މަންދު ކޮލެޖުގެ ދަސްވެނިވުމުގެ ހަފުލާއެއްގައި އިބްރާ ވާހަކަދައްކަވަނީ ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އިބްރާހިމް އިސްމާއިލްގެ ތަޖުރިބާ؛ 'ޕީއެޗްޑީ ނެގުމަކީ މީހާ އަވަދިކޮށްލާވަރު ކަމެއް'

އިބްރާހިމް އިސްމާއިލް ވިދާޅުވީ، އޭނާ ވެސް ޕީއެޗްޑީ އެއް ފަށައި، ތީސިސްގެ ދެ ޗެޕްޓަރު ލިޔުމަށްފަހު، އެ މަސައްކަތް މިހާރު ހުއްޓިފައި އޮތް ސަބަބަކީ، އެކަމަށް ސިކުނޑި ހުސްކޮށްލެވޭނޭ ގޮތް ނުވެގެން ކަމަށް

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން އިއްޔެ ކުރި އިއުލާނެއްގައި ވަނީ، ރާއްޖޭގައި މަތީ ތައުލީމުދޭ މަރުކަޒުތަކުން ހިންގާ ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމްތައް 'ރާއްޖެ އިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒުތަކުގެ ޑޮކްޓޯރަލް ޑިގްރީ ގަބޫލުކުރާނޭ ގޮތުގެ އުސޫލު' ގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް ފައްތަން ނިންމާފަ އެވެ. 

އެގޮތުން ޕީއެޗްޑީއެއް ހާސިލުކުރުމުގައި:

  • ފުލް ޓައިމް މުއްދަތުކަމަށް ބަލާނީ، އެމްއެންކިއުއެފް ގައިވާ ގޮތަށް މަދުވެގެން ތިން އަހަރު ދުވަހުގެ މުއްދަތު 

  •  ޕާޓް ޓައިމް މުއްދަތުކަމަށް ބަލާނީ، މަދުވެގެން ފުލް ޓައިމް މުއްދަތުގެ ދެ ގުނަ މުއްދަތު ނުވަތަ އެ ޕްރޮގްރާމް ހިންގާ މަރުކަޒުން ކަނޑައަޅާ ޕާޓް ޓާއިމް މުއްދަތަކަށް ވާން ވާނީ، ފުލް ޓައިމް މުއްދަތުގެ ދެ ގުނަ މުއްދަތަށް ވުރެ މަދު ނޫން މުއްދަތެއް

އެމްކިއުއޭއިން ބުނިގޮތުގައި، ވަޒީފާއަށް ދަމުން ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމްތައް ފުލްޓައިމްކޮށް ކުރިއަށް ގެންދިއުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ.

މި ނިންމުމަށް މަރުހަބާ ކިޔައި މަންދު ކޮލެޖުގެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބުރާ) ވިދާޅުވީ، ފުލްޓައިމްއާ ޕާޓް ޓައިމް ކިޔެވުމުގެ ހަމަތައް ވަރަށް ބޮޑުތަނުން ރަނގަޅުކުރާން ޖެހިފައިވާ ކަމަށެވެ. ރާއްޖޭގައި މިހާރު ދޫކުރެވޭ ގިނަ ސަނަދުތަކަކީ އެކަށީގެންވާ ވަރަށް ފެންވަރު ހިފެހެއްޓިފައިހުރި ސަނަދުތަކެއްނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުލްޓައިމް ވަޒީފާ އަދާކުރަމުން، އާއިލާއެއް ބަލަހައްޓަމުން، އަދި ފޭސްބުކްގައި މަޖާނަގަމުން، ކޮފީތަކަށް ގަވައިދުން "އަރަމުން"، ހަފްތާ ބަންދާ ޗުއްޓީ ދަތުރުތައް ކުރަމުން، ތިން އަހަރުން ޑިގްރީއެއް، އެއް އަހަރުން މާސްޓާސްއެއް ނިންމާނޭ ގޮތެއް އަހުރެންނަކަށް ނުވިސްނެ އެވެ،" އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.

އިބްރާހިމް އިސްމާއިލް އެހެން ވިދާޅުވީ، ޕީއެޗްޑީއެއް ހާސިލުކުރުމަށް އޭނާ ކުރަމުންދާ މަސައްކަތުގައި ލިބިހުރި ތަޖުރިބާއިންނެވެ.

އޭނާ ވެސް ޕީއެޗްޑީ އެއް ފަށައި، ތީސިސްގެ ދެ ޗެޕްޓަރު ލިޔުމަށްފަހު، އެ މަސައްކަތް މިހާރު ހުއްޓިފައި އޮތް ސަބަބަކީ، އެކަމަށް ސިކުނޑި ހުސްކޮށްލެވޭނޭ ގޮތް ނުވެގެން ކަމަށް ވިދާޅުވި އެވެ.

"ދިރިއުޅުމުގެ ހަރަދާ، ދަރީންގެ ކަންކަމާ، އެނޫންވެސް ބޮޑެތި ކަންކަމާ ވިސްނާންޖެހިފައި އޮތުމުން، އެކަމަށް ވިސްނާނޭ ވަރަށް ސިކުނޑި ސުލުހަ ނުވަނީ އެވެ. އެކަން ނިންމޭނީ، އެހެން ކަންކަމުން ދުރުވެ، އެކަމަށް ތަހުސީސްވެ ހުރެގެން ނެވެ،" އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.

އިބްރާހިމް އިސްމާއިލް ވިދާޅުވިގޮތުން، ޕީއެޗްޑީ އަކަށް ކިޔަވާއިރު، ޢާންމުގޮތެއްގައި ކްލާސްތަކެއް ނޯވެ އެވެ. ބައެއް ޕްރޮގްރާމްތަކުގައި ފުރަތަމަ ހައެއްކަ މަސްދުވަހު ބައެއް ކްލާސް، ސެމިނާ ފަދަ ޙަރަކާތްތައް އޮވެދާނެ އެވެ. ޕީއެޗްޑީ އެއްގައި މައިގަނޑު ގޮތެއްގައި އުޅޭނީ އަމިއްލަ ރިސާޗް ކުރުމާއި، ތީސިސް ލިއުން ކަމަށް އޭނާ ވިދާޅުވި އެވެ. މި މަސައްކަތް ކުރިއަށް ދާއިރު، ހަމަޖެހިފައިވާ ގޮތެއްގެމަތީން، ތީސިސް ސުޕަވައިޒަރާ ބައްދަލުކޮށް މަޝްވަރާ ކުރާނެ ކަމަށާއި އެއީ ގިނަފަހަރަށް މަހަކު އެއްފަހަރު ނުވަތަ އެއަށްވުރެވެސް މަދުން ކަމަށް ވިދާޅުވި އެވެ.  

ނަމަވެސް، ފޮތާއި ޖާނަލް އާޓިކަލްކިޔައި، ޑޭޓާ އެއްކޮށް، ދިރާސާކޮށް، ވިސްނާ، ފިކުރު ކުރުމުގައި ގިނަ ވަގިތުތަކެއް ހޭދަވާނެ ކަމަށް އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ. ޕީއެޗްޑީ އެއް ހަދާ މީހަކު، ހޭލާހުންނަ ގިނަވަގުތުގައި ޝާމިލްވެގެން ހުންނާންޖެހެނީ އެކަމުގައި ކަމަށާއި. ނިންމާލެވޭނީ 3 ނުވަަތަ 4  އަހަރުން ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުން، ޕީއެޗްޑީ އެއް ހާސިލުވީކަމަށް ބަލަނީ އެމީހަކު އެ ކިޔަވާ ދާއިރާއެއްގައި އެހައިތަނަށް ހޯދިފައިނެތް އާ ހޯދުމެއް، ނުވަތަ ތިއަރީއެއް، އިލްމީ މުޖުތަމައު ބަލައިގަންނަ މިންވަރަށް ސާބިތު ކޮށްދެވުނީމަ އެވެ.

"އެއީ ކުޑަ، ފަސޭހަކަމެއްނޫނެވެ. ބުރަކަމެކެވެ. ގިނަ ވިގުތުތަކެއް ހޭދަވާ، އެމީހަކު އަވަދިކޮށްލާވަރުގެ ކަމެކެވެ. ޕީއެޗެޑީ ތީސިސްއެއް ނިންމައި، ދޫކޮށްލާއިރު، އެ ދާއިރާގެ އެހެން އިލްމުވެރީންގެ ސުވާލުތަކާ ފާޑުކިޔުން އެޔަށް އަންނާނެ އެވެ. އެހެންކަމުން، ތީސިސްގައި އުފައްދާ އިލްމު، ދުނިޔޭގެ އިލްމު ވެރީންގެ ތެރޭގައި ދިފާއުކުރެވޭނޭ ވަރަށް ބަލައި، ހޯދިފައި އޮންނާންވާނެ އެވެ،" އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.

"އެމްކިޔުއޭގެ މިނިންމުން، މި ހިނދަށްބަލާއިރު ވަރަށް ރަނގަޅެވެ. އަހުރެން އުންމީދުކުރަނީ ވީހާވެސް އަވަހަކަށް ޑިގްރީއާ މާސްޓަރސްގެ ފުލްޓައިމް ކިޔެވުންވެސް މިމިންގަނޑުތަކަށް ފައްތާނޭކަމަށެވެ،"

މަތީ ތައުލީމުގެ ހަމަތަކާ އުސޫލުތަކަށް ބަލާއިރު، ދުނޮޔޭގެ ގިނަ ގައުމުތަކުގައި ގެންގުޅޭ އާންމު އުސޫލުތަކެއް ހުންނަ ކަމަށް އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ. އެގޮތުން ވިދާޅުވީ:

  • އާންމު މިންގަނޑަކަށް ބަލަނީ ޑިޕްލޮމާ (ލެވެލް 6) އިން ފެށިގެން މަތީގެ ސަނަދުތަކަށް ކިޔަވާ ދަރިވަރަކުނަމަ، ކިޔެވުމިގައި މަދުވެގެން ހަފްތާއަކު 40-50 ގަޑިއިރު ހޭދަކޮށްގެން މެނުވީ އެ ލެވެލްގައި ހާސިލުކުރާންޖެހޭ މިންވަރަށް ހާސިލު ނުކުރެވޭނެ

  • އުސޫލެއްގެ ގޮތުން މަތީ ތައުލީމަކީ ދަރިވަރު އަމިއްލައަށް އުނގެނުމުގެ މަރުހަލާއެއް؛ މީހަކު ކިޔަވައިދީގެން އުނގެނޭ މަރުހަލާއެއް ނޫން 

  • އެހެންކަމުން، މަތީހަރުފަތްތަކަށް ދާވަރަކަށް، ކްލާހަށް ހާޒިރުވާންޖެހޭ މިންވަރު މަދުކުރޭ

  • ޑިގްރީއެއްގެ ފުރަތަމަ އަހަރު (ޑިޕްލޮމާ) ހަފްތާއަކު 12-20 ދޭތެރޭ ގަޑިއިރުގެ ކްލާސް އޮންނައިރު އަނެއް 20-25 ގަޑއިރު އަމިއްލައަށް ކިޔަވާންޖެހޭ 

  • މިހެންގޮސް މާސްޓާސް ޑިގްރީއެއްގައި ކްލާހަށް ހާޒިރުވާންޖެހޭ ވަރު ހަފްތާއަކު 6 ގަޑިއިރަށް މަދުވޭ 

  • ނަމަވެސް ފޮތް ކިޔުމާ، ޖާނަލްތައް ކިޔުމުގައި 30-40 ގަޑިއިރު ހޭދަކުރާންޖެހޭ

އިބްރާހިމް އިސްމާއިލް ވިދާޅުވިގޮތުން، އޭލެވެލް ނިންމިގޮތަށް ފެށި، ޑިގްރީ ނިންމާން އޭނާއަށް 4 އަހަރު ނެގި އެވެ. ހަތަރު އަހަރުގެ ޑިގްރީއެއް ނިންމާފައި، މާސްޓާސް އެއް ނިންމުނީ 2 އަހަރުން ނެވެ. އެ 6 އަހަރު، އެހެން އެއްވެސް ކަމެއް ކުރާނޭ ވަގުތެއް ނުވެ އެވެ.

"ރެއާ ދުވާލު އެކަމުގަ އެވެ. ގިނަ ވަގުތު އިންނަނީ ލައިބްރަރީގަ އެވެ. ކޮންމެ ސެމެސްޓަރެއް ނިމޭއިރު، މީހާހުންނަނީ ވަރުބަލިވެ ހަފުސްވެފަ އެވެ. އިމްތިހާނުތައް ނިންމާފައި، ހަފްތާއެއް ވަންދެން ނިދަނީ އެވެ. ރިކަވަރީއަށް މަސް ދުވަސް ނަގަ އެވެ. މަތީ ތައުލީމަކީ އެކަހަލަ ކަމެކެވެ." އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.

ކޮމެންޓް (3)

ސަލާމް

28 ޑިސެމްބަރު 2025
މަތީ ފާހަކާއި ސަނަދެއް ހޯދިދާނެއެވެ. ކިޔަވާ ބަލާ ހޯދަންޖެހެނީ ފޮތުންނެވެ. ތަންފީޒުކުރަންޖެހެނީ އެއަށްވުރެ ބޮޑުފޮތެއްގައެވެ. އެއީ، ޢާއްމު މުޖުތަމަޢުއެވެ. ގިނަ ވަގުތު ނަގާލައިގެން ވަގުތު ހުސްކޮށްގެން ރޭއާއި ދުވާލު ހަފުސްވެގެން ކިޔެވި މީހުންނަށް ވުރެ މުޖުތަމަޢު ތެރެއިން މަސައްކަތްކުރާ ރާވާ ހިނގާ ކަންތައް މޮޅެވެ. މުހިއްމީ ވަަގުތެއްގައި ހަފްސުވުމެއް ނޫނެވެ. ބޭކާރު ވަގުތާއި މޮޅު ވާހަކައެއް ވެސް ނޫނެވެ. ބޭނުމީ ކަންކުރެވޭނެ ހިތްވަރު ހުރި ހިކުމަތްތެރި ކެރޭ ހީވާކީ ފަހުލަވާނުންނެވެ.
1 0

ސިކުނޑި

27 ޑިސެމްބަރު 2025
އިބުރާގެ ވާހަކަވެސް ރަނގަޅު! އެހެނަސް، ސެޓްފިކެޓް ހާސިލް ކުރުމާ ފެންވަރު ހުރުމާ ތަފާތު! ފެންވަރު ނެތަސް ސެޓްފިކެޓް ލިބޭ! ފުލްޓައިމް ޕާޓް ޓައިމް ކޯސްތަކަށްވުރެ ނުރައްކަލީ މަންދު ކޮލެޖުން ފެށި އޮންލައިން ކޯސްތައް! ޕާޓްޓައިމް ކޯސް ކޮފީއަށް ދަމުން ހަދާއިރު - އޮންލައިން ކޯސްތައް އެބަހަދާ ކޮފީގައި ތިބެގެން! ކޮންމެއަކަށް، އެހާރައި މިހާރަށް ބަލާއިރު ކޮންމެވެސް ވަރެއްގެ ފަސޭހަތަކެއް ހުންނާނެ ޓެކްނޮލޮޖީއައި ކުރިއެރުމުގައި! އެކަމަކު، އާއިލާގެ ޚަރަދުބަރަދާހެދި އިބްރާގެ ސިކުނޑި ސުލުހަ ނުވެގެން އުޅެން ޖެހިދާނެ ކަމަށް ގަބޫލެއް ނުކުރެވޭ! އެވަރުގެ ބަދަލެއް ސަރުކާރުން ދެއްވި!
2 0

އަމަދު

27 ޑިސެމްބަރު 2025
ބޭކާރު ވާހަކަ. ނަގަން އުޅުނީމަ ނެނގޭނެ. ހިތްވަރު ނެތީ
3 4

އިތުރު އާޓިކަލް

އިތުރު އާޓިކަލް