ކައިވެނި ކުރުމަށްފަހު އާއިލާތަކާއެކު ފެމިލީ ކޯޓު ސަރަހަދުން (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ދެމަފިރިންގެ މުދާ ބެހުމުގައި ކޯޓުން އަމަލު ކުރަން ޖެހޭ ގޮތުގެ ގަވާއިދު ނުހަދާ އޮންނަތާ 10 އަހަރު

ކައިވެނި ރޫޅޭ ހާލަތުގައި ފައިސާ އާއި މުދާ ބެހުމުގައި ކޯޓުން އަމަލުކުުރަންޖެހޭ ގޮތުގެ ގަވާއިދެއް ހަ މަސް ދުވަސްތެރޭ ހަދަން ޖެންޑާ މިނިސްޓްރީއަށް އާއިލާއާބެހޭ ގާނޫނުން ލާޒިމުކޮށްފައިވޭ

ކައިވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ހޯދާފައިވާ މުދާބެހުމުގައި ކޯޓުން އަމަލުކުރަންޖެހޭ މިންގަނޑުތަކާއި އުސޫލުތަކާ ގުޅޭ ގޮތުން 'އާއިލާއާ ބެހޭ ގާނޫނު'ގައި ހަދަން ލާޒިމުކޮށްފައިވާ ގަވާއިދު ނުހަދާ އޮންނަތާ 10 އަހަރު ވެއްޖެ އެވެ.

ވީ ކިހިނެއް؟ - އާއިލާއާ ބެހޭ ގާނޫނަށް 2016 ވަނަ އަހަރު ގެނައި އިސްލާހުގައި ވަނީ، ކައިވެނި ރޫޅި، އެ ދެމަފިރިން އެކުގައި ހޯދާފައިވާ މުދަލާއި ގުޅޭ ގޮތުން ހިޔާލު ތަފާތުވެ ދެބަސްވާ ހާލަތުގައި، މުދާ ބެހުމާ މެެދު ދެމަފިރިންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް އޮތް ނަމަ، ކައިވެނި ރޫޅައިދިނުމުގެ ކުރިން އެ ތަކެތި އަދުލުވެރި ބެހުމަކުން ބެހުމުގެ ބާރު ކޯޓަށް ލިބިދީފަ އެވެ.

މިގޮތަށް ބަހާއިރު، ދެމަފިރިން އެކުގައި ހޯދާފައިވާ މުދަލަކީ ކޮބައިކަން ކަނޑައެޅުމަށް ކޯޓުން ބަލަންޖެހޭ ކަންކަން މި ގާނޫނުގައި ތަފްސީލުކޮށްދީފައިވެ އެވެ. އެކަމަކު، އެކަމާ ގުޅޭ އުސޫލުތަކާއި އެކަން ކޯޓުން ކަނޑައަޅާނެ މިންގަނޑުތަކެއް ބަޔާންކޮށްފައެއް ނެތެވެ. އަދި ބެހުމަށް ކަނޑައަޅާ މުދަލުގެ ތެރެއިން އަދުލުވެރިކަމާ އެކު ބެހުމަށް ދަތިވާ މުދާ އަގުމަގުކޮށް ލިބޭ ފައިސާއާ ބެހޭ ގޮތުން ދެމަފިރިން ދެބަސްވާ ހާލަތުގައި ކޯޓުން ކަންކަން ކުރަންޖެހޭ ގޮތެއް ވެސް މި ގާނުނުގައި ނެތެވެ.

ތަފްސީލް - މިކަންކަން ހިމެނޭހެން، ހަތް އުސޫލެއް ހިމަނައި، ފައިސާ އާއި މުދާ ބެހުމުގައި ކޯޓުން އަމަލުކުުރަންޖެހޭ ގޮތުގެ ގަވާއިދެއް ހަދަން ޖެންޑާ މިނިސްޓްރީއަށް މި ގާނޫނު ލާޒިމުކޮށްފަވެ އެވެ. އެ ގަވާއިދު ހަ މަސްދުވަސް ތެރޭ ހަދަންޖެހޭނެ ކަމަށް ވެސް ގާނޫނުގައިވެ އެވެ.

ނަމަވެސް، އޭގެ ފަހުން 10 އަހަރުވީއިރު އަދިވެސް މި ގަވާއިދު މިނިސްޓްރީން ހަދައި އާންމުކޮށްފައެއް ނުވެ އެވެ. އެކަމާ ބެހޭ ގޮތުން މިނިސްޓްރީގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

މި ގަވާއިދުގައި ހިމަނަން ލާޒިމުކޮށްފައިވާ ކަންކަމަކީ:

  • 1-

    ކައިވެނި ކުރުމުގެ ކުރިން ދެމަފިރިން ވަކިން ހާސިލުކޮށްފައިވާ މުދަލާއި އެކަހެރި ނަމުގައި ހޯދާފައިވާ މުދާ ކަނޑައަޅާނެ މިންގަނޑުތަކާއި އުސޫލު

  • 2-

    ކާވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ހާސިލުކޮށްފައިވާ މުދާ ނުވަތަ ފައިސާ ކަނޑައަޅާނެ އުސޫލު

  • 3-

    މުދާ ނުވަތަ ފައިސާ ހޯދުމަށް ދެމަފިރިން ވަކިވަކީން މަސައްކަތްކޮށްފައިވާ ނުވަތަ ހޭދަކޮށްފައިވާ މިންވަރު ކަނޑައަޅާނެ އުސޫލު

  • 4-

    ކައިވެނީގެ މުއްދަތަށް ބަލައި، އަނބިމީހާއަށާއި ފިރިމީހާއަށް ހައްގުވާ ބައި ނުވަތަ މިންވަރު ކަނޑައަޅާނެ އުސޫލު

  • 5-

    ކައިވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ހާސިލުކޮށްފައިވާ މުދަލާއި ފައިސާ އަގުކުރުމާ ބެހޭ އުސޫލު

  • 6-

    ކައިވެނި ކުރުމުގެ ކުރިން ދެމަފިރިން ވަކިން ހާސިލުކޮށްފައިވާ މުދަލާއި ފައިސާ އާއި އެކަހެރި ނަމުގައި ހޯދާފައިވާ މުދަލާއި ފައިސާ ކާވެނީގެ މުއްދަތުގައި ތަސައްރަފުކުރެވި، އެ މުދަލާއި ފައިސާއަށް އިތުރުވުމެއް ނުވަތަ ކުރިއެރުމެއް ލިބިފައިވާ ނަމަ، އެކަން ދެނެގަންނާނެ އުސޫލު

  • 7-

    ކައިވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ހާސިލުކޮށްފައިވަ މުދަލާއި ފައިސާ އަދުލުވެރި ބެހުމަކުން ބަހާއިރު، ބެހުމަށް ކަނޑައަޅާ އެއްވެސް މުދަލަކީ އޭގެ ޒާތުގައި ބެހުމަށް ދަތި މުދަލެއް ނަމަ، އެ މުދަލެއް ބެހުމުގެ ބަދަލުގައި އަމަލުކުރާނެ އުސޫލު

މިފަދަ އާއިލީ މައްސަލަތައް ހައި ކޯޓުގައި ނިންމެވި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު ސޯޝަލް މީޑިއާގައި ވިދާޅުވި ގޮތުގައި، މިފަދަ އުސޫލުތަކެއް އަދި މިންގަނޑުތަކެއް ކަނޑައަޅާފައިވާ ގަވާއިދެއް ނެތުމުން، ވަރިވާން އެކަކު ހުށަހެޅުމުން، ދެން މުދަލާ ގުޅޭ ގޮތުން ޝަކުވާ ކުރަންޏާ ކުރާނީ ކިހިނެއް ކަމެއް އެނގޭކަށް ނެތެވެ. އަދި ކޯޓުތަކަށް ހުށަހެޅޭ މިފަދަ މައްސަތަކުގައި ގޮންޖެހުންތައް ބޮޑެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް