މި ސްކޮލަޝިޕަށް އެދި އަންނަ މަހު 1ގެ ނިޔަލަށް ކުރިމަތިލެވޭނެ. (ފޮޓޯ/ވިލާ ކޮލެޖު)
ވިލާ ކޮލެޖާއި އެޓްމޮސްފިއާ ފައުންޑޭޝަނުން ސްކޮލަޝިޕަށް ހުޅުވާލައިފި
ވިލާ ކޮލެޖާއި އެޓްމޮސްފިއާ ފައުންޑޭޝަން ގުޅިގެން، އިންޖިނިއަރިން ދާއިރާއިން މަތީ ތައުލީމު ހާސިލުކުރުމުގެ ޝައުގުވެރިކަން ހުރި، ނަމަވެސް މާލީ ދަތިތަކާ ހުރެ އެ ފުރުސަތު ލިބިފައިނުވާ ދަރިވަރުންނަށް ހާއްސަކޮށް 'އިންޖިނިއަރިން ސްޕޮންސަޝިޕް ސްކީމް'ގެ ނަމުގައި ހިލޭ ކިޔެވުމުގެ ފުރުސަތުތަކެއް ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - މި ސްކީމަކީ އެޓްމޮސްފިއާ ފައުންޑޭޝަންގެ މާލީ އެހީތެރިކަމާ އެކު، ތައުލީމީ ގޮތުން ގާބިލު އަދި ހުނަރުވެރި ދަރިވަރުން ބިނާކުރުމަށްޓަކައި ކުރިއަށްގެންދާ ހާއްސަ ޕްރޮގްރާމެކެވެ. މި ސްކީމްގެ ދަށުން ކިޔެވުމުގެ ފުރުސަތު ދޭނީ ވިލާ ކޮލެޖުގެ ކިއުއައި ކެމްޕަހުގަ އެވެ.
މި ސްކޮލަޝިޕަށް އެދި އަންނަ މަހު 1ގެ ނިޔަލަށް ކުރިމަތިލެވޭނެ އެވެ. އެޕްލިކޭޝަން ފޯމު މި ލިންކުން ލިބޭނެ އެވެ.
ތަފްސީލް - މި ސްކީމްގެ ދަށުން ޖުމްލަ 3 ފަރާތަކަށް، ހުރިހާ ހަރަދެއް ހިމެނޭ ސްކޮލަޝިޕް ދޭނެ އެވެ. އެއީ:
-
ފައުންޑޭޝަން އިން އިންޖިނިއަރިން: 2 ޖާގަ
-
ބެޗެލާ އޮފް ސިވިލް އިންޖިނިއަރިން: 1 ޖާގަ
މި ސްކޮލަޝިޕްގެ ދަށުން ދަރިވަރުންގެ އެޕްލިކޭޝަން އަދި ރަޖިސްޓްރޭޝަން ފީ، ޓިއުޝަން ފީގެ އިތުރުން ކޯހާ ގުޅޭ އިތުރު ފީތައް ވެސް ލިބޭނެ އެވެ.
މި ސްކޮލަޝިޕަށް އެދި ހުށަހެޅުމުގެ ޝަރުތުތަކަކީ:
-
ދިވެހި ރައްޔިތަކަށްވުން
-
ވިލާ ކޮލެޖުން ކަނޑައަޅާފައިވާ، ކުރިމަތިލާ ކޯހަށް ވަނުމުގެ ޝަރުތު (އެންޓްރީ ރިކުއަމެންޓް) ފުރިހަމަވުން
-
މަތީ ތައުލީމުދޭ އެހެން އެއްވެސް މަރުކަޒެއްގައި މިވަގުތު ކިޔަވަމުން އަންނަ ދަރިވަރަކަށް ނުވުން
-
ގޭބީސީގެ އާމްދަނީ އާއި ހަރަދުތައް ހާމަކޮށްދިނުމާ އެކު، މާލީ އެހީތެރިކަމަށް ބޭނުންޖެހިފައިވާކަން ސާބިތުކޮށްދިނުން
-
އިންޖިނިއަރިން ދާއިރާއިން ކުރިއަށްދިއުމުގެ ޝައުގުވެރިކަމާއި ސާބިތުކަން ހުރުން
ދަރިވަރުން ހޮވާނީ ވިލާ ކޮލެޖާއި އެޓްމޮސްފިއާ ފައުންޑޭޝަން ގުޅިގެން އެކުލަވާލާ ހާއްސަ ކޮމިޓީއަކުންނެވެ. ކެންޑިޑޭޓުންނަށް ޕޮއިންޓް ދިނުމުގައި ބަލާނީ:
-
ތައުލީމީ ނަތީޖާ (40 ޕޮއިންޓް): އޯލެވެލް ނުވަތަ އޭލެވެލް ފަދަ އިމްތިހާނުތަކުގެ ނަތީޖާ (މިބައިން މާކްސް ދިނުމުގައި ހިސާބު އަދި ސައިންސްގެ މާއްދާތަކުން ރަނގަޅު ނަތީޖާ ހޯދާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ)
-
މާލީ ހާލަތު (40 ޕޮއިންޓް): ހުށަހަޅާފައިވާ އާމްދަނީ އާއި ހަރަދުގެ ލިޔެކިޔުންތަކަށް ރިއާޔަތްކޮށް، މަތީ ތައުލީމު ހާސިލުކުރުމަށް މާލީ އެހީތެރިކަން ބޭނުންވެފައިވާ މިންވަރު
-
ޕާސަނަލް ސްޓޭޓްމަންޓް (20 ޕޮއިންޓް): އިންޖިނިއަރިން ދާއިރާއަށް ހުރި ޝައުގުވެރިކަމާއި ދާއިރާގެ މައުލޫމާތު އެނގޭ މިންވަރާއި ލީޑަޝިޕް ހުނަރުގެ އިތުރުން މުސްތަގްބަލުގެ ލަނޑުދަނޑިތައް ބަޔާންކޮށްދޭ މިންވަރު
ހުށަހަޅަންޖެހޭ ލިޔެކިޔުންތަކަކީ:
-
ފުރިހަމަކޮށްފައިވާ ސްކޮލަޝިޕް އެޕްލިކޭޝަން ފޯމު
-
ވިލާ ކޮލެޖުގެ ކޯހަކުން ޖާގަ ކަށަވަރުވިކަމުގެ ލިޔުން (ކޮންފާމްޑް އޮފާ ލެޓާ)
-
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
-
ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
-
މާލީ ހާލަތު އަންގައިދިނުމަށްޓަކައި ގޭބީސީގެ އާމްދަނީ އާއި ހަރަދުގެ ބަޔާން
-
ޕާސަނަލް ސްޓޭޓްމަންޓެއް