ހުޅުމާލޭގެ މަގެއްގައި ޕާކުކޮށްފައި ހުރި ކާރުތަކެއް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ގަރާޖު ކުރުމުގެ ހުއްދައާ ނުލައި އުޅަނދު ރަޖިސްޓްރީ ކޮށްދޭން ނިންމައިފި

މާލެ ސިޓީ ކައުންސިލާއި އެޗުޑީސީއިން ދޫކުރަމުންދާ އުޅަނދު ގަރާޖު ކުރުމުގެ ހުއްދަ އުވައިލުމުގެ އިތުރުން، އުޅަނދުގެ ވެރިފަރާތް ބަދަލުކުރުމާއި ރަޖިސްޓްރީ ބާތިލުކުރުމުގައި ވެސް ލުއިތަކެއް ދިނުމަށް ޓްރާންސްޕޯޓުން ވަނީ ނިންމާފައި
23 ޑިސެމްބަރު 2025
1

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ތެރެއިން ދެ ފުރޮޅަށް ވުރެ ގިނަ ފުރޮޅުލީ އުޅަނދުތައް ރަޖިސްޓްރީ ކުރުމުގައި ލުޔެއް ދިނުމުގެ ގޮތުން މާލެ ސިޓީ ކައުންސިލާއި އެޗުޑީސީއިން ދޫކުރަމުންދާ އުޅަނދު ގަރާޖުކުރުމުގެ ހުއްދައާ ނުލައި އުޅަނދު ރަޖިސްޓްރީ ކުރެވޭ ގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމާއި ރަޖިސްޓްރީ ބާތިލުކުރުން އަދި ވެރިފަރާތް ބަދަލުކުރުމުގައި ދޭން ނިންމާފައިވާ ލުއިތައް ޓްރާންސްޕޯޓުން އިއްޔެ ވަނީ އިއުލާންކޮށްފަ އެވެ.

ތަފްސީލު - މިހާރު ދެ ފުރޮޅަށް ވުރެ ގިނަ ފުރޮޅުލީ އުޅަނދުގެ ރެޖިސްޓްރޭޝަން މަރުހަލާގައި މާލެ ސިޓީ ކައުންސިލް އަދި އެޗްޑީސީއިން ދޫކުރަމުންދާ އުޅަނދު ގަރާޖުކުރުމުގެ ހުއްދައެއް ބޭނުންވެ އެވެ. ނަމަވެސް ލުޔެއް ދިނުމުގެ ގޮތުން ޓްރާންސްޕޯޓުން ނިންމާފައިވަނީ އެ ލިޔުމާ ނުލައި އުޅަނދު ރަޖިސްޓްރީ ކޮށްދިނުމަށެވެ.

އެއާ އެކު ރެޖިސްޓްރޭޝަން މަރުހަލާގައި ދެން ހުށަހަޅަން ޖެހޭނީ:

  • އުޅަނދު ބާއްވަން ބޭނުންކުރާ ތަނަކީ ގަރާޖެއްގެ ގޮތުގައި ކައުންސިލްގައި ރަޖިސްޓްރީ ކޮށްފައިވާ ތަނެއްކަން އަންގައިދޭ ލިޔުން

  • ގަރާޖުގައި އުޅަނދު ބޭއްވުމާ މެދު ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން

އޭގެ އިތުރުން އުޅަނދުތަކުގެ ވެރިފަރާތް ބަދަލުކުރުމުގައި ވެސް ލުއިތަކެއް ދިނުމަށް ޓްރާންސްޕޯޓުން ވަނީ ނިންމާފަ އެވެ. އެގޮތުން

  • ގަރާޖު ލާޒިމްކުރުމުގެ ކުރިން (2009 ވަނަ އަހަރުގެ ކުރިން) ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކާއި އޭގެ ފަހުން ވެސް ސައްހަ ގަރާޖަކާ ނުލައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކުގެ ވެރިފަރާތް ބަދަލުކުރުމުގައި، އިތުރު ގަރާޖު ލިޔުމަކާ ނުލައި އެ އުޅަނދު މިހާރު ރަޖިސްޓްރީކޮށްފައިވާ ޒޯނުގެ ތެރޭގައި ވެރިފަރާތް ބަދަލު ކުރެވޭނެ

  • ސައްހަ ގަރާޖަކާ އެކު ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ނަމަ ވެރިފަރާތް ބަދަލުކުރެވޭނީ އެ އުޅަނދު ރަޖިސްޓްރީކޮށްފައިވާ ގަރާޖުގައި އުޅަނދު ބޭއްވުމާ މެދު ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމާ އެކު

ބައުވެ، ހަލާކުވެ ނުވަތަ ނައްތާލަން ބޭނުންވާ އެއްގަމު އުޅަނދުގެ ރަޖިސްޓްރި ބާތިލުކުރުމުގައި ލުއި ދޭން ނިންމާފައިވާ ގޮތަކީ، އުޅަނދާ ގުޅިގެން އަރާފައިވާ އަހަރީ ފީތަކާއި ޖޫރިމަނާ ހުރި ކަމުގައި ވިޔަސް ރަޖިސްޓްރީ ބާތިލުކުރެވޭ ގޮތަށް ބަދަލުކުރުމެވެ.

މީގެ ކުރިން ރަޖިސްޓްރީ ބާތިލުކުރެވޭނީ ފީތަކާއި ޖޫރިމަނާތައް ދައްކައި ހަލާސްކުރުމަށް ފަހު އެވެ.

މިގޮތަށް ބަދަލު ގެނައި ނަމަވެސް ޓްރާންސްޕޯޓުން ބުނީ ރަޖިސްޓްރީ ބާތިލުކުރުމާ ހަމައަށް ނުދައްކައި ހުރި އަހަރީ ފީ އާއި ޖޫރިމަނާތައް އުޅަނދުގެ ވެރިފަރާތުން ދައުލަތަށް ދައްކަން ޖެހޭނެ ކަމަށެވެ.

އެ ބަދަލުތަކަށް އަމަލުކުރާނީ އަންނަ އަހަރުން ފެށިގެންނެވެ.

ކޮމެންޓް (1)

ވިސްނާ

24 ޑިސެމްބަރު 2025
ގަރާޖެއްގަ ކިތައް އުޅަނދު ރެޖިސްޓަރ ކުރެވޭނީ؟ މޯރ ދެން ވަން؟ ޔެސް؟
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް