ރާއްޖެ އިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދު

ސްރީ ލަންކާ

ލަންކާއިން ދިވެހިންނަށް ވިސާ ދަތިކުރާ ކަމަށް ބުނެ ސަފީރުގެ ބަހުގެ ހަމަލާތަކެއް

ދިވެހިންނާ މެދު އިހާނެތިކޮށް ލަންކާގެ އިމިގްރޭޝަނުން އަމަލުކުރުން ތަކުރާރުވާ ނަމަ ރާއްޖޭގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ ލަންކާގެ މީހުންނަށް ވިސާ ދޫކުރުމުގެ ސިޔާސަތަށް ބަދަލު ގެންނަން ދިވެހި ސަރުކާރަށް މަޖުބޫރުވާނެ ކަމަށް ވެސް މަސްއޫދު ވިދާޅުވި

ސްރީ ލަންކާއަށް ދަތުރުކުރާ ދިވެހިންނާ މެދު އެ ގައުމުގެ އިމިގްރޭޝަން ޑިޕާޓްމަންޓުގެ އޮފިޝަލުން އިހާނެތިކޮށް ހިތައި ތަފާތުކުރާތީ އާއި ވިސާގެ ކަންކަމުގައި ދަތިކުރާތީ ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހި ސަފީރު މަސްއޫދު އިމާދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - މި ކަންބޮޑުވުންތައް މަސްއޫދު ހިއްސާކުރެއްވީ، ލަންކާގެ 'ޑެއިލީ ނިއުސް'އަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

ބުނީ ކީކޭ؟ - މަސްއޫދު ވިދާޅުވީ ލަންކާއަށް ޒިޔާރާތްކުރާ ހަންގަނޑު ދޮން ބޭރު މީހުންނާއި ދިވެހިންނާ ދެމެދު އެ ގައުމުގެ އިމިގްރޭޝަނުން ވަރަށް ބޮޑަށް ތަފާތުކުރާ ކަމަށެވެ. އެގޮތުން، ދިވެހިންނަކީ ވެސް ލަންކާއަށް "ޒިޔާރާތްކުރާ" އެހެން ގައުމެއްގެ ބައެއްކަން އިމިގްރޭޝަން ޑިޕާޓުމަންޓުގެ އޮފިޝަލުންނަށް ނޭނގޭ ފަދަ ގޮތަކަށް އެ މީހުންގެ އަމަލުތައް ބަހައްޓާކަން މަސްއޫދު ފާހަގަކުރެއްވި އެވެ.

ލަންކާއަށް ޒިޔާރަތްކުރާ މީހުންގެ ތެރެއިން ހަމައެކަނި ދޮން ހަންގަނޑެއް ހުންނަ މީހުންނަކީ ޒިޔާރަތްކުރާ މީހުން ނުވަތަ ފަތުރުވެރިން ކަމުގައި އޮފިޝަލުން ބަލަނީ ކީއްވެގެންތޯ ވެސް މަސްއޫދު ސުވާލު އުފެއްދެވި އެވެ.

މަސްއޫދު ވިދާޅުވި ގޮތުގައި، ވިސާ ހޯދުމަށްޓަކައި ދިވެހިން ހެނދުނު 9 އިން ފެށިގެން ހަވީރު 5އާ ހަމައަށް ދިގު ކިއޫތަކުގައި ވަގުތު ހޭދަކުރަން ވަނީ މަޖުބޫރުވެފަ އެވެ. ދިވެހި ދަރިވަރުންނާއި ބެލެނިވެރިން އަމިއްލައަށް ވިސާއަށް އެދި ހުށަހަޅާ ހާލަތްތަކުގައި، ވިސާ ހޯދުމަށްޓަކައި އެ ޑިޕާޓްމަންޓުގައި ގަޑިއިރުތަކެއް ވަންދެން މަޑުކުރަންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

އެކަމަކު، ޓްރެވަލް އެޖެންޓުން މެދުވެރިކޮށް ވިސާގެ ކަންކަން ކުރިއަށް ގެންދާއިރު، އެއްވެސް ދަތިކަމެއް ނެތި ވަގުތުން ވިސާ ލިބޭކަން އޭނާ ފާހަގަކުރެއްވި އެވެ. އެހެންވެ، ޓްރެވަލް އެޖެންޓުން މެދުވެރިކޮށް ވިސާގެ މުއާމަލާތްތައް ހިންގާއިރު، އެ ޑިޕާޓްމަންޓުގެ އޮފިޝަލުންނަށް މާލީ ގޮތުން ފައިދާތަކެއް ލިބެމުންދާކަމަށް ބެލެވޭ ކަމަށް މަސްއޫދު ތުހުމަތުކުރެއްވި އެވެ.

"ޓްރެވަލް އެޖެންޓުން މެދުވެރިކޮށް ވިސާއަށް އެދި ހުށަހަޅާއިރު، ދިވެހިން އިތުރު ފީތަކެއް ދައްކަންޖެހޭ،" މަސްއޫދު ވިދާޅުވި އެވެ.

މަސްއޫދު ވިދާޅުވި ގޮތުން:

  • ލަންކާގެ އިމިގްރޭޝަން ޑިޕާޓްމަންޓުގެ އޮފިޝަލުން ދިވެހިންނާ މުހާތަބުކޮށް ހަޅޭއްލަވައި ހަަދާ

  • ދިވެހިންނަކީ ޒިޔާރަތްކުރާ މީހުންގެ ގޮތުގައި ލަންކާގެ އިމިގްރޭޝަން އޮފިޝަލުން ނުބަލާ

  • ރާއްޖޭގެ ކަސްޓަމްސްގެ އިސް އޮފިޝަލަކު ޗުއްޓީ ހޭދަކޮށްލުމަށް ކޮލަމްބޯ މީގެ ދެ ދުވަސްކުރިން ދަތުކުރުމުން ވެސް ކޮޓަރިއަކަށް ވައްދައި ސުވާލުކޮށް ހަދާފައިވޭ 

  • މިކަން މިގޮތަށް ކުރިއަށްދާ ނަމަ، ރާއްޖޭގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ ލަންކާގެ ފަންނީ މީހުންނަށް ވިސާ ދޫކުރުމުގެ ސިޔާސަތަށް ބަދަލު ގެންނަން ދިވެހި ސަރުކާރަށް މަޖުބޫރުވާނެ

މަސްއޫދު ވިދާޅުވި ގޮތުން އީސްޓާ ސަންޑޭގެ ހަމަލާތަކަށް ފަހު، ލަންކާގެ ކަމާބެހޭ ފަރާތްތަކުން ރާއްޖެއަކީ ސަލާމަތީ ގޮތުން ނުރައްކާތެރި ގައުމެއްގެ ގޮތުގައި ކަނޑައަޅާފައިވާކަން އެނގިވަޑައިގެންފައިވާ ކަމަށެވެ. ރާއްޖެއަކީ ސަލާމަތީ ގޮތުން ކަންބޮޑުވާންޖެހޭ ގައުމެއްގެ ގޮތުގައި ކަނޑައަޅާފައިވޭތޯ ލަންކާގެ ކަމާބެހޭ ފަރާތްތަކާ ސުވާލުކޮށްފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކަމަކު އަދިވެސް އެ ސުވާލުގެ ޖަވާބު ނުލިބޭ ކަމަށް މަސްއޫދު ވިދާޅުވި އެވެ.

"ދިވެހި ދަރިވަރުންނަށް ދޫކުރާ ވިސާގެ މުއްދަތު ހަ މަސްދުވަހުން އެއް އަހަރު ދުވަހަށް މިހާރު އިތުރުކޮށްދީފައި ވިޔަސް، އެ ވިސާ ދޫކުރަނީ، ކޮންމެ ދަރިވަރަކީ ވެސް ޓެރަރިޒަމާ ގުޅުންހުރި މީހެއްތޯ ބެލުމަށްޓަކައި އެސްއައިއެސް މެދުވެރިކޮށް ހާއްސަ ސްކްރީނިނެއް ހެދުމަށް ފަހު،" އޭނާ ވިދާޅުވި އެވެ.

ލަންކާއަކީ ތައުލީމާއި ސިއްހީ ހިދުމަތް ހޯދުމަށް ދިވެހިން އެންމެ އިސްކަންދޭ އަދި އެންމެ މަގުބޫލު މަންޒިލްގެ ގޮތުގައި ކުރިން އޮތް ނަމަވެސް، މިހާރު އެކަން ބަދަލުވަމުންދާކަން ވެސް މަސްއޫދު ފާހަގަކުރެއްވި އެވެ. އެގޮތުން، އޭނާ ވިދާޅުވީ:

  • ބޭސްފަރުވާއަށާއި ތައުލީމަށާއި ފަތުރުވެރިކަމަށް ލަންކާއަށް ދަތުރުކުރާ ދިވެހިންގެ އަދަދު 8،000 އިން 1،500އަށް ދަށްވެފައިވޭ

  • ގިނަ ދަރިވަރުންނަށް މިހާރު ދެކުނު އިންޑިއާއިން މިއަށްވުރެ ފެންވަރު ރަނގަޅު ތައުލީމީ ފުރުސަތުތައް ލިބެމުންދޭ

އެނގުން މުހިންމު - ލަންކާއަކީ ދިވެހިން އެންމެ ގިނައިން ދަތުރުކުރާ އަދި ދިވެހިން އެންމެ ގިނައިން ދިރިއުޅެމުންދާ ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ. ލަންކާއަށް މިފަހުން ކުރިމަތިވި ފެންބޮޑުވުމުުގެ ހާދިސާގައި ވެސް އެންމެ ބޮޑަށް އެހީތެރިވި ގައުމަކީ ރާއްޖެ އެވެ.

މީގެ ކުރިން އޮންނަ ގޮތުން، ދުރާލާ އިތުރު އެއްވެސް ހުއްދައެއް ނުނެގިޔަސް، ސްރީ ލަންކާއަށް ދަތުރުކުރާ އެންމެންނަށް އޮން އެރައިވަލް ވިސާ ލިބެ އެވެ. އެކަމަކު ލަންކާގެ އިމިގްރޭޝަން އުސޫލުތަކަށް މިދިޔަ އޮކްޓޫބަރު މަހު ގެނައި ބަދަލުތަކަކާ ގުޅިގެން، އެ ގައުމަށް ދަތުރުކުރުމުގެ 24 ގަޑިއިރާއި 48 ގަޑިއިރު ކުރިން އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން (އީޓީއޭ) ހޯދަން ޖެހެ އެވެ.

ކޮމެންޓް (3)

އައްޔަބެ

11 ޖެނުއަރީ 2026
މިކަމަކީ ހަމައެކަނި ވިސާގެ މައްސަލަ އެކަންޏެއް ނޫން 2019 އިސްޓަރބޮމައްފަހު ދިވެހިރާއްޖެއަކީ ޓެރަރިސްޓު ދައުލަތެއްގަ ގޮތުގަ ނިންމާފަ ވާ ގައިމެއް ތިޔަބުނާ މޮޅު ޑިޕްލޮމޭޓުން ހޯސްޓުކަންޓްރީއިން ކޮނމެކަމެއް ކުތޮޔަސް އޯކޭދޯ ކޮބާ ރާއްޖޭން މިކަމަށް އެޅި ފިޔަވަޅަކީ ނުކުރޭ އެއްކަމެއް ވެސް އެނމެ ކުޑަމިނުން ލަންގާ ސަފީރު އަދި ފޮރިން މިނިސްޓަރު ޝާހިދު މިހާރު ނަމަ ޙަލީލް ކުރި ކަމެއް ބުނެލަދީބަލަ ތިޔަނުނާ ޑައިލޮގުން މިކަން ހައްލުވެފަތާ އޮއްނާނީ ޅެމުންނާ ޑައިލޮގުން ފަރުވާ އެއް ނިލިބޭނެ އެއި ކޮސްގޮވުން
0 0

އަލީ ނަސީރު..

8 ޖެނުއަރީ 2026
ސަފީރުންނަކީ މިހެން މަސައްކަތް ކުރަންޖެހޭ ބައެއް. ބޮޑުމުސާރަނަގައިގެން ޗުއްޓީ ހޭދަކުރުމާއި ދަރިންނަށް ކިޔަވާދިނުމަށް ދައުލަތުގެ ޚަރަދުގައި ފޮނުވާ ބައެއްނޫން. ޝުކުރިއްޔާ ސަފީރު.
12 1

އެއަރޕޯޓް

8 ޖެނުއަރީ 2026
@އަލީ ނަސީރު.. މައްސޫދަކީ ތޯތޯ މީހެން ނޫން. އެއީ ގަޓު ހުރި ކަންކަން އެނގޭ ހޭލުންތެރި އައިޓީ ދާއިރާގެ މާހިރެއްމެވެސް. އެންމެ ހިންގުންތެރި ހައިކޮމިޝަނަރަކީ މީ. ދެންތިބީ ވޭކަޝަންގައި ތިބި މީހުން. ކުރާ ކަމެއް ލިބޭ އެހީއެއް ހަރާމް
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް