މާފުށި ޖަލުން ޝަމްއާން ވަހީދު އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވެވަޑައިގަންނަވަނީ --

ޝަމްއާން ވަހީދު

ޝަމްއާންގެ ފޮޓޯ ދައްކައިގެން އިންޒާރުދީ، 500،000ރ އަތުލި: ހެކިވެރިއެއް

މިއަދު ކްރިމިނަލް ކޯޓަށް ހެކިބަސް ދިނީ ޝަމްއާނާއި އިމިގްރޭޝަންގެ އޮފިސަރުންތަކެއް ވެގެން ފޭރުނު ކަމަށް ދައުލަތުން ބުނާ ބިދޭސީ މީހާ
25 ޑިސެމްބަރު 2025
1

އިމިގްރޭޝަންގެ ބަންދުން ދޫކޮށްލީ، ކުރީގެ ކޮންޓްރޯލަރު ޝަމްއާން ވަހީދަށް ގުޅައި އޭނާގެ ފޮޓޯ ވެސް ދެއްކުމަށް ފަހު ބިރު ދައްކައިގެން 500،000 ރުފިޔާ އަތުލުމަށް ފަހު ކަމަށް ހެކިވެރިޔަކު ހެކިބަސް ދެމުން މިއަދު ޝަރީއަތުގައި ބުނެފި އެވެ.

މައްސަލައިގެ ފެށުން - ސަރުކާރުގެ ފުރަތަމަ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން މަގާމުން ވަކިކޮށް، ހައްޔަރުކުރަނީ މިދިޔަ 22 މާޗުގަ އެވެ. އޭރު ޝަމްއާނާއެކު އިމިގްރޭޝަންގެ އިތުރު ހަތަރު އޮފިސަރަކު ހައްޔަރުކުރި އެވެ.

އެއީ އިމިގްރޭޝަންގެ އެހެން ބައެއް މުވައްޒަފުންނާ ގުޅިގެން ގަވާއިދާ ހިލާފު އޮޕަރޭޝަނެއްގައި ބިދޭސީ މަސައްކަތްތެރިންގެ ބަޔަކު ހައްޔަރުކޮށް އޭގެ ތެރެއިން އެކަކުގެ އަތުން 530،000ރ. ނެގި ކަމަށް ތުހުމަތުކޮށެވެ.

މިއަދު ކްރިމިނަލް ކޯޓަށް ހެކިބަސް ދިން އެކަކަކީ، އެ ބިދޭސީ މީހާ އެވެ.

ތަފްސީލް - މައިނުއްދީން ނަމަކަށް ކިޔާ އެ ބަންގްލަދޭޝް މީހާ ހެކިބަސް ދެމުން ބުނީ ރޯދަ މަހެއްގެ ރެއެއްގައި އިމިގްރޭޝަންގެ ބަޔަކު އޭނާގެ ގެއަށް ވަދެ، ބަލައި ފާސްކުރުމަށް ފަހު އޭނާ އާއި އެ ތަނުގައި އުޅޭ ބިދޭސީން އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރަށް ގެންދިޔަ ކަމަށެވެ.

ގެންދިއުމަށް ފަހުގައި އެއް ދުވަހު އެ ތަނުން އޭނާ ނަގައިގެން ވެހިކަލަކަށް އަރުވައިގެން ގެންގޮސް ބިރު ދެއްކި ކަމަށް އޭނާ ބުންޏެވެ. އެ ގޮތުން:

  • ހަމުގެ ކުލަ ކަޅު، ހަށިގަނޑު ފަލަކޮށް ހުރި އިމިގްރޭޝަންގެ އޮފިސަރަކު އޭނާ ކައިރީ ބުނީ 500،000ރ. ދޭން އެންގި ކަމަށް؛ ބޮޑަށް ބެލެވެނީ ހެކިވެރިޔާ އިޝާރާތްކުރީ މި މައްސަލާގައި ދައުވާކޮށްފައިވާ އިބްރާހީމް އަހުމަދަށް

  • އެ އޮފިސަރު ކޮންމެ ވެސް މީހަކަށް ގުޅުމަށް ފަހު، ގުޅައިގެން ހުރެގެން ގުޅި މީހާގެ ފޮޓޯއެއް ދެއްކި؛ އެއީ ޝަމްއާންގެ ފޮޓޯއެއް

  • ގުޅައިގެން ހުރި މީހާ އަންގަނީ އެއީ އިިމިގްރޭޝަންގެ އެންމެ އިސް މީހާ ކަމާއި، އޭނާ ދޫކޮށްލާނީ 500،000ރ. ދިނުމުން ކަމަށް ބުނެ އިންޒާރުދިން؛ ނޫނީ ހަމަ އަނބުރާ އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރަށް ގެންގޮސް ބަންދުކުރާނެ ކަމަށް ބުނި

އޭނާ ބުނީ ބަންދުކުރާނެ ކަމުގެ ބިރު އޮތުމުން އިމިގްރޭޝަން އޮފިސަރަށް އެފައިސާ ހުދު ކޮތަޅަކަށް ލުމަށް ފަހު، އެ ފައިސާ ދީފައިވާނެ ކަމަށެވެ. އަދި ބާކީ ހުރި 30،000ރ. އިން ޓިކެޓު ނަގައިގެން އަނބުރާ ބަންގްލަދޭޝް ދިޔައީ ކަމަށް ވެސް ބުންޏެވެ.

ދިފާއީ ވަކީލު ނޫރުއްސަލާމް ސުވާލުކުރަމުން ދިޔައީ ހެކިވެރިޔާ 'ކްރެޑިބިލިޓީ' ނުވަތަ ހެކިވެރިޔާގެ ބަހުގެ އިތުބާރު ހުރި ވަރަކާ މެދު ސުވާލު އުފައްދަމުންނެވެ. އެ ގޮތުން:

  • ހެކިވެރިޔާ ގަތް ބިމަކާ ގުޅޭ ގޮތުންނާއި، ފަހުން ބިން ވިއްކި ގޮތަކާ ގުޅޭ ގޮތުން ވެސް ސުވާލުކުރި

  • ވެހިކަލެއްގެ ތެރެއިން ބަޔަކު ބިރު ދައްކައި ފައިސާ ފޭރުނު އިރު، ބިދޭސީ މީހާގެ ވެރިފަރާތާ ނުގުޅީ ކީއްވެތޯ ސުވާލުކުރި

  • ބިރުން ވެރިފަރާތަށް ހަބަރު ނުވި ކަމަށް ބުނުމުން ނަފްސާނީ ގޮތުން ބަލިކަށިވެގެން ޑޮކްޓަރަށް ދެއްކިންތޯ ވެސް ސުވާލުކުރި؛ ޑޮކްޓަރަށް ނުދައްކާ ކަމަށް ބުނި

ފާހަގަކޮށްލެވޭ - އެ ރޭ އިމިގްރޭޝަންގެ ވެހިކަލް ދުއްވަން އިން އޮފިސަރު އަހްމަދު ލައްސާން، މ. ހަޒާރީވިލާ ވެސް ޝަރީއަތަށް ހެކިބަސް ދިނެވެ. ޖަލު ހެދުމުގައި ޝަރީއަތަށް ހާޒިރުވެ، ލައްސާން ހެކިބަސް ދެމުން ބުނީ:

  • ބަންގްލަދޭޝް މީހާ ގޮވައިގެން އޭނާ ދިރިއުޅޭ ގެ ކައިރިއަށް ވެހިކަލްގައި ދުއްވާފައި ދިޔަ

  • ބިދޭސީ މީހާ ދޫކޮށްލި ފަހުން، އޮފިސަރު އިބްރާހީމް އަހުމަދު ހުދުކުލައިގެ ކޮތަޅެއް ހިފައިގެން އައިސް ޝަމްއާނާ ހަވާލުކުރަން ޖެހޭ އެއްޗެއް ކަމަށް ބުނި

  • ޝަމްއާން ދިރިއުޅުއްވާ އެޕާޓްމަންޓް ހުންނަ އިމާރާތުގެ ލިފްޓް ތެރޭގައި އިބްރާހީމް އަހްމަދު ކޮތަޅު ހުޅުވާލައި ބަލައިލި؛ ކޮތަޅުގައި ހުރީ ގިނަ އަދަދެއްގެ ފައިސާ

  • އެޕާޓްމަންޓްގެ ދޮރު ހުޅުވައި ފައިސާ ހުރި ކޮތަޅާ ހަވާލުވީ ޝަމްއާން؛ ކޮތަޅުން ފައިސާގެ ދެ ބޮނޑި ޝަމްއާން ނަންގަވާފައި އިބްރާހީމް އަހުމަދަށް ދެއްވި

  • ކޮތަޅުގެ ހުރި ފައިސާގެ އަދަދެއް ލައްސާނަށް ނޭނގޭ

ލައްސާން ކުށަށް އިއުތިރާފްވެ، މި މައްސަލާގައި ހުކުމްކޮށްފައިވެ އެވެ. މި މައްސަލާގައި ދެން ކުށަށް އިއުތިރާފްވެ ހުކުމްކޮށްފައިވަނީ މުހައްމަދު އަލްސަން އިސްމާއިލް، މޫނިމާގެ/ތ. ބުރުނިގެ މައްޗަށެވެ.

ކޮމެންޓް (1)

ޢަލީ

25 ޑިސެމްބަރު 2025
ދޮގު ހެކިދީގެން މީހެއްގެ ހަޔާތް ބަރުބާދު ނުކޮށްލާ! ﷲވޮޑިގެން ވާކަން ހަނދާންކުރޭ!
5 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް