ޕީއެންއެފްގެ ކޮންގްރެސް (ފޮޓޯ/ޕީއެންއެފް)
ޔާމީންގެ 'ރިސެޓް' ޖަލްސާ ކުރިއަށް ގެންދަން ކަރަންޓު ނުދީ ހުރަސްތަކެއް
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފުން އިސްވެ 'ރިސެޓް' ނަމުގައި މިރޭ ބާއްވަން މަސައްކަތްކުރަމުންދާ ޖަލްސާގެ ތައްޔާރީތައް ގެންދަން ކަރަންޓު ނުދީގެން ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް އެ ޕާޓީން ރޭ ބުނެފި އެވެ.
ވީކިހިނެއް؟ - ޔާމީން ހިމެނޭހެން މި ސަރުކާރު ގެންނަން އިސްކޮށް ތިބި ބަޔަކު ސަރުކާރުން ނުކުމެ އުފެއްދި، މިހާރު އިދިކޮޅު ޕާޓީއެއް ގޮތުގައި ހަރަކާތްތެރިވާ ޕީއެންއެފްގެ ޖަލްސާ ބާއްވަން އުޅެނީ އާޓިފިޝަލް ބީޗުގަ އެވެ.
އެހެންވެ އެ ކަމުގެ ތައްޔާރީތައް ގެންދަން ސިޓީ ކައުންސިލްގެ ހުއްދަ ވެސް އެ ޕާޓީން ވަނީ ހޯދައިފަ އެވެ. އަދި މީގެ ތިން ދުވަހެއް ކުރިން ކަރަންޓުގެ ހިދުމަތް އެ ތަނަށް ފޯރުކޮށްދޭން ސްޓެލްކޯގައި އެދުނު ނަމަވެސް މިހާތަނަށް ވެސް ކަރަންޓު ދީފައެއް ނުވެ އެވެ.
އަދި ރޭގެ ވަގުތެއްގައި އާޓިފިޝަލް ބީޗު ސަރަހައްދުން މަރާމާތާކަށް ކަމަށް ބުނެ ކޭބަލްތައް ވެސް ކޮނެފައިވެ އެވެ. އެ މަންޒަރު ފެންނަ ފޮޓޯތައް ވެސް ޕީއެންއެފުން ރޭ ސޯޝަލް މީޑިއާއަށް ދޫކޮށްލާފައިވެ އެވެ.
Artificial Beach Muizz vejje. Shame on Muizz. What a shame Stelco.
— Mohamed Maleeh Jamal (@maleehjamal) December 16, 2025
Cable nugulhaa mihen baavaneethoa? Maadhamaa rey jalsaa onnaane. #RESET pic.twitter.com/6fXZt2qp3H
ބުނީ ކީކޭ؟ - ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ރޭ އާޓިފިޝަލް ބީޗުގައި ހުންނަވައި މީޑިއާއާ ވާހަަކަ ދައްކަވަމުން އޭނާ ތުހުމަތުކުރެއްވީ ޖަލްސާގެ ކަންކަމަށް ވަކިން ކަރަންޓު ނުދީ، ބީޗަށް ކަރަންޓު ދޭން ހުރި ކޭބަލްތައް ނެގީ ރާވައިގެން ކަމަށެވެ.
"މިއީ ޕީއެންއެފުން ބާއްވާ ޖަލްސާއަށް ސީދާ ދިމާކޮށް އެ ކަމަށް ހުރަސްއަޅަން ކުރާ ކަމެއްގެ ގޮތުގައި ދެކެން،" މަލީހް ވިދާޅުވި އެވެ.
ޕީއެންއެފް އުފެއްދުމަށް ބާއްވާ ޖަލްސާ އޮތް ރޭ ވެސް ތަނުން ކަރަންޓު ކެނޑުމުން ރާޅުގަނޑު ސަރަހައްދަށް ގޮސް ޖަލްސާ ބާއްވަން ޖެހުނުކަން އިޝާރާތްކުރައްވައި މަލީހު ވިދާޅުވީ އެތައް ހުރަހެއް ކުރިމަތިކުރުމުން ވެސް އެ ޕާޓީއަކީ 'މަގުމަތިން' އުފެއްދި ޕާޓީއެއް ކަމަށެވެ.
"ރައީސް ޔާމީނަށް ތާއީދު އޮހެމުންދާ މިންވަރު ފެނިގެން ސަރުކާރު ހިންގާ ޕާޓީން ކުރާ ކަންކަން މިއީ. ނަމަވެސް ދިވެހި ލޮބުވެތި ރައްޔިތުންނަށް އަންގާލަން ބޭނުން، ރައީސް ޔާމީނާއި މި ޕާޓީގައި ހުންނާނެ ހިތްވަރު، ކަރަންޓާ ނުލާ ވެސް ޖަލްސާ އޮންނާނެ،" ޔާމީނުގެ ވެރިކަމުގައި ވަޒީރުކަން ވެސް ކުރެއްވި މަލީހް ވިދާޅުވި އެވެ.
ކަރަންޓަކީ އާސާސީ ހިދުމަތެއް ކަމާއި އެ ވަރުގެ ހިދުމަތެއް ފޯރުކޮށްދޭން އުފައްދާފައި އޮންނަ ދައުލަތުގެ ކުންފުންޏެއްގެ ފަރާތުން މި ފެނުނީ އެއްވެސް ޕްރޮފެޝަނަލް ކަމެއް ނެތް ތަން ކަމަށް އޭނާ ވިދާޅުވި އެވެ. މަރާމާތަށް ކޭބަލް ކޮނެ، ކަރަންޓު ކަނޑާލާ ހާލަތުގައި ވެސް ފުރަތަމަ ސިޓީ ކައުންސިލަށް އަންގަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
ސްޓެލްކޯގެ ރަސްމީ ބަހެއް މި ކަމުގައި އަދި ނުލިބެ އެވެ.