ޖިންސީ ގޯނާއާ ދެކޮޅަށް ބޭއްވި އެއްވުމެއް؛ ދަރިވަރުންތަކަކަށް ގޯނާކުރުމުގެ ތުހުމަތުގައި ޓީޗަރަކަށް ދައުވާކުރަން ނިންމި - (ދައުރު ފޮޓޯ/ މާޝާ ނައީމް)
ދަރިވަރުންތަކަކަށް ގޯނާކުރުމުގެ ތުހުމަތުގައި ޓީޗަރަކަށް ދައުވާކޮށްފި
މ. އަތޮޅު މަދަރުސާގެ ހެލްތު އެންޑް ފިޒިކަލް އެޑިއުކޭޝަން ޓީޗަރެއްގެ ގޮތުގައި ހުރެގެން އެ ސްކޫލްގެ ދަރިވަރުންތަކަކަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އެ ޓީޗަރަށް ދައުވާކޮށް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
ވީކިހިނެއް؟ - ޕްރޮސެކިއުޓަ ޖެނެރަލްގެ (ޕީޖީ) އޮފީހުން މިއަދު ބުނި ގޮތުގައި، ދައުވާކުރީ:
-
ޝުއައިބު އަބްދުﷲ، ސާދާގެ/މ. ކޮޅުފުށީގެ މައްޗަށް
-
މ. ކޮޅުފުށި މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅީ މި މަހު 21ގައި
ތަފްސީލް - ޝުއައިބްގެ މައްޗަށް ފަސް ދައުވާއެއް ވަނީ ކޮށްފަ އެވެ. އެއީ:
-
އިތުބާރުކުރެވޭ މަގާމެއްގައި ހުރެގެން ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދެ ދައުވާއެއް؛ ކޮންމެ ދައުވާއެއްގެ އަސާސީ އަދަބަކީ 15 އަހަރާއި 18 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން
-
އިތުބާރުކުރެވޭ މަގާމެއްގައި ހުރެގެން ކުޑަކުއްޖަކު ލައްވައި ޖިންސީ އަމަލެއް ބެލުމުގެ ކުށުގެ ދެ ދައުވާއެއް؛ ކޮންމެ ދައުވާއެއްގެ އަސާސީ އަދަބަކީ 15 އަހަރާއި 18 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން
-
އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ؛ އަސާސީ އަދަބަކީ 1 މަހާއި 6 ދުވަހަށް ޖަލަށްލުން
މި ދައުވާތަކަކީ ޝުއައިބު އަބްދުﷲ، މ. އަތޮޅު މަދަރުސާގައި އޭނާ ކިޔަވައިދޭ 2 ކުއްޖެއްގެ ގައިގާ ޖިންސީ ނިޔަތެއް އޮވެގެން އަތްލާފައިވާތީ އާއި އެ ކުދިންނަށް އޮރިޔާން މަންޒަރު ހިމެނޭ ވީޑިއޯ ދައްކާފައިވާތީ ކޮށްފައިވާ ދައުވާތަކެއް ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ދައުވާތައް ސާބިތުވެއްޖެ ނަމަ، އޭނާގެ މައްޗަށް މަދުވެގެން 60 އަހަރާއި 1 މަހާއި 6 ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.