މީގެ ކުރިން ކުރިއަށް ގެންދިޔަ، ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ލިބިފައިފާ ގޯތި ގުޅީފަޅަށް ބަދަލުުކުރުމަށް ހުށަހެޅި މީހުންގެ ގުރުއަތުލުމުގެ ތެރެއިން(ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
އާ ލޭްންޑް ޔޫސް ޕްލޭންގެ ދަށުން ގިރާވަރު ފަޅުން ގޯތި ލިބޭ ސަރަހައްދުތަކުގެ ގުރުނެގުން ފަށައިފި
ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެސްފައިވާ ބަދަލާ އެކު 'ބިންވެރިޔާ' ސްކީމުގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ މީހުންގެ ބިމުގެ ސަރަހައްދުތައް ކަނޑައެޅުމަށް ނަގާ ގުރުއަތުލުން މިއަދު ފަށައިފި އެވެ.
ވީ ކިހިނެއް؟ - މީގެ ކުރިން އާންމުކޮށްފައިވާ ގިރާވަރުފަޅުގެ ލޭންޑު ޔޫސް ޕްލޭނުގައި އެ ސަރަހައްދުން ދޫކުރަން ހަމަޖެހިފައިވާ 610 ގޯތި މަދުވާތީ އެ އަދަދު ހިމަނައިގެން ގިރާވަރުފަޅުން ދޫކުރަންޖެހޭ ޖުމްލަ 4،072 ގޯއްޗާ އެކު އާ ލޭންޑް ޔޫސް ޕްލޭން މިހާރު އެކުލަވާލައި ވަނީ އާންމުކޮށްފަ އެވެ.
މިއާއެކު، ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ސަރަހައްދަށް ބަދަލު އައިސްފައިވުމުން، އާ ލޮޓް ނަންބަރުތަކެއް ވަނީ ކަނޑައަޅާފަ އެވެ. މިއަދު ކުރިއަށް ދަނީ، މި ބަދަލާ ގުޅިގެން ގިރާވަރުފަޅުން ގޯތި ހަވާލުކޮށްފައިވާ ފަރާތްތަކުގެ މެދުގައި އާ ޕްލޮޓް ކަނޑައެޅުމަށްޓަކައި ގުރުނެގުމުގެ މަސައްކަތެވެ.
ތަފްސީލް - މި ބަދަލާއިއެކު ގިރާވަރު ފަޅުން ގޯތިލިބޭ ފަރާތްތަކަށް ލިބޭ ޕްލޮޓްގެ ގުރުއަތުލުމުގެ ކަންކަން ކުރިއަށް ގެންދާނީ އެކަމަށް ކަނޑައަޅާފައިވާ މި މިނިސްޓްރީގެ މުވައްޒަފުންނެވެ.
މިނިސްޓްރީން ބުނިގޮތުގައި:
-
ގިރާވަރުފަޅުން ބިން ލިބޭ މީހުންގެ ތެރެއިން ގުރުއަތުލާ ހޯލަށް، ކޮންމެ ޕްލޮޓަކަށް އެކަކަށް ވަދެވޭނެ
-
ގުރުއަތުލާއިރު ޕްލޮޓް ކަނޑައެޅޭ މީހުންނަށް ލިބުނު ޕްލޮޓް ނަންބަރު އެސްއެމްއެސް ގެ ޒަރިއްޔާއިން ވަގުތުން ލިބޭނެ
-
ގޯތިލިބޭ މީހުންގެ ގުރުއަތުލުން ނިމުމުން، ގޯތިތަކުގެ ރަޖިސްޓްރީ އާއި ބިން ލިބޭ މީހުންނާއެކު ހަދާ އެއްބަސްވުންތަކާ ގުޅޭ މައުލޫމާތު ފަހުން ހިއްސާކުރާނެ
-
ބިން ހިއްކާ ނިމުމުން، ގޯތި ލިބިފައިވާ ފަރާތްތަކާ ގޯތި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ
އެނގުން މުހިންމު - ގިރާވަރުފަޅުން ދޫކުރާ ގޯތީގެ އަދަދާއި ބޮޑުމިން:
-
1،250 އަކަފޫޓުގެ 2603 ގޯތި
-
1،650 އަކަފޫޓުގެ 1214 ގޯތި
-
2،050 އަކަފޫޓުގެ 254 ގޯތި
-
2،450 އަކަފޫޓުގެ 1 ގޯތި