ރައީސް މުއިއްޒާއި އެ މަނިކުފާނުގެ އާއިލާ ނިސްބަތްވާ މާފަންނު ދެކުނު ދާއިރާގައި ރޭ ބޭއްވި ކެމްޕެއިން ހަރަކާތުގައި ފަސްޓް ލޭޑީ ސާޖިދާ އާއި ޕީއެންސީގެ މާލޭ މޭޔަރު ކެންޑިޑޭޓް ޖަލީލު އަދި ލީޑާޝިޕް (ފޮޓޯ/ ޕީއެންސީ)

ރައީސްއާ އެކު އޮތް ކައުންސިލެއް ކޮންމެހެން ހޮވަން ޖެހޭ، ނޫނީ އޭގެ ގެއްލުން ހުރިހާ ރައްޔިތުންނަށް ކުރާނެ: ފަސްޓް ލޭޑީ

ރައްޔިތުންނަށް މިހާ ވަރަށް މަސައްކަތްކުރައްވާ، އުނދަގޫ ނިންމުންތަކެއް ނިންމަވާ ރައީސްއަކާ އެކު ލޯކަލް ކައުންސިލްތައް ނެތް ނަމަ އޭގެ ގެއްލުން ހުރިހާ ރައްޔިތުންނަށް ވެސް ކުރާނެ ކަމަށް ފަސްޓް ލޭޑީ ވިދާޅުވި

ރައީސް މުހައްމަދު މުއިއްޒުއާ އެކު އޮތް ކައުންސިލެއް ކޮންމެހެން އިންތިހާބުކުރަން ޖެހޭ ކަމަށާއި ނޫނީ އޭގެ ގެއްލުން ހުރިހާ ރައްޔިތުންނަށް ކުރާނެ ކަމަށް އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ރޭ ވިދާޅުވެއްޖެ އެވެ.

ވީކިހިނެއް؟ - މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް އަދި ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލާއި މާލެ ސިޓީ ކައުންސިލާއި އަންހެނުންގެ ކޮމިޓީގެ މާފަންނު ދެކުނު ދާއިރާގެ ކެންޑިޑޭޓުންގެ ކެމްޕެއިން ހަރަކާތުގައި ރޭ ސާޖިދާ ވާހަކަ ދެއްކެވި އެވެ.

މާފަންނު ދެކުނު ދާއިރާއަކީ ރައީސް މުއިއްޒާއި އެ މަނިކުފާނުގެ އާއިލާ ނިސްބަތްވާ ދާއިރާ އެވެ.

ބުނީ ކީކޭ؟ - މާލޭގެ މޭޔަރު ކަމުގައި ރައީސް ހުންނެވި ދެ އަހަރާއި ވެރިކަމުގައި މިދިޔަ ދެ އަހަރު ދުވަހު ވެސް ރައީސް ގެންދަވަނީ ރައްޔިތުންނަށް ވަރަށް ބުރަކޮށް މަސައްކަތްކުރައްވަމުން ކަމަށް ސާޖިދާ ވިދާޅުވި އެވެ.

"ރައްޔިތުންނަށްޓަކައި މި ވަރަށް މަސައްކަތްކުރާ ވެރިއަކާ އެކު ހުންނަ ކައުންސިލަރުން، ޑަބްލިއުޑީސީ، މޭޔަރެއް އިންތިހާބުކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް،" ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވި އެވެ.

ވޭޕް މަނާކުރުމާއި ވަކި ޖީލަކުން ފެށިގެން ދުންފަތް މަަނާކުރުން ފަދަ ބައެއް ނިންމުންތަކާއި ދީނީ ގޮތުން ސަރުކާރުން އަޅަމުންދާ ބައެއް ފަަދަ ނިންމުންތަކަށް އިޝާރާތްކުރައްވަމުން ސާޖިދާ ވިދާޅުވީ އެއީ ރަނގަޅު އުސޫލުތަކެއްކަން ގިނަ ބަޔަކު ދެކެނޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އިޖުތިމާއީ ގޮންޖެހުންތައް ހުރި ގައުމެއްގައި ވަރަށް އުނދަގޫ ނިންމުންތަކެއް ނިންމަވަމުން ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާއިރު އެ ސަރުކާރަކަށް އެއްބާރުލުން ނުދޭ ކައުންސިލެއް ހޮވައިފި ނަމަ އޭގެ ގެއްލުން އަޅުގަނޑުމެން ހުރިހާ ރައްޔިތުންނަށް ވެސް ކުރާނެ،" އެކަމަނާ ވިދާޅުވި އެވެ.

ސަރުކާރާ ދެކޮޅުވެރި ވުމުގެ ވިސްނުމުގައި ތިބި ބަޔަކު ކައުންސިލަށް ހޮވުމުން، ރައްޔިތުންނަށް ހިދުމަތްކުރާ ސަރުކާރަކާ އެކު މަސައްކަތްނުކުރާ ނަމަ ރައްޔިތުންނަށް އެއިން ވާނެ އެއްވެސް ފައިދާއެއް ނެތް ކަމަށް ދެބަސްވާނެ ބަޔަކު ނުތިބޭނެ ކަމަށް ވެސް ސާޖިދާ ވިދާޅުވި އެވެ.


ކޮމެންޓް (5)

ޙާޙާ

27 ޖެނުއަރީ 2026
!!! what nonsense is this
0 0

ނޫނޭ

27 ޖެނުއަރީ 2026
ނުޖެހޭ ދޭކަށް. ރައްޔިތުން ބޭނުންވާ މީހަކު ހޮވީމަ ސަރުކާރުން ވެސް ރައީސްވެސް މަސައްކަތް ކުރަންވީ ރައްޔިތުންނައްޓަކައި ޤާނުނުގައިވާ ގޮތައް. ތިއެންމެންނަކި ޚާދިމުންކަން ހަދާން ކުރަންވީ
5 0

ކޮސް

27 ޖެނުއަރީ 2026
ރައްޔިތުން މިހާރު ރައީސް މުއިއްޒު ދަސްކޮށްފި!!! ގާސިމު ބުނާހެން "އެއް ހޮރަކުން ދެފަހަރަށް " ކަށްޓެއް ނުޖެހޭނެ.
7 0

ތެފައާސާ.

27 ޖެނުއަރީ 2026
ރައްޔިތުންނަށް ރަނގަޅެއް ވާނީ ރައީސާއިއެކީ އޮންނަ މަޖިލީހެއް ހޮވައިގެންނޭ ކިޔަންފެށީމާ، ރައްޔިތުން ނިކުމެ ރައީސަށް މަޖިލީހުގެ ބޮޑު ސިންގާ ސުޕަ މެޖޯރިޓީއެއް ދީގެން ތިބޭތާ ވީ ދުވަހެއް ފަސްޓް ލޭޑީއަށް އެނގިލައްވާތޯ؟ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ހައްތާވީ ދަށް، ކާބޯތަކެތީގެ އަގު ވީ މަތި، ހައްގުތައް ވީ ހަނި، ޖުޑިޝަރީގެ ފެންވަރު ވީ ދެރަ، ގާނޫނު އަސާސީ ކޮށައިމަށައި ނަގައިފި. ސިޔާސީ މަގާމުތައް އަދަދު ނުކުރެވޭ. އެހެންވީމާ މިފަހަރު ތިނޫން ކޮންމެވެސް އެހެން އާ ލަވައެއް ކިޔުއްވާ!!!
12 0

ޙާޙާ

27 ޖެނުއަރީ 2026
@ތެފައާސާ. i SALUTE YOU
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް