ގދ. މަޑަވެލި

ގދ. މަޑަވެލި

މާލޭގައި އުޅޭކަމުގެ ލިއުން ދޫނުކުރަން މަޑަވެލީ ކައުންސިލުން ނިންމައިފި

ކައުންސިލުން ބުނީ މަޑަވެލީގައި ރަށްވެހިފައިވާ މާލޭގައި ދިރިއުޅޭ މީހުންގެ ރެކޯޑްތަކަކީ، ދިރިއުޅުން ބަދަލުކުރި އަހަރާ އެކު އެ ކައުންސިލުން ރަސްމީ ސިފައެއްގައި ބަލަހައްޓާފައިވާ މައުލޫމާތުތަކެއް ނޫން ކަމަށް

'ބޯހިޔާވަހިކަން އެންމެނަށް' ސްކީމުގެ ދަށުން ދޫކުރާ ބިމާއި ފްލެޓަށް ކުރިމަތިލުމަށް، މާލޭގައި އުޅޭ ރަށްރަށުގެ މީހުން ހުށަހަޅަންޖެހޭ ލިޔުމުގެ ތެރެއިން، މާލޭގައި ދިރިއުޅޭ މީހެއްކަން އަންގައިދިނުމަށް ކައުންސިލުން ދޫކުރާ ލިޔުން ދޫނުކުރަން ގދ. މަޑަވެލީ ކައުންސިލުން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - މި ސަރުކާރުގެ 'ބޯހިޔާވަހިކަން އެންމެންނަށް' ސިޔާސަތުގެ ދަށުން ދޫކުރާ 15،000 ގޯއްޗާއި 7،900 ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. މި ސްކީމުގެ ދަށުން މާލޭ ރައްޔިތުންނަށާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބިމާއި ފްލެޓު ދޫކުރާނެ އެވެ.

މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ދޫކުރާ 3،000 ގޯއްޗަށް ކުރިމަތިލެވޭނީ މާލޭގައި މެދުނުކެނޑި 15 އަހަރު ދިރިއުޅެފައިވާ އަދި މިހާރު ވެސް އުޅެމުންދާ މީހުންނަށެވެ.

މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް އެކަން ސާބިތުކުރުމަށް ހުށަހެޅިދާނެ ލިޔެކިޔުންތަކުގެ ތެރޭގައި، ދައުލަތުގެ އިދާރާއަކުން ރަސްމީކޮށް ބަލަހައްޓާ ލިޔެކިޔުންތަކާއި މައުލޫމާތުތަކުން މާލޭގައި ދިރިއުޅުނުކަން ސާބިތުވާ ނަމަ، އެ އިދާރާއަކުން ދީފައިވާ ލިޔުން ހިމެނެ އެވެ. 

ތަފްސީލް - މަޑަވެލި ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، މާލޭ ބޯހިޔާވަހިކަމުގެ ސްކީމަށް ކުރިމަތިލުމަށް ހުޅުވާލުމާ އެކު، އެ ރަށުގެ ވަރަށް ގިނަ ބަޔަކު، މާލޭގައި ދިރިއުޅޭ މީހެއްކަން އަންގައިދޭ ލިޔުން ހޯދުމަށް އެ ކައުންސިލަށް ހުށަހަޅަމުންދާ ކަމަށެވެ.

އެކަމަކު، މަޑަވެލީގައި ރަށްވެހިފައިވާ މާލޭގައި ދިރިއުޅޭ މީހުންގެ ރެކޯޑްތަކަކީ، ދިރިއުޅުން ބަދަލުކުރި އަހަރާ އެކު އެ ކައުންސިލުން ރަސްމީ ސިފައެއްގައި ކުރިން ބަލަހައްޓާފައިވާ މައުލޫމާތުތަކެއް ނޫން ކަމަށް ބުންޏެވެ.

"އެހެންކަމުން، މި ކައުންސިލުން އެފަދަ އެއްވެސް މައުލޫމާތެއް ރަސްމީކޮށް ބަލަހައްޓާފައި ނުވާތީ އެއްވެސް ފަރާތަކަށް މިފަދަ ލިޔެކިޔުމެއް ދޫކުރެވެން ނެތް ވާހަކަ ދަންނަވަމެވެ،" އިއުލާންގައިވެ އެވެ.

އެގޮތަށް ނިންމީ، ބޯހިޔާވަހިކަމަށް އެދެވޭނެ ގޮތުގެ އުސޫލުގައި ވާގޮތުން، ރަށު ކައުންސިލަކުން ނުވަތަ ސިޓީ ކައުންސިލަކުން މާލޭގައި ދިރިއުޅެފައިވާ މުއްދަތު ބަޔާންކޮށް ދޫކުރާ ލިޔުމަކީ އެ ކައުންސިލެއްގައި ބަލަހައްޓާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ސާބިތުކޮށްނުދެވޭ ލިޔުމަކަށްވާ ނަމަ، އެ ލިޔުމެއް ބަލައިނުގަނެވޭނެ ކަމަށް ބަޔާންކޮށްފައިވާތީ ކަމަށް ކައުންސިލުން ބުންޏެވެ. 

ފާހަގަކުރެވޭ - މީގެ ކުރިން މާލޭން ދޫކޮށްފައިވާ ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ވެސް، މާލޭގައި ދިރިނޫޅޭ މީހުން ވެސް، މާލޭގައި ދިރިއުޅޭކަމުގެ ލިޔުން ކައުންސިލުން ހޯދައިގެން ފްލެޓުތަކަށް ކުރިމަތިލާފައިވެ އެވެ. އެހެންވެ، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމް ހުޅުވާލީ، ކައުންސިލުން ހޯދާ ލިއުމަކީ ސައްހަ ލިޔުމެއްކަން ސާބިތުކޮށްދެވޭނެ ލިޔެކިއުންތައް ހުރުން އުސޫލުގައި ލާޒިމުކޮށްފަ އެވެ.

ކޮމެންޓް (1)

ސުހާނާ

23 ޖެނުއަރީ 2026
މާލޭގައި އުޅޭކަމުގެ ލިޔުމުގެ ރަށުކައުންސިލަކުން މިހާރު ދުލެއް ނުކުރެވޭނެ. އެއީ، މިހާރު ރަށްރަށުގެ މީހުން މާލެ އަންނަނީ ރަށުކައުންސިލްގައި ރަޖިސްޓަރި ކޮށްގެން ކަމަށްނުވާތީ. މާލޭގައި އުޅޭކަމުގެ ލިޔުން ހޯދަންޖެހޭނީ މާލޭގައި އުޅުނު ތަންތަނުންނާއި މިހާރު އުޅޭ ތަނަކުން. ކުރިން ފްލެޓް ލިބުނު މީހުންނަށް ފްލެޓް ދިނުމުގައި ރަށުކައުންސިލުން ދީފައިވާ ލިޔުންތަކަށް ބަލައިގެން ފްލެޓް ދީފައިވާނަމަ، އެކަން ކޮށްފައިއެވަނީ ގަވާއިދާ ޚިލާފަށް.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް