23 ނޮވެމްބަރު 2025: އެމްޑީޕީ ގައުމީ ޖަލްސާގައި ފައްޔާޒް ވާހަކަ ދައްކަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ފައްޔާޒަށް މައްސަލައަކީ އާދަމް އާޒިމް މި ސަރުކާރު ޖަވާބުދާރީކުރަން ނޫޅޭތީ

މާލޭގެ މޭޔަރުކަމުގެ އިތުރުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މާލެ ދާއިރާގެ ރައީސަކަށް ވެސް ހުންނެވީ އާދަމް އާޒިމް ކަމާއި، ނަމަވެސް މާލޭ ސަރަހައްދުގައި އެމްޑީޕީގެ ހަރަކާތްތަކަށް ވެސް މާ ބޮޑު ކުރިއެރުމެއް ނުލިބޭ ކަމަށް ފައްޔާޒު ވިދާޅުވި
19 ޑިސެމްބަރު 2025
2

މާލޭގެ މޭޔަރަކަށް އެމްޑީޕީއަށް ނިސްބަތްވާ މޭޔަރެއް ހުންނެވި ނަމަވެސް ހިތްހަމަނުޖެހުނު ކަމަކީ އާދަމް އާޒިމްގެ މޭޔަރު ކަމުގައި ވޭތުވެދިޔަ ދެ އަހަރު ދުވަހު ތެރޭގައި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަސައްކަތް ނުކުރެއްވުން ކަމަށް، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ރޭ ވިދާޅުވެއްޖެ އެވެ.

ވީކިހިނެއް؟ - އަންނަ ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ މާލޭގެ މޭޔަރު ޓިކެޓަށް ވާދަ ކުރައްވަނީ މިހާރު ހުންނެވި އާދަމް އާޒިމް އާއި މެދު ހެންވޭރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަލީ އާޒިމް އެވެ. އަންނަ ރިޔާސީ އިންތިހާބުގެ ޝައުގުވެރިކަން ވެސް ފާޅުކުރައްވާފައިވާ ފައްޔާޒު ތާއީދުކުރައްވަނީ އަލީ އާޒިމަށެވެ.

ބުނީ ކީކޭ؟ - އަލީ އާޒިމްގެ ކެމްޕެއިން ޖަލްސާއެއްގައި ރޭ ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ މާލޭގައި ފަސޭހަ ދިރިއުޅުމެއްގެ ތަސައްވުރާ އެކު އަލީ އާޒިމް ނުކުންނެވި ނަމަވެސް އޭނާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރާއްޖެ ސަލާމަތުން ދެމިއޮވެދާނެތޯ މިހާރު ސުވާލު އުފެދިފައިވާތީ އެ ކަމެވެ.

"ދަރަނި އެހާ ބޮޑުވެގެން ގޮސްފި. އިގުތިސޯދު ފުނޑުފުނޑުވެގެން ގޮސްފި. ކުދި ވިޔަފާރިތައް ބަނގުރޫޓުވެއްޖެ. ރައްޔިތުން މިހާ ނިކަމެތިވި ޒަމާނެއް އަޅުގަނޑުމެން ހަނދާނަކަށް ވެސް ނާދޭ. މިއިން ކަމަކާ ސަރުކާރުން ކަންބޮޑުވެގެން އުޅޭ ތަނެއް ވެސް ނުފެނޭ،" ފައްޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ހާލަތުގައި އޭނާއަށް އެންމެ މުހިންމީ އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި އޮވެގެން ސަރުކާރު ޖަވާބުދާރީކުރުން ކަމަށެވެ. އަދި މިހާރު ހުންނެވި މާލޭގެ މޭޔަރާ މެދު އޭނާގެ އޮތް ހަމައެކަނި ހިތްހަމަނުޖެހޭ މައްސަލައަކީ ވެސް އެއީ ކަމަށް ވިދާޅުވި އެވެ.

"ދެ އަހަރާއި ބައިވެގެން ދިޔައިރު އޮޕޮޒިޝަން ޕާޓީގެ މޭޔަރެއް ހުންނަތާ، މި ސަރުކާރާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅުވާ ތަން ދެކުނިންތޯ؟ ނޫން. އަޅުގަނޑުގެ މައްސަލައަކީ މި މޭޔަރަށް ސަރުކާރަށް ކުޑަމިނުން އެއްޗެއް ވިދާޅުނުވެވޭތީ،" ފައްޔާޒު ވިދާޅުވި އެވެ.

އާދަމް އާޒިމްގެ ހިއްސާ އޮންނަ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންސް (އާރުސީސީ) އަށް މާލޭގެ ގިނަ ބިންތައް ދިނުމާއި ސަރުކާރުގެ ގިނަ ޕްރޮޖެކްޓްތައް ދޭތީ އެ ކަމަށް ވެސް ފައްޔާޒު އިޝާރާތްކުރެއްވި އެވެ. ކުންފުނީގެ ނަން ވިދާޅުނުވެ، ފައްޔާޒު ވިދާޅުވީ އެ ކުންފުނީގެ ސަބަބުން ސަރުކާރަށް ފާޑުވިދާޅުވާން ދަތިވަނީ ކަމަށް ވެސް ވެދާނެ ކަމަށެވެ.

"މި ތަނުން މީހަކު ދެންމެ ވާހަކަ ދައްކަމުން ފާހަގަކުރި، ކުންފުންޏެއްގެ ވާހަކަ. ފަހަރުގައި ވެދާނެ އެ ސަބަބާ ހުރެ ދަތިކަމެއް ހުރުމުން ސަރުކާރަށް އެއްޗެއް ވިދާޅުނުވެވިގެން އުޅެނީ [ކަމަށް]،" އޭނާ ވިދާޅުވި އެވެ.

މާލޭގެ މޭޔަރުކަމުގެ އިތުރުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މާލެ ދާއިރާގެ ރައީސަކަށް ވެސް ހުންނެވީ އާދަމް އާޒިމް ކަމަށާއި ނަމަވެސް މާލޭ ސަރަހައްދުގައި އެމްޑީޕީގެ ހަރަކާތްތަކަށް ވެސް މާ ބޮޑު ކުރިއެރުމެއް ނުލިބޭ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"އެމްޑީޕީގެ މާލެ ސިޓީއަށް ކިހިނެއްތޯވީ؟ ކިތައް މެންބަރުން އިތުރުކުރެވުނުތޯ؟ ކިތައް ޖަލްސާ ބޭއްވުނުތޯ؟ ނުވޭ،"

އަލީ އާޒިމްގެ ކެމްޕެއިން ހަރަކާތެއްގައި ފައްޔާޒު އިސްމާއީލް ވާހަކަ ދައްކަވަނީ-

އަލީ، ފައްޔާޒަށް ކުރިން ފާޑުވިދާޅުވުމަކީ ތާއީދުކުރެއްވި ސަބަބު

ފާހަގަކޮށްލެވޭ - މިދިޔަ ސަރުކާރުގައި އެމްޑީޕީގެ އެތެރޭގައި ހިޔާލުތަފާތުވުންތައް އުފެދިގެން ދިޔައިރު ފައްޔާޒަށް އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް ބޭފުޅަކީ އަލީ އާޒިމް އެވެ.

އޭރު ފައްޔާޒަކީ އިކޮނޮމިކް މިނިސްޓަރެވެ. މަޖިލިސް ތެރެއިން ފައްޔާޒުގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ލޮބީކުރެއްވި ބޭފުޅުންގެ ތެރޭގައި އާޒިމް ވެސް އުޅުއްވި ކަމަށް، އެ ޕާޓީގެ ބައެއް އިސް ބޭފުޅުން ވެސް ވިދާޅުވެފައިވެ އެވެ.

ބުނީ ކީކޭ؟ - އެ ކަމަށް އިޝާރާތްކުރައްވަމުން ފައްޔާޒު ވިދާޅުވީ މާލޭގެ މޭޔަރުކަމަށް އަލީ އާޒިމް ގެންނަވަން ތާއީދުކުރެއްވި އެއް ސަބަބަކީ ވެސް އެއީ ކަމަށެވެ.

"އަޅުގަނޑު އިކޮނޮމިކް މިނިސްޓަރަކަށް ހުރި އިރު އެންމެ ބޮޑަށް އެއްޗެހި ގޮވީ އަލީ އާޒިމް. އަޅުގަނޑުމެންގެ ޕާޓީގައި ހުންނަވައިގެން އަޅުގަނޑު މިނިސްޓަރުކަމުގައި ހިނގި ކަންކަން ޖަވާބުދާރީކުރުވުމަށް އުޅުއްވި ބޭފުޅެއް،" އޭރު އެމްޑީޕީގެ ސަރުކާރާ ދެކޮޅަށް ނުކުންނަވައި އަނބުރާ އެމްޑީޕީއަށް ވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް އިންނެވި ޖަލްސާގައި ފައްޔާޒު ވިދާޅުވި އެވެ.

އެހެންވެ ރައީސް މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ ސަރުކާރު ޖަވާބުދާރީކުރުވުމުގައި އަލީ އާޒިމް ދެމިހުންނަވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"އަޅުގަނޑަށް ޔަގީން އަލީ އާޒިމް މާލޭގެ މޭޔަރަކަށް ހުންނަވާ ނަމަ، އެންމެ ރެއަކު ވެސް ރައީސް މުއިއްޒަށް ހަމަ ނިދި ނުލިބޭނެ. އަބަދުވެސް ޕްރެޝަރުގައި ބަހައްޓަވާނެ. ކަންކަން ރަނގަޅުކުރުމަށް ސަރުކާރަށް ޕްރެޝަރުކުރާނެ." ފައްޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަލީ އާޒިމްއާ ދެމެދު އެއްވެސް އިރެއްގައި ޒާތީ ކަމެއް ނެތް ކަމަށެވެ. ސިޔާސީ މަސައްކަތުގައި ޒާތީ ކަންކަން އެއްފަރާތްކޮށް ގައުމުގެ މުސްތަގުބަލަށް ޓަކައި، އެކީ ތިބެގެން ކުރަން ޖެހޭ މަސައްކަތްތައް ކުރަން ޖެހޭނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

ކޮމެންޓް (2)

ފައްޔާޒު ކަޑަ

20 ޑިސެމްބަރު 2025
އަހަރުމެން ބޭނުމެއް ނޫން ސަރުކާރަށް އެއްޗެހި ކިޔާގެން ޑްރާމާ ކުޅޭ މޭޔަރެއް ، މިހާރު ހުރި މޭޔަރ އަށް އެއްވެސް ޗޮއިސް އެއް ނެތް ސަރުކާރުގެ މެންބަރުން ދެންތިބީ ، އެތާ އަޅޭއްލަވާ ޑްރާމާ ކުޅެގެން މާލޭ ރައީތުންނަށް ލިބޭނެ މޮޅެއް ނެތް .. އާޒިމް ބައިވަރު ކަންތައް މިހާރު ރިޒަލްޓްވެސް އެބަ ދައްކަވާ ،، އާސަހަރާ ނިންމައިފި ، ގަލޮޅު ޕާކު ބޮޑުބައި ނިމެނީ ، މާފަންނު ސަހަރާ ޕާކުވެސް އެބަ ނިމޭ ، ކާނުވެސް ސާފު ކުރޭ ،،
1 0

އިސްމާއިލް ނަސީރު

19 ޑިސެމްބަރު 2025
ފައްޔާޒު ޗެއާޕާސަންކަމުގަ ހުރެގެން ސަރުކާރު ޖަވާބުދާރީ ކުރަން ކުރީ ކޮންކަމެއް!؟
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް