ށ. ފޯކައިދޫގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަދައްކަވަނީ(ފޮޓޯ/އެމްޑީޕީ)

ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު އަނެއްކާވެސްވީ ޖޯކު ވައުދުތަކެއް: ސޯލިހު

ސޯލިހު ވިދާޅުވީ މި ސަރުކާރުން ކުރިން ވެފައިވާ ވައުދުތަކުންވެސް އެއްވެސް މަސައްކަތެއް ކުރެވިފައިނުވާ ކަމަށް؛ ހަމައެކަނި ކުރާކަމަކީ ސިޔާސީ ވަޒީފާތައް ދިނުން ކަމަށް ވިދާޅުވި

މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް މުހައްމަދު މުއިއްޒު އަނެއްކާވެސް ވެވަޑައިގަތީ ޖޯކު ވައުދުތަކެއް ކަމަށާއި އަމަލީ ގޮތުން ތަންފީޒުކުރެވޭނެ އެއްވެސް ވައުދެއް ވެވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ސޯލިހު މިހެން ވިދާޅުވީ ކުރިއަށް އޮތް ކައުންސިލް އަދި އަންހެނުންގެ ތަރައްގީ މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ކެމްޕޭނަށް ށ. ފޯކައިދޫގައި ރޭ ބޭއްވި ޖަލްސާގަ އެވެ.

ބުނީ ކީކޭ؟ - މި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ސޯލިހު ވިދާޅުވީ، ޕީއެންސީ ކައުންސިލަރުންނަށް ކައުންސިލްތައް ދީގެން ރަށުގެ ތަރައްގީއަށް އެއްވެސް މަސައްކަތެއް ނުކުރެވޭނެ ކަމަށާއި ޕީއެންސީގެ ކައުންސިލަރުން ހަމައެކަނިކުރާނެ ކަމަކީ ސަރުކާރުން ބުނާގޮތަކަށް ކަންކަން ކުރުން ކަމަށެވެ.

ޕީއެންސީއަކީ ފެށުނީއްސުރެ ވެސް ލާމަރުކަޒީ ނިޒާމު ގަބޫލުކުރާ ބައެއް ނޫން ކަމަށާއި މި ސަރުކާރުން އަމަލުކުރަމުންދަނީ ވެސް މުޅި ނިޒާމު ފުޑާލުމަށް ކަމަށް ސޯލިހު ވިދާޅުވި އެވެ. އެގޮތުން، މިއަހަރުގެ ރިޔާސީ ބަޔާނުގައި ވެސް ލާމަރުކަޒީ ނިޒާމު ފައްކާކޮށް، ކުރިއަށް ގެންދިއުމާއި އެކަމަށްޓަކައި ގާނޫނަށް އެއްވެސް ބަދަލެއް ގެންނާނެ ވާހަކަ ރައީސް މުއިއްޒު ނުދައްކަވާކަން ސޯލިހު ފާހަގަކުރެެއްވި އެވެ.

"[މިއަހަރުގެ ރިޔާސީ ބަޔާނުގައި] އަނެއްކާވެސްވީ ޖޯކަކަށް ވާކަހަލަ ވައުދުތައް. މިކަހަލަ މިކަހަލަ ވާހަކަތަކެއް ވިދާޅުވަމުން އެ ގެންދަވަނީ. އަމަލީ ގޮތުން ތަންފީޒުކުރެވޭނެ އެއްވެސް ކަމެއްގެ ވާހަކަ ރިޔާސީ ބަޔާނުގައި ވިދާޅެއްނުވޭ،" ސޯލިހު ވިދާޅުވި އެވެ. 

ރިޔާސީ ބަޔާނުގައި ޖޯކު ވައުދުތަކެއްވީ ކަމަށް ވިދާޅުވާ ސަބަބަކަށް ސޯލިހު ދެއްކެވީ، ސަރުކާރު ކުންފުނިތަކުން ތަރައްގީކުރާ ރިސޯޓުތަކުން ކޮންމެ ދިވެހި ކޮންމެ ރައްޔިތަކަށް އަހަރަކު މަދުވެގެން 400 ޑޮލަރު ލިބޭނެ ކަމަށް ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވުމުންނެވެ.

ސޯލިހު ވިދާޅުވި ގޮތުން:

  • ކޮންމެ މީހެއްގެ ޖީބަށް އަހަރަކު 400 ޑޮލަރު ލާ ނަމަ، ސާފު ފައިދާގެ ގޮތުގައި ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ހޯދަން ޖެހޭނެ

  • އެ ފައިސާ ހޯދޭނީ 800 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރިއަށް ގެންގޮސްގެން 

  • އެ ފައިސާ ނެރެނީ ކޮންތާކުންތޯ ސުވާލުކުރެއްވި

މި ސަރުކާރުން ކުރިން ވެފައިވާ ވައުދުތަކުން ވެސް، ރަށްރަށުގައި މަޝްރޫއުތައް ފަށައި ބިންގާއެއް އެޅުން ފިޔަވައި އެއްވެސް މަސައްކަތެއް ކުރެވިފައިނުވާ ކަމަށާއި އަޅާފައިވާ ބިންގާތައް ވެސް ފަހުން އޮންނަނީ ގެއްލިފައި ކަމަށް ސޯލިހު ވިދާޅުވި އެވެ. މި ސަރުކާރުން ހަމައެކަނި ކުރަމުންދާ ކަމަކީ ސިޔާސީ ވަޒީފާތައް ދިނުން ކަމަށް ސޯލިހު ވިދާޅުވި އެވެ.

ސޯލިހު މިސާލަކަށް ނެންގެވީ ލ. އަތޮޅުގެ ރަށެކެވެ. އެގޮތުން، 300އެއްހާ މީހުން ދިރިއުޅޭ އެރަށުގައި 60 މީހުންނަށް ސިޔާސީ ވަޒީފާދީފައިވާ ކަމަށާއި އެހެންވެ ރަށުގައި ކުރަމުން އައި މަސްވެރިކަން  ހުއްޓި، އިގްތިސޯދީ މަސައްކަތެއް ކުރިއަށް ގެންދެވޭނެ ގޮތް މިހާރު ނެތް ކަމަށް ސޯލިހު ވިދާޅުވި އެވެ. ސިޔާސީ ވަޒީފާތައް ދިނުމާ ދެކޮޅު ނުހަދާކަން ފާހަގަކުރައްވާ ސޯލިހު ވިދާޅުވީ އެެކަމަކު އެ ވަޒީފާތައް ދޭންވާނީ އެ ތަނަކަށް ބޭނުންވާ މިންވަރަށް އެކަނި ކަމަށެވެ.

ސޯލިހު އިތުރަށް ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމުގައި "ތަރައްގީ ގެނެވުނީ" ރާއްޖެ ތަރައްގީކުރުމުގައި ބާރުތައް ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލާ ސިޔާސަތެއް ގެންގުޅުމުން ކަމަށެވެ.

އެހެންކަމުން، މި ސަރުކާރަށް ނޫނެކޭ ބުނުމަށް ވެސް އެމްޑީޕީގެ ކައުންސިލަރުން މިފަހަރުގެ ކައުންސިލްތަކަށް ހޮވަންޖެހޭ ކަމަށް ސޯލިހު ވިދާޅުވި އެވެ. އެކަމަކު އެ މަސައްކަތް ފަސޭހަ ނުވާނެ ކަމަށާއި ގޮންޖެހުންތައް ބޮޑުވާނެކަން އެނގިލައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމެންޓް (1)

ތެފައާސާ.

8 ފެބްރުއަރީ 2026
ވެން އާސަންދަ މެޑިސިންގ އިޒް ނޮޓް އެވެއިލެބެލް، ލާފްޓާރ އިޒް ދަ ބެސްޓް މެޑިސިންގ. އެހެންވީމާ ޖޯކު ކިޔުމަކީ މައްސަލައެއް ނޫން ދެއްތޯ؟
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް