ނ. ވިހަފަރުގައި އެއާޕޯޓެއް އަޅަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ (ފޮޓޯ/ރައީސް އޮފީސް)

ނ. ވިހަފަރު އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ފަށައިފި

އެ މަޝްރޫއުގެ ދަށުން 40 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއް، 1.6 މީޓަރުގެ އުސްމިނުގައި ހިއްކާނެ
29 ޖެނުއަރީ 2026

ނ. ވިހަފަރުގައި އެއާޕޯޓު ތަރައްގީކުރަން ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

ވީ ކިހިނެއް؟ - އެ މަސައްކަތް ފަން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް މުހައްމަދު މުއިއްޒު އެވެ. މަޝްރޫއުގެ އަމަލީ މަސައްކަތް އިފްތިތާހުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު އެވެ.

އެ ރަސްމިއްޔާތަށް ފަހު ރައީސް އާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ބޭފުޅުން ވަނީ އެ މަޝްރޫއު ކުރިއަށްދާ ގޮތް ބައްލަވާލައްވައިފަ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު، އެމްއޭސީއެލްގެ އެމްޑީ ޝަރީފްއާ ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)
އިކޮނޮމިކް މިނިސްޓަރު ސައީދު އާއި އެމްއޭސީއެލްގެ އެމްޑީ ޝަރީފު، އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވަނީ. (ފޮޓޯ/ރައީސް އޮފީސް)

ތަފްސީލު - ވިހަފަރުގައި އެއާޕޯޓެއް ތަރައްގީކުރަން ރައީސްގެ ގަރާރަކުން ކަނޑައަޅުއްވައި އިއުލާންކުރެއްވީ މާޗު 2024 ގަ އެވެ. މިދިޔަ ޖުލައިގައި ނ. އަތޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، މި އަހަރުގެ ކުރީކޮޅު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވި އެވެ.

ރައީސް ގަބޫލުކުރައްވާ ގޮތުގައި ނ. މާފަރުގައި އެއާޕޯޓެއް އޮތް ނަމަވެސް، އެ އަތޮޅު ހޮޅުދޫ، ވެލިދޫ އަދި ފޮއްދޫ ހިމެނޭ ސަރަހައްދުގައި އިތުރު އެއާޕޯޓެއް އޮތުން މުހިންމެވެ.

ސަބަބަކީ ނ. އަތޮޅުގައި ފަތުރުވެރިކަން ކުރިއަރަމުން އަންނާތީ އާއި އިގްތިސާދީ ބޮޑެތި މަޝްރޫއުތައް އެ އަތޮޅުގައި ހިންގާނެތީ، ދުރު ރާސްތާގައި ފައިދާވާނެތީ އެވެ.

އެނގުން މުހިންމު - ވިހަފަރު އެއާޕޯޓަށް ބޭނުންވާ ބިން ހިއްކާ މަޝްރޫއުގެ ދަށުން 40 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއް، 1.6 މީޓަރުގެ އުސްމިނުގައި ހިއްކާނެ އެވެ.


އިތުރު އާޓިކަލް

އިތުރު އާޓިކަލް