ކޭޕާކް މައްސަލާގައި ދައުވާ ލިބޭ މަމްދޫހް (ކ)، ޖައިޝަން (ވ) ކްރިމިނަލް ކޯޓުގެ އަޑުއެހުމުގައި
މަނީ ލޯންޑަރިންއާ އެކު 94 ދައުވާ މަމްދޫހު މައްޗަށް ސާބިތުވެއްޖެ
ކޭ-ޕާކު ފްލެޓްތައް ވިއްކުމުގައި އެތައް ބަޔަކަށް އޮޅުވާލައި މަކަރު ހެދި މައްސަލާގައި ދައުވާ އުފުލާފައިވާ ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް ދައުލަތުން އުފުލި 104 ދައުވާގެ ތެރެއިން 94 ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.
ވީ ކިހިނެއް؟ - މި މައްސަލާގައި ހުކުމް ކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު އަޑުއެހުމެއް ތާވަލުކުރި ނަމަވެސް އެ ދުވަހުގެ އަޑުއެހުން ކުރިއަށް ނުގެންދެވުނީ މަމްދޫހް ހާޒިރުނުވެގެނެވެ.
މިއަދު މެންދުރުފަހު 2 ޖެހިއިރު ކްރިމިނަލް ކޯޓުން ހުކުމްކުރުމުގެ އަޑުއެހުން ފެށީ، ފުލުހުންގެ ބެލުމުގެ ދަށުން މަމްދޫހް ކޯޓަށް ހާޒިރުކޮށްގެނެވެ.
ތަފްސީލް - މަމްދޫހާއި އޭނާއާ އެކު މި ކުށުގައި ބައިވެރިވިކަމުގެ ތުހުމަތު ޖައިޝާން ސައީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރެއިން މިއަދުގެ އަޑުއެހުމުގައި ގޮތެއް ނިންމީ ބައެއް ދައުވާތަކާ ގުޅޭ ގޮތުންނެވެ.
މަމްދޫހަށް އުފުލާފައިވާ ދައުވާތަކުގެ ތެރެއިން ސާބިތުވާ ކަމަށް ގާޒީ އަލީ ނަދީމް ނިންމެވި ދައުވާތަކަކީ:
-
ޓެކުމުގެ 46 ދައުވާ ސާބިތުވާ ކަމަށް؛ ބާކީ 4 ދައުވާއާ މެދު ގޮތެއް ނިންމަނީ އެހެން ދުވަހަކުން
-
އޮޅުވާލުމުގެ އަމަލެއް ކުރުމުގެ ކުށުގެ 44 ދައުވާ ސާބިތުވާ ކަމަށް؛ ބާކީ 6 ދައުވާއާ މެދު ގޮތެއް ނިންމަނީ އެހެން ދުވަހަކުން
-
މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއާ މެދު ވެސް ގޮތެއް ނިންމައި، އެ ކުށް ވެސް ސާބިތުވާ ކަމަށް ނިންމި
-
މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގި ހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ 3 ދައުވާ ވެސް ސާބިތުވާ ކަމަށް
ޖައިޝާންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރެއިން ސާބިތުވާ ކަމަށް ގާޒީ ނިންމެވި ދައުވާތަކަކީ:
-
އޮޅުވާލުމުގެ 41 ދައުވާ ސާބިތުވާ ކަމަށް ނިންމި؛ ބާކީ 5 ދައުވާތަކާ މެދު ގޮތެއް ނިންމަނީ ފަހުން
-
ޓެކުމުގެ 20 ދައުވާގެ ތެރެއިން 19 ދައުވާ ސާބިތުވަނީ ޓެކުމުގައި ބައިވެރިވުމުގެ ދައުވާގެ ގޮތުގައި؛ ޓެކުމުގައި ބައިވެރިވުމުގެ އިތުރު 25 ދައުވާ ވެސް ސާބިތުކޮށްފައިވޭ
-
މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ ޖައިޝާންގެ މައްޗަށް ސާބިތުވޭ
-
މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގި ހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ 3 ދައުވާ ވެސް ސާބިތުވާ ކަމަށް
ސާބިތުވި ދައުވާތަކަށް އަދަބު ކަނޑައެޅުމާ ގުޅޭ ގޮތުން އަންނަ އަންގާރަ ދުވަހުގެ ހެނދުނު އަޑުއެހުމެއް ބޭއްވުމަށް ގާޒީ ނިންމެވި އެވެ. އަދި ގޮތް ނުނިންމާ އޮތް ދައުވާތަކާ މެދު ވެސް އެ ދުވަހު ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވި އެވެ.