އިދިކޮޅު އެމްޑީޕީގެ ކެމްޕެއިން 'ހޭވައްލާ ތައްޔާރު' ލޯންޗުކުރުމަށް އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ޝާހިދު ވާހަކަދައްކަވަނީ. (ފޮޓޯ/އެމްޑީޕީ)

އަބްދުﷲ ޝާހިދު

ރިޔާސީ އިންތިހާބު ނަގާލައި ވެރިކަމަށް ވެސް ނަގާނީ ފެންނަ ނުފެންނަ ވޯޓު: ޝާހިދު

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން މަޖިލީހުގެ ދައުރު ކުރުކުރުމުގެ ފެންނަ ނުފެންނަ ވޯޓު ނަގަނީ، ފަހުން ރިޔާސީ އިންތިހާބު ނަގާލައި ވެރިކަމަށް ވެސް ފެންނަ ނުފެންނަ ވޯޓެއް ނަގަން ވެގެން ކަމަށް އެމްޑީޕީގެ ރައީސް ޝާހިދު ވިދާޅުވި
12 ފެބްރުއަރީ 2026
1

އަންނަ ލޯކަލް ކައުންސިލްގެ އިންތިހާބާ އެކު، މިހާރުގެ މަޖިލީހުގެ ދައުރު ކުރުކުރުމުގެ ފެންނަ ނުފެންނަ ވޯޓު ނަގަނީ، ފަހުން ރިޔާސީ އިންތިހާބު ނަގާލައި ވެރިކަމަށް ވެސް ފެންނަ ނުފެންނަ ވޯޓެއް ނަގަން ވެގެން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެ އެވެ.

ވީކިހިނެއް؟ - ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައި މިހާރުގެ މަޖިލީހުގެ ދައުރު ޑިސެމްބަރު 2028އަށް ކުރުކުރާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއަށް ވަނީ އިސްލާހެއް ގެނެސްފަ އެވެ.

މަޖިލީހުގެ ދައުރު ބަދަލުކުރާ ނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވެ އެވެ. ސަރުކާރުން މަސައްކަތްކުރަމުން އަންނަނީ ލޯކަލް ކައުންސިލް އިންތިހާބާ އެކު 4 އޭޕްރީލްގައި އެ ފެންނަ ނުފެންނަ ވޯޓު ނެގުމަށެވެ.

ބުނީ ކީކޭ؟ - އިދިކޮޅު އެމްޑީޕީގެ ކެމްޕެއިން 'ހޭވައްލާ ތައްޔާރު' ލޯންޗުކުރުމަށް އާޓިފިޝަލް ބީޗުގައި ކުރިއަށްދާ ޖަލްސާގައި ޝާހިދު ވިދާޅުވީ އެ ފެންނަ ނުފެންނަ ވޯޓުގެ ފަހަތުގައި ވަނީ ހުދުމުހުތާރު ވެރިކަމެއް ކުރުމުގެ ހީލަތްތެރި ރޭވުމެއް ކަމަށެވެ.

ޝާހިދު ވިދާޅުވީ، ރައީސް މުހައްމަދު މުއިއްޒު ހަގީގަތުގައި ބޭނުންފުޅުވަނީ މަޖިލީހުގެ ދައުރު ކުރުކުރަން ނަގާ ވޯޓަށް ފަހު، ރިޔާސީ ދައުރު ދިގުކުރަން ފެންނަ ނުފެންނަ ވޯޓެއް ނަންގަވަން ކަމަށެވެ.

"މި އަހަރު އެ އަހަނީ ކުރުކޮށްލަން. މި އަންނަ އަހަރު އަހާނީ ދިގުކޮށްލަން. ރައީސުލްޖުމްހޫރިއްޔާގެ ދައުރު 10 އަހަރަށް ޖައްސާލަން. އޭރުން އަޅުގަނޑުމެން ކުރާނެ ކަމެއް ނޯންނާނެ،" ޝާހިދު ވިދާޅުވި އެވެ.

އޭގެ ފަހުގައި ރާއްޖޭގައި ރިޔާސީ އިންތިހާބު ވެސް އޮވެދާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް ޝާހިދު ވިދާޅުވި އެވެ.

"ދެން ރާއްޖޭގައި ރިޔާސީ އިންތިހާބެއް ވެސް ނޯންނާނެ. ދެން ނަގާނީ މުޅިން ވެސް ފެންނަ ނުފެންނަ ވޯޓު. ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގައި ހުންނަވަން ފެންނަ ނުފެންނަ ވޯޓު. އެ ހިސާބުން އަޅުގަނޑުމެން ހަރާބުވީ، މި ރާއްޖޭގެ ޑިމޮކްރެސީ ވަޅުލެވުނީ،" ޝާހިދު ވިދާޅުވި އެވެ.

ކޮމެންޓް (1)

ކޮސް

12 ފެބްރުއަރީ 2026
މުއިއްޒުގެ ހީލަތްތެރި ރޭވުން މިފަހަރު ވާނެ ނިމުމަކަށް ގެންނަން
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް