހަރުގައި ވިއްކާލި ދަރިފުޅު އަދިވެސް އަނިޔާ ތެރޭ' މި ސުރުހީގައި ލިއުމެއް ޝާއިއުކޮށްފަ އެވެ.

ނަމަވެސް އިންޓަވިއު ދިން ނުހާ ހަގީގަތާ ހިލާފު މައުލޫމާތުތަކެއް ދިންކަން، 'މިހާރު' ނޫހަށް ފަހުން ލިބުނު މައުލޫމާތުތަކުންނާއި ލިޔެކިއުންތަކުން ކަށަވަރުވާތީ ކަމަށް ބުނެ އެ ލިޔުން މިހާރު ވަނީ ނަގައިފަ އެވެ. އަދި ތުހުމަތު ރައްދުވާ ފަރާތުގެ ކިބައިން މައާފަށް ވެސް އެދި، އެ ނޫހުން ބަޔާނެއް ނެރެފައިވާކަން އެނގެ އެވެ.

ލިއުން މިހާރު ފެންނަން ނެތުމުން ސީދާ ތުހުމަތުތައް އެނގެން ނަމަވެސް، ނުހާ ފަހުން ކޮށްފައިވާ ޕޯސްޓްތަކުން ބައެއް ތުހުމަތުތައް އެނގެ އެވެ. އެގޮތުން:

  • އޭނާއަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ފުރައްސާރަކޮށް އަނިޔާކުރި ކަމުގެ ތުހުމަތު

  • އޭނާގެ ދަރިން ގާނޫނާއި ގަވާއިދު ހުއްދަ ނުކުރާ ގޮތަކަށް އޭނާގެ ފަރާތުން ނިގުޅައިގެންފައިވާ ކަމުގެ ތުހުމަތު

މި ތުހުމަތުތައްކޮށް ކުރި ޕޯސްޓްތަކުގައި ޝަރީފްގެ ނަމާއި ދިރިއުޅޭ ތަނާއި ވަޒީފާ އަދާކުރާ ތަން ވެސް ހާމަކޮށް އެނގޭ ގޮތަށް ލިޔެފައިވާކަން، ކޯޓުގެ ހުކުމުން އެނގެ އެވެ.

އަބުރުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމަށް ޝަރީފް އެދުނީ:

  • މައުނަވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 5،000ރ.

  • މާއްދީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 3،580،000ރ. އާއި 288،000 ޑޮލަރު: މިއީ ޝަރީފަށް ލިބުނު ކޮންޓްރެކްޓަކުން އޭނާއަށް ދެ އަަހަރު ދުވަހުން ލިބޭނެ އާމްދަނީ، ނަމަވެސް މި ތުހުމަތުތަކުގެ ސަބަބުން ކޮންޓްރެކްޓް ކެންސަލްވެފައިވާ ކަމަށް ބުނި

ހުކުމް - ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ ސުޕްރީމް ކޯޓުން ނިންމާފައިވާ މައްސަލަތަކުގައި ވެސް އަބުރާ ބެހުން ފަދަ މަދަނީ މައްސަލަތަކުގައި ތުހުމަތެއް ސާބިތުކުރުމުގެ ބުރަ އޮންނާނީ ދައުވާ ލިބޭ ފަރާތުގެ މައްޗަށް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

އެހެންކަމުން ޝަރީފްގެ މައްޗަށް ނުހާ ކުރާ ތުހުމަތުތައް ސާބިތުކުރަން ޖެހޭނެ ކަމަށާއި ސާބިތުނުކުރެވޭ ހާލަތުގައި ބަލަން ޖެހޭނީ ސާބިތުނުހިފޭ ވާހަކަތަކެއްގެ މައްޗަށް އަބުރަށް އުނިކަން އަންނާނެ ގޮތަށް ވާހަކަ ފަތުރަމުންދާ ކަމަށް ހުކުމުގައިވެ އެވެ.

ނުހާ ކުރި ތުހުމަތަށް ބާރު ދިނުމަށް ޝަރީއަތަށް ހަމައެކަނި ހުށަހެޅީ އޭނާ ފުލުހަށް ހުށަހެޅި މައްސަލައެއްގެ ކޭސް ނަންބަރު ކަމުން، އެކަން ސާބިތުކޮށްނުދެވޭ ކަމަށް ހުކުމުގައިވެ އެވެ.

އަބުރުގެ ބަދަލު ނަގަން ޖެހޭ ކަމަށް ކޯޓުން ކަނޑައެޅި ނަމަވެސް މާއްދީ ގޮތުން ލިބުނު ގެއްލުމުގައި ބަޔާންކުރާ އަދަދަށް ގެއްލުން ލިބުނުކަން ސާބިތުވާނެ އެއްވެސް ހެއްކެއް ހުށަހަޅާފައި ނެތް ކަމަށް ކޯޓުގެ ހުކުމުގައިވެ އެވެ.

އެހެންވެ ކޯޓުން ހުކުމްކުރީ މައުނަވީ ބަދަލުގެ ގޮތުގައި 5،000ރ. އެއް މަސްދުވަހުގެ ތެރޭގައި ދިނުމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް