ކްރިމިނަލް ކޯޓް އަދި ޑްރަގް ކޯޓް ހިންގާ އިމާރާތް -(ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ގަވާއިދާ ހިލާފަށް ބިދޭސީން އެތެރެކޮށް މަނީލޯންޑަކުރި ކަން ސާބިތުވެ، ބިދޭސީއަކު 3 އަހަރަށް ޖަލަށް

ޝަހާދަތު ހޮސައިން ނަމަކަށް ކިޔާ ބަންގްލަދޭޝް މީހަކު ވަނީ ދައުލަތުން ކޮށްފައިވާ ރިޝްވަތާއި މަނީ ލޯންޑަރިން ފަދަ ދައުވާތަކަށް އިއުތިރާފުވެފައި، 3 އަހަރުގެ ޖަލު ހުކުމުގެ ކުޑަ އަދަބެއް ކްރިމިނަލް ކޯޓުން އިއްވަނީ ދައުލަތާއެކު ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތުގެ މަތިން
16 ޑިސެމްބަރު 2025

ރާއްޖޭގައި މަސައްކަތްކުރަމުންދިޔަ ބިދޭސީއަކު، ގަވާއިދާ ހިލާފަށް ރާއްޖެއަށް ބިދޭސީން އެތެރެކޮށް އެޖެންޓެއްގެ ރޯލެއް ކުޅެމުން ގިނަ އަދަދެއްގެ ފައިސާ ހޯދައި ލޯންޑާކުރި ކަމުގެ ކުށަށް އިއުތިރާފުވެ، ތިން އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިދިޔަ ހަފުތާ ހުކުމްކޮށްފި އެވެ.

ވީކިހިނެއް؟ - މި މައްސަލާގައި ދައުލަތުން ދައުވާކޮށްފައިވަނީ ޝަހާދަތު ހޮސައިން ނަމަކަށް ކިޔާ ބަންގްލަދޭޝް މީހަކަށެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލި ދައުވާތަކަކީ:

  • މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ

  • ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ

  • ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާ

  • އެނގިހުރެ ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ކުށުގެ ދެ ދައުވާ

ތަފްސީލް - ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގައި ބުނާ ގޮތުން:

  • 'އެމްޕްލޯއިމަންޓް އެޖެންސީ' ހިންގާ އުސޫލުން ބިދޭސީން ގެނެސް ރާއްޖޭގައި މަސައްކަތްކުރުމަށް ބިދޭސީން ރެކްރޫޓްކޮށް ހެދުމަށް

  • ރާއްޖޭގައި ވަޒީފާދޭ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުގެ ރެޕްރެޒެންޓިވްއެއް ގޮތުގައި ގަވާއިދާ ހިލާފަށް ހަރަކާތްތެރިވެފައިވޭ

  • ބިދޭސީން ރާއްޖޭގައި މަސައްކަތްކުރުމަށް ސައްހަ ނޫން ލިޔުންތައް އުފައްދައިގެން ގަވާއިދާ ހިލާފަށް ކޯޓާ ހަމަޖައްސައި، އެ މަސައްކަތުން ލިބުނު ގިނަ އަދަދެއްގެ ފައިސާ އޭނާގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓްތަކަށް ޖަމާކޮށްފައިވޭ

  • 23 އޮކްޓޯބަރު 2019 އިން ފެށިގެން 15 އޮކްޓޯބަރު 2024 އާ ހަމައަށް 8.2 މިލިއަން ރުފިޔާ އޭނާގެ އަމިއްލަ އެކައުންޓްތަކުގައި ދައުރުކޮށްފައިވޭ

ދައުލަތުން ކުރި ދައުވާތަކަށް ޝަހާދަތު ވަނީ އިއުތިރާފުވެފަ އެވެ. އަދި ދައުލަތާއެކު އޭނާ އިއުތިރާފް އެއްބަސްވުމުގައި ސޮއިކޮށްފައިވެ އެވެ. އޭގައި ވަނީ:

  • މަނީ ލޯންޑަރިންގެ ކުށުގެ އަދަބަކަށް 2 އަހަރާއި 6 މަސް ދުވަހުގެ މުއްދަތަކަށް ޖަލަށްލުމާއެކު 53،400 ރުފިޔާއިން ޖޫރިމަނާކުރުން؛ ކުށުގެ އަސާސީ އަދަބަކީ 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމާއެކު 1 ލައްކަ ރުފިޔާއާއި 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން

  • ރިޝްވަތު ދިނުމުގެ ކުށުގެ އަދަބަަކަށް 6 މަސް ދުވަހަށް ޖަލަށްލުމާއެކު 21،600 ރުފިޔާއިން ޖޫރިމަނާކުރުން؛ ގާނޫނުގައި ބުނާ ކުށުގެ އަސާސީ އަދަބަކީ 3 އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލަށް ލުން

  • ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާ އާއި އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދެ ދައުވާ އަނބުރާ ގެނައުން؛ މި ދައުވާތަކުގެ އަދަބު 3 އަހަރާއި 5 މަހުގެ ޖަލު ހުކުމަކަށް އަރާ

ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް އިއުތިރާފް އެއްބަސްވުން ޝަރީއަތަށް ބަލައިގަނެ، ހުކުމްކުރެއްވީ އިއުތިރާފް އެއްބަސްވުމުގައިވާ ގޮތުގެ މަތިންނެވެ. އެ ގޮތުން:

  • ހުކުމްކުރުމުގެ ކުރިން މި މައްސަލާގައި ޝޮހާދަތު ޖުމުލަ 10 މަހާއި 17 ދުވަސް ބަންދުގައި ހޭދަކޮށްފައިވޭ

  • އެ މުއްދަތު އުނިކުރުމުން އޭނާ ޖަލު ހުކުމުން ތަންފީޒުކުރަން ޖެހެނީ 2 އަހަރާއި 1 މަހާއި 12 ދުވަސް

އިތުރު އާޓިކަލް

އިތުރު އާޓިކަލް