29 މެއި 2024: ޖުވެނައިލް ކޯޓް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

13 އަހަރުގެ ކުއްޖާގެ މަރު: ތުހުމަތުވާ ކުއްޖާ 17 އަހަރަށް ބަންދުކުރަން ހުކުމްކޮށްފި

މަރާލުމުގެ ކުށް ސާބިތުވުމުން މަރުގެ ދިޔައާ ގުޅޭ ގޮތުން ގޮތެއް ކަނޑައަޅަން ޖުވެނައިލް ކޯޓުން ހުކުމްކުރީ، މި މައްސަލާގައި ބޮޑު މީހަކަށް ދައުވާކޮށް ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޝަރީއަތުގައި އެ ކޯޓުން ގޮތެއް ނިންމުމުން، ޖުވެނައިލް ކޯޓަށް އަލުން ހުށަހަޅައިގެން
25 ޑިސެމްބަރު 2025

ހުޅުމާލޭގައި 13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށް މަރާލުމަށްފަހު ފޮށްޓަކައި ލައި މޫދަށް އެއްލާލި މައްސަލައިގައި ތުހުމަތުކުރެވޭ ކުޑަ ކުއްޖާ17 އަހަރަށް ޑިޓެންޝަން ސެންޓަރެއްގައި ބަންދުުކުރުމަށް ޖުވެނައިލް ކޯޓުން މިދިޔަ އަންގާރަ ދުވަހު ހުކުމްކޮށްފި އެވެ.

ވީކިހިނެއް؟ - 2 ޖޫން 2021 ދުވަހުގެ ދަންވަރު 02:00 ހާއިރު ހިނގި މި ހާދިސާއާ ގުޅިގެން ދައުލަތުން ދައުވާކުރި އެކަކަކީ އޭރު 17 އަހަރުގެ ކުއްޖެކެވެ. އޭނާގެ މައްޗަށް އުފުލި ދައުވާތަކަކީ:

  • ގަސްދުގައި މީހަކު މެރުމުގެ ދައުވާ

  • ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ދައުވާ

  • މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާ

ޖުވެނައިލް ކޯޓުން މިދިޔަ އަންގާރަ ދުވަހު ހުކުމްކުރީ އެ ތިން ދައުވާ ވެސް ސާބިތުވާ ކަމަށެވެ.

ތަފްސީލް - އޭގެ ތެރެއިން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ އަދަބެއްގެ ގޮތުން ކޯޓުން ހުކުމްކުރީ:

  • 16 އަހަރާ 10 މަހާއި 7 ދުވަހަށް ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒެއްގައި ބަންދުކުރުމަށް

  • ހުކުމްކުރުމުގެ ކުރިން ބަންދުގައި ހޭދަކުރި 4 އަހަރާއި 6 މަހާއި 2 ދުވަސް އުނިކުރުމުން ތަންފީޒުކުރަންޖެހޭ މުއްދަތަކީ 12 އަހަރާ 4 މަހާއި 5 ދުވަސް ކަމަށް

  • ކައްފާރާއެއްގެ ގޮތުން ވިދިވިދިގެން 2 މަސް ދުވަހު ރޯދަ ހިފުމަށް

  • މި މައްސަލާގައި އިތުރު ބޮޑު މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި އެ ކޯޓުން ހުކުމެއް ކުރުމުން، މަރުގެ ދިޔައާ މެދު ގޮތެއް ކަނޑައެޅުމަށް ޓަކައި ޖުވެނައިލް ކޯޓަށް ހުށަހެޅުމަށް

ދެން އޮތް ދެ ދައުވާގެ އަދަބެއްގެ ގޮތުގައި ހުކުމްކުރީ:

  • ހުއްދަނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ކުށުގެ އަދަބެއްގެ ގޮތުން، 11 މަހާއި 9 ދުވަހަށް ޖުވެނައިލް ޑިޓެންޝަން ސެންޓަރެއްގައި ބަންދުކުރުމަށް

  • މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ އަދަބެއްގެ ގޮތުން 18 ދުވަހަށް ޖުވެނައިލް ޑިޓެންޝަން ސެންޓަރެއްގައި ބަންދުކުރުމަށް

އެނގުން މުހިންމު - މި މައްސަލާގައި ދެން ދައުވާކޮށްފައިވަނީ ނ. ލަންދޫ ބަގީޗާގެ އިބްރާހިމް ޒިހާންގެ މައްޗަށެވެ. އިބްރާހިމް ޒިހާންގެ މައްޗަށް 13 ދައުވާއެއް ދައުވާއެއް އުފުލަ އެވެ. ކްރިމިނަލް ކޯޓުގައި އޭނާގެ ޝަރީއަތް ހިންގަމުންދަނީ ސިއްރުކޮށްގެނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް