2026 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށާއި ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ މަޖިލީހުގެ ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަނީ (ފޮޓޯ/ރައީސް އޮފީސް)
ބިމު ކުއްޔާއި ޓެކްސް ދައްކަން ނުޖެހޭ ގޮތަށް އައްޑޫ ވިޔަފާރި ހަބަކަށް ހަދަނީ
އައްޑުއަކީ ރާއްޖޭގެ ފުރަތަމަ ވިޔަފާރި ހަބަށް ހެދުމަށްޓަކައި، ދައުލަތަށް ދައްކަންޖެހޭ ބިމު ކުއްޔާއި އިންކަމް ޓެކްސް ނުނަގާ ގޮތަށް، އެ ސަރަހައްދުގައި އިންވެސްޓުކުރާ ވިޔަފާރިތަކަށް ލުއިދީ، އިންވެސްޓުކުރުމުގެ ފުރުސަތު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހުޅުވާލަން ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ތަފްސީލް - މިކަން ރައީސް އިއުލާންކުރެއްވީ، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި އިއްވި ރިޔާސީ ބަޔާނުގަ އެވެ.
ރައީސް ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރީތައް އިތުރުކޮށް، ކުރިއަރުވައި މަގުފަހިކުރުވުމުގެ ގޮތުން ރާއްޖޭގެ ކަނޑައަޅޭ ވަކި ސަރަހައްދުތަކެއް، ކަނޑައެޅޭ ވަކި މުއްދަތުތަކަަކަށް ގިނަ ލުއިތަކަކާ އެކު ކުދި އަދި މެދުފަންތީގެ އިންވެސްޓްމަންޓުތަކަށް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.
މިގޮތުން، ބިމު ކުއްޔާއި އިންކަމް ޓެކްސް ފަދަ ސީދާ ވިޔަފާރިތަކުން ދައުލަތަށް ދައްކާ ޓެކްސް ނުދައްކާ ގޮތަށް ހަމަޖެއްސުމާއި އެހެނިހެން އިންސެންޓިވްތައް ދިނުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.
އެ ލުއިތަކާ އެކު، އައްޑޫގައި އިންވެސްޓުކުރަން ހުޅުވާލާނީ، އަންނަ އަހަރުން ފެށިގެން ތިން އަހަރުގެ މުއްދަތަކަށް ކަމަށް ރައީސް ވިދާޅުވި އެވެ.
"މިގޮތުން އެންމެ ފުރަތަމަ ހުޅުވާލާ ސަރަަހައްދެއްގެ ގޮތުގައި އައްޑޫ ސިޓީ އާއި އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫ ހިމެނޭހެން އައްޑު އަތޮޅަކީ 1 ޖެނުއަރީ 2027އިން ފެށިގެން ތިން އަހަރު ދުވަހަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިންވެސްޓުކުރުމަށް ގިނަ ލުއިތަކެއް ލިބިގެންދާނެ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅަން ނިންމާފައިވާ ކަން އިއުލާންކުރަން،" ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ:
-
މިކަން ތަންފީޒުކުރުމަށް ގާނޫނީ ގޮތުންނާއި އިދާރީ އަދި ފަންނީގޮތުން މަގުފަހިކޮށްދޭންޖެހޭ ކަންކަން މިއަހަރު ތެރޭ ހަމަޖައްސާނަން
-
އޭގެ ސަބަބުން ކުދި އަދި މެދުފަންތީގެ ސިނާއަތް ބޮޑަށް ފުޅާވެ ކުރިއަރައި އެތައް ވަޒީފާއެއް އުފެދޭނެ
-
މިއީ އައްޑޫގެ އިތުރުން މުޅި ރާއްޖެއަށް ވެސް އިގްތިސާދީ ގޮތުން ގިނަ ފައިދާތަކެއް ކުރާނެ ކަމަށް
"މިފުރުސަތުގެ ބޭނުންކޮށް އައްޑޫ އަތޮޅަކީ ރާއްޖޭގެ އައިޓީ ހަބްގެ ގޮތުގައި ހެދުމަށް އެކަމަށް ޝައުގުވެރިކަން ހުރި އެންމެހާ ފަރާތްތަކަށް ސަރުކާރުން ދައުވަތުދެން،" ރައީސް ވިދާޅުވި އެވެ.