ގއ. އަތޮޅު ކައުންސިލް

ގއ. އަތޮޅު ކައުންސިލުން ތައިލެންޑަށް ކުރި ތަޖުރިބާ ދަތުރަށް 3 ލައްކަ ހަރަދުކުރީ އުސޫލާ ހިލާފަށް: އޮޑިޓް

ދައުލަތުން ކުރާ ހަރަދު ކުޑަކުރުމަށް މިފަދަ ތަޖުރިބާ ދަތުރުތަކަށް ހިނގާނެ ހަރަދު ކައުންސިލުގެ ބަޖެޓުން ނުކުރުމަށާއި، އެހީގެ ފައިސާއިން ނޫނީ އެފަދަ ދަތުރުތައް ނުކުރުމަށް އޮޑިޓުގައި އިލްތިމާސްކޮށްފައިވޭ

ގއ. އަތޮޅު ކައުންސިލުން ތަޖުރިބާ ދަތުރެއްގައި ތަލޭންޑަށް ކުރި ދަތުރަށް 3 ލައްކައަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވަނީ އުސޫލާ ހިލާފަށް ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.

ވީ ކިހިނެއް؟ - އޮޑިޓު އޮފީހުން އާންމުކުރި، ގއ. އަތޮޅު ކައުންސިލުގެ މިދިޔަ އަހަރުގެ އޮޑިޓު ރިޕޯޓުގައި ވަނީ މާލިއްޔަތު ގާނޫނާ ހިލާފަށް ކޮށްފައިވާ ގިނަ ކަންކަމެއް ފާހަގަކޮށް، އެކަންކަން އިސްލާހުކުރަން އަންގާފަ އެވެ.

އޭގެތެރޭގައި މިދިޔަ އަހަރުގެ މޭ މަހު ތައިލޭންޑަށް އެ ކައުންސިލުން ކުރި ތަޖުރިބާ ދަތުރުގައި ކައުންސިލުގެ ބަޖެޓުން އެކަށީގެންވާ މިންވަރަށްވުރެ ބޮޑު ހަރަދެއް ކޮށްފައިވަނީ، ހަރަދުތަކުގެ އެފިޝަންސީ މަތިކުރުމަށް ފިނޭންސް މިނިސްޓްރީން ފޮނުވާފައިވާ ސާކިއުލާއާ އެއްގޮތަށް ނޫންކަން ފާހަގަކޮށްފައިވެ އެވެ.

ތަފްސީލް - އޮޑިޓުގައި ބުނީ، އޮތޮޅު ކައުންސިލުގެ ހަތް މެންބަރުންނާއި ސެކެރެޓަރީ ޖެނަރަލް ހިމެނޭހެން، އެ އަހަރުގެ 20 މޭ އިން 30 މޭ އަށް ކުރި ތަޖުރިބާ ދަތުރުގައި 338،006ރ ކައުންސިލުގެ ބަޖެޓުން ހަރަދުކޮށްފައިވާ ކަމަށެވެ. އެއީ:

  • ހުރުމާއި ކެއުމުގެ ހަރަދަށް - 266،457ރ

  • ޓިކެޓުގެ ހަރަދަށް - 71،549ރ

އޮޑިޓުގައި ބުނީ، 31 ޖެނުއަރީ 2023ގައި ދައުލަތުގެ އިދާރާތަކަށް ފޮނުވާފައިވާ ފިނޭންސްގެ މާލިއްޔަތާބެހޭ ސާކިއުލާގައި ބަޖެޓުން ހަރަދުކުރުމުގައި ބަލަންޖެހޭނެ ކަންކަން ފާހަގަކޮށްފައިވާ ކަމަށެވެ. އެގޮތުން، ރާއްޖެއިން ބޭރުން ހުރިހާ ހަރަދެއް ލިބޭ ކުރު މުއްދަތުގެ ކީސްތަކާއި ޓްރޭނިންތައް ފިޔަވައި އިތުރު އެއްވެސް ޓްރޭނިން ޕްރޮގްރާމެއް ކުރިއަށް ނުގެންދިއުމަށް އެ ސާކިއުލާގައި އިރުޝާދުދީފައިވާ ކަމަށް ބުންޏެވެ.

އޮޑިޓުގައި އިތުރަށް ބުނީ:

  • ކައުންސިލުތަކުގެ އިދާރީ އަދި ފަންނީ ގާބިލުކަން އިތުރުކުރުމަށްޓަކައި ދޭންޖެހޭ ތަމްރީންތައް ކަނޑައަޅައި އެ ތަމްރީންތައް ދޭނެ އިންތިޒާމު ހަމަޖެއްސުމަކީ ލޯކަލް ގަވާމަންޓް އޮތޯރަޓީ (އެލްޖީއޭ)ގެ މަސްއޫލިއްޔަތެއް

  • ބޭރު ގައުމުތަކުގެ ކައުންސިލުތައް ހިނގަމުންދާގޮތް ބަލައި ތަޖުރިބާ ހޯދުމުގައި އެލްޖީއޭ މެދުވެރިކޮށް ވިލަރެސްކުރުމުން މިފަދަ ދަތުރުތަކުގެ މަގަސަދު ހާސިލުވާނެ

  • ނަމަވެސް ކައުންސިލް އިދާރާއިން ތައިލޭންޑަށް ކޮށްފައިވާ ތަޖުރިބާ ދަތުރުގައި އެލްޖީއޭ އާ މަޝްވަރާކޮށްފައިނުވޭ

އޮޑިޓުގައި ލަފާދީފައިވަނީ، ފިނޭންސްގެ މާލިއްޔަތު ސާކިއުލާއާ އެއްގޮތަށް ހަރަދުތައް ކުރުމަށެވެ. އަދި، ދައުލަތުން ކުރާ ހަރަދު ކުޑަކުރުމަށް މިފަދަ ތަޖުރިބާ ދަތުރުތަކަށް ހިނގާނެ ހަރަދު ކައުންސިލުގެ ބަޖެޓުން ނުކުރުމަށް އިލްތިމާސްކުރި އެވެ. އޭގެ ބަދަލުގައި ސޮޕޮންސާ އާއި އެހީގެ ގޮތުގައި ފައިސާގެ ހޯދައިގެން ނޫނީ ކައުންސިލުން ކުރާ ދަތުރުތަކަށް އެފަދަ ބޮޑު ހަރަދެއް ނުކުރުމަށް އޮޑިޓުގައި ލާފާދީފައިވެ އެވެ.

މީގެ އިތުރުން އޮޑިޓުގައި ފާހަގަކޮށްފައިވާ ކަންކަމަކީ:

  • މާލީ އަހަރުގެ ނިޔަލަށް ކައުންސިލަށް ލިބެންޖެހޭ ހިސާބު ތައްޔާރުކޮށް ބަލަހައްޓާފައި ނުވުން؛ މިހެންވެ، އިދާރާއަށް ނުލިބި ވަނީ ކިހާ ފައިސާއެއްކަން ޔަގީނެއް ނުކުރެވޭ

  • ލައިސަަންސް ޓްރެކުގެ އެތެރޭގައި އޮތް ބިމެއް ކުއްޔަށް ދޫކޮށްފައިވާއިރު އެ ބިމާ ގުޅޭ ލިޔެކިއުންތައް ނެތުން؛ މި ބިމަށް ފައިސާ ނުދައްކާ ބިން ބޭނުންކުރަމުންދާއިރު އެއްބަސްވުމެއް ނެތުމުން ނުދައްކާ ހުރި ފައިސާގެ އަދަދެއް ސާފެއް ނުވޭ

  • އިތުރުގަޑީގެ ފައިސާ ދިނުމުގައި ހަރުދަނާ އުސޫލެއް ނެތި، ފައިސާ ދޫކޮށްފައިވުން؛ ކައުންސިލުގެ 20 މުވައްޒަފަކަށް އިތުރުގަޑީގެ ފައިސާގެ ގޮތުގައި 783،792ރ ދޫކޮށްފައިވޭ

  • ހިދުމަތާއި ތަކެތި ހޯދުމުގެ ކަންކަން ވެސް މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކޮށްފައިނުވުން؛ އިއުލާން ނުކޮށް 10 މުއާމަލާތަކަށް 251،880ރ ހަރަދުކޮށްފައިވޭ

  • ގުޅިފައިވާ ބައެއްގެ އަތުން ކޮޓޭޝަން ހަދައިގެން ތަކެއްޗާއި ހިދުމަތް ހޯދާފައިވުން އަދި އާންމުކޮށް ތަކެތި ވިއްކަން ނުހުންނަ ފިހާރަތަކުން ތަކެތި ގަނެފައިވުން؛ ހަ މުއާމަލާތަކުން 118،648ރ ގެ ތަކެތި ހޯދާފައިވަނީ ގއ. ވިލިނގިލީގައި އެފަދަ ވިޔަފާރިތައް އާންމުކޮށް ނުކުރާ، ރަޖިސްޓްރީ ވެސް ނުކުރާ ބައެއްގެ އަތުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް