ޕީއެންއެފްގެ ޖަލްސާއެއްގައި ކުރީގެ ރައީސް ޔާމީން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ރާއްޖޭގައި އިހުތިރާމު ލިބެނީ ވައްކަންކުރާ ވެރިންނަށް: ޔާމީން

ވައްކަންކުރާ ސިޔާސީ ވެރިން ފައިސާ އާއި އެހެނިހެން މުދާ ބަހަމުންދާތީ ރައްޔިތުންގެ އިހުތިރާމު ވެސް ލިބެނީ އޭގެ ވެރިންނަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވި

ރާއްޖޭގައި ވައްކަން ކުރާ ވެރިންގެ މައްޗަށް ގާނޫނު ނުހިނގާ ކަމަށާއި ގިނަ ފަހަރަށް ރައްޔިތުންގެ އިހުތިރާމު ވެސް ލިބެނީ އެ ވެރިންނަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ވީކިހިނެއް؟ - ސިލްސިލާކޮށް ކޮންމެ ބުރާސްފަތި ދުވަހުގެ ރެއަކު ޔާމީންގެ ގެކޮޅުގައި ހުންނަ ޕީއެންއެފްގެ އޮފީހުގައި ކުރިއަށްދާ ޖަލްސާތަކުގެ ތެރެއިން ރޭގެ ޖަލްސާގައި ވާހަކަ ދެއްކީ މާލެ ސިޓީ ކައުންސިލްގެ ކޮރަޕްޝަނާއި އެމްޑީޕީގެ ޕްރައިމަރީ މާލޭގެ މޭޔަރު އާދަމް އާޒިމް ކާމިޔާބުކުރެއްވި ވާހަކަ އެވެ.

ބުނީ ކީކޭ؟ - ޔާމީން ވިދާޅުވީ ރާއްޖޭގައި ހަގީގަތުގައި ކޮރަޕްޝަން ހިންގާ ސިޔާސީ ވެރިންނާ ހަމައަށް ގާނޫނު އަރާ ހަމަ ނުކުރާ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަން ހިންގި ކަމަށް ޝަރީއަތުގައި އެއްބަސްވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހުކުމް ތަންފީޒު ކުރީ ވެސް ގޭގައިކަން ޔާމީން ފާހަގަކުރެއްވި އެވެ. އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފަހުކޮޅު އެ ދެ ބޭފުޅުން މިނިވަންކުރިކަން ވެސް ޔާމީން ފާހަގަކުރެއްވި އެވެ.

މިދިޔަ ދެ ސަރުކާރުން ވެސް ފެނުނު ކަމަކީ ޖިނާއީ އަދުލުގެ ނިޒާމު ހިނގަނީ އާދައިގެ ވަގުންގެ މައްޗަށް އެކަނިކަން ކަމަށް ޔާމީން ވިދާޅުވި އެވެ. އޭރު ޖަލު ހުކުމް ނިމެންދެން ތަންފީޒުކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް ބޮޑެތި ވައްކަންތައްކުރާ މީހުންނަށް ލިބެނީ އަދަބުގެ ބަދަލުގައި ހިމާޔަތްކަމަށް ޔާމީން ވިދާޅުވި އެވެ.

"މި ތަނުގައި ވައްކަންކުރަންޏާ ކޮންމެވެސް ކޮންމެވެސް ކުޑަކުޑަ އަދަދެއްގެ އެއްޗެއް ނުނަގާތި. އެއީ އެ ހުކުމް ތަންފީޒުކުރާނެ މުއްދަތު ނިމެންދެން. ވައްކަން ކުރަންޏާ ކުރަންވާނީ ބޮޑެތި އަދަދުތަކުން. ތަންފީޒެއް ނުކުރާނެ. ތިން ދުވަހު ޖަލުގަ ހުރެފައި ނުކުންނާނެ އިނގޭތޯ،" ޔާމީންގެ ވެރިކަމުގައި ހިނގި ކޮރަޕްޝަނަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު ވިދާޅުވި އެވެ.

ދެން އެ މަނިކުފާނު ވިދާޅުވީ ރައްޔިތުންގެ އިހުތިރާމު އަދި ވޯޓު ވެސް ގިނަ ފަހަރު ލިބެނީ ވައްކަންކުރާ މީހުންނަށް ކަމަށެވެ.

"ވަގަށް ނަގާ ފައިސާ އެބަ ބަހާތާ. އިހުލާސްތެރިކޮށް ފައިސާ ހޯދާ މީހުންނަށް ބަހާނެ ފައިސާއެއް ނޯންނާނެ. ވަގަށް ނަގާ މީހުން ހަމަ މުއް ޖަހާލާފައި ދޭންވީތާ،" ޔާމީން ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަން މައްސަލައިގައި، ފަހުން ބާތިލުކުރި ޖަލު ހުކުމް ތަންފީޒުކުރެއްވި ޔާމީން ވިދާޅުވީ، ސިޔާސީ ޕާޓީތައް ވެސް ވަރަށް ކޮރަޕްޓް ވެފައިވާ ކަމަށެވެ. ކުރީގައި ސިޔާސީ މަސައްކަތް ރާއްޖޭގައި ކުރީ ވަރަށް ފޯރީގައި، އޭރެއްގެ އޮންނަ އިދިކޮޅަކުން ސަރުކާރު ޖަވާބުދާރީކުރުވުމާއި ފާޑުކިއުމުގެ ކަންކަން ވަރަށް ގަދައަށް ކުރި ކަމަށް ވިދާޅުވި އެވެ. ނަމަވެސް މިހާރު އިދިކޮޅު ހަރަކާތެއް ވެސް ނެތް ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް (3)

އަފުން

30 ޖެނުއަރީ 2026
މަނިކުފާނުގެ އަމިއްލަ ތަޖުރިބާ ދެއްތޯ، މަނިކުފާނުގެ އެކައުންޓަށް ޖަމާވީ ކިހާވަރެއްތޯ.
1 1

ތެފައާސާ.

30 ޖެނުއަރީ 2026
ހަމަ ސީދާ އަމަލީ ތަޖުރިބާއާއި އެކީ އެވިދާޅުވެދެއްވީ އެކަންއޮތްގޮތް.
6 1

ާޖެނިން

30 ޖެނުއަރީ 2026
މީނާ މިވާހަކަ ދެއްކީމަ ، ދެން ނެތް މީގަ ބުނާނެ އެއްޗެއް
9 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް