މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް)ގައި ހެދި ޑީއެންއޭ ލެބޯޓްރީ އިއްޔެ ހުޅުވަނީ. (ފޮޓޯ/ހެލްތު މިނިސްޓްރީ)

ތެލަސީމިއާ

ތެލަސީމިއާއަށް ޓެސްޓުކުރަން ޑީއެންއޭ ލެބޯޓްރީ ހުޅުވައިފި

މީގެ ކުރިން ރާއްޖޭގައި މި ހިދުމަތް ފޯރުކޮށްދެމުން އައީ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ)ން އެކަނި
9 ފެބްރުއަރީ 2026

ސަރުކާރުގެ ހޮސްޕިޓަލެއްގައި ތެލަސީމިއާގެ އެކި ޓެސްޓްތައް ހެދޭނެ އިންތިޒާމު ފުރަތަމަ ފަހަރަށް ހަމަޖައްސައި މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް)ގައި ޑީއެންއޭ ލެބޯޓްރީއެއް އިއްޔެ ހުޅުވައިފި އެވެ.

ވީ ކިހިނެއް؟ - 2.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި މި ލެބޯޓްރީ ހުޅުއްވައިދެއްވީ އެ ތަނުގައި ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ.

ތަފްސީލް - މިއީ ތެލަސީމިއާ އަދި ހީމޮގްލޮބިންއާ ގުޅޭ ތަހުލީލުތައް ހެދުމަށް ސަރުކާރުން ހުޅުވި ފުރަތަމަ ލެބޯޓްރީ އެވެ.

މި ހިދުމަތުގެ ސަބަބުން ލިބޭނެ އެންމެ ބޮޑު އެއް ފައިދާއަކީ:

  • ޅައުމުރުގައި އަދި ކައިވެނިކުރުމުގެ ކުރިން ތެލެސީމިއާ ވާރުތަކުރާ ގޮތް ހުންނަ ފަރާތްތައް ދެނެގަތުން

  • މީގެ ސަބަބުން ތެލަސީމިއާ ކޮންޓްރޯލް ކުރުމަށާއި ތެލަސީމިއާ ޕްރީނޭޓަލް ޑައިގްނޯސިސްގެ ހިދުމަތް ފެށުމަށް ކުރާ މަސައްކަތަށް ބޮޑު ބާރަކަށް ވެގެންދާނެ

މީގެ ކުރިން ރާއްޖޭގައި މި ހިދުމަތް ފޯރުކޮށްދެމުން އައީ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ)ން އެކަންޏެވެ.

ބުނީ ކީކޭ؟ - ލެބޯޓްރީ ހުޅުވުމަށް ބޭއްވި ހަފުލާގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ، މި ލެބޯޓްރީގެ ސަބަބުން އާއިލީ ގޮތުން ވާރުތަކުރާ ލޭގެ މިއުޓޭޝަންސްގެ މުހިއްމު ބާވަތްތައް ރާއްޖޭގައި ތަހްލީލުކޮށް، އޭގެ ނަތީޖާ އަވަހަށް ލިބިގެންދާނެ ކަމަށެވެ. އެގޮތުން، މި ލެބޯޓްރީ މެދުވެރިކޮށް 27 ބާވަތެއްގެ މިއުޓޭޝަންސް ދެނެގަނެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ހަލީމް ވިދާޅުވީ، މިއީ ލޭގެ ފަރުވާ ހޯދާ ފަރާތްތަކަށް ނުހަނު މުހިއްމު ތަހުލީލުތަކެއް ކަމަށާއި، ރާއްޖޭގައި ފެންނަ ލޭގެ ބަލީގެ ބާވަތްތަކަށް ބަލައި މިކަމަށް ހާއްސަކޮށްގެން ކިޓްތައް ފަރުމާކޮށްފައިވަނީ ދިވެހިންނަށް ހާއްސަ މިންގަނޑުތަކަކަށް ރިއާޔަތްކޮށްގެން ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް