ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް އާއި ޗައިނާ ސަފީރު، 1.3 ބިލިއަން ރުފިޔާގެ އެހީ ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން (ފޮޓޯ/ ފޮރިން މިނިސްޓްރީ)

ރާއްޖެ-ޗައިނާ

ތިން މަޝްރޫއެއް ހިންގަން ޗައިނާއިން 1.3 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމުގައި ސޮއިކޮށްފި

މި މާލީ އެހީން ކުރިއަށް ގެންދަނީ ވިލިމާލެ ހޮސްޕިޓަލް، މާލެއާއި ވިލިމާލެ މަގު ހެދުމުގެ މަޝްރޫއުގެ އިތުރުން 50 ރަށެއްގެ ކައުންސިލް އިމާރާތް އެޅުން
25 ޑިސެމްބަރު 2025

ސަރުކާރުން ކުރިއަށް ގެންދަން ރާވާފައިވާ މުހިންމު ތިން މަޝްރޫއެއް ހިންގުމަށްޓަކައި، ޗައިނާއިން ރާއްޖެއަށް 1.3 ބިލިއަން ރުފިޔާގެ މާލީ އެހީއެއް ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

ތަފްސީލް - މި ކަމަށް ޓަކައި މިއަދު ހެނދުނު ފޮރިން މިިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސޮއިކުރެއްވީ:

  • ދިވެހި ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް

  • ޗައިނާގެ ފަރާތުން ސަފީރު ކޮން ޝިއަންހުއާ

މި ފައިސާ ބޭނުންކުރާނީ ތިން މަޝްރޫއެއް ހިންގުމަށް ޓަކައި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އެއީ:

  • ވިލިމާލޭގައި އަޅާ 100 އެނދުގެ ހޮސްޕިޓަލް؛ ހޮސްޕިޓަލަށް ކިޔަނީ ވެސް ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް

  • މާލެ އާއި ވިލިމާލޭގެ މަގުތައް ހެދުމުގެ މަޝްރޫއު

  • 50 ރަށެއްގެ ކައުންސިލް އިމާރާތް އެޅުމުގެ މަޝްރޫއު

އެ ރަސްމިއްޔާތުގައި މިނިސްޓަރު ހަލީލް، ޗައިނާގެ ރައީސް ޝީ ޖިންޕިން އަށާއި ޗައިނާ ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރެއްވި އެވެ. އަދި، ރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

ޗައިނާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ޗައިނާއިން އަބަދުވެސް ރާއްޖޭގެ ތަރައްގީއަށް އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް