ގދ. ތިނަދުއަށް ރޭ ވެހުނު ވާރޭގައި ފެން ޕްލާންޓަށް ފެންވަދެފައި

ގދ. ތިނަދޫ

ތިނަދުއަށް ބޯކޮށް ވާރޭވެހި މުޅި ރަށުގައި ފެންބޮޑުވެއްޖެ؛ ހޮސްޕިޓަލާއި ފެން ޕްލާންޓަށް ވެސް ފެން ވަތް

ތިނަދުއަށް ރޭ ދަންވަރުން ހުއްޓާނުލައި ވެހުނު ވާރެއަކީ، އެ ރަށު ބައެއް އާންމުން ބުނާ ގޮތުގައި، މީގެ ކުރިން ދުވަހަކު ވެސް ނުވެހޭހާ ބޯކޮށް ވެހުނު ވާރޭ

ގދ. ތިނަދުއަށް ރޭ ދަންވަރު ހުއްޓާނުލައި ބޯކޮށް ވާރޭވެހި ފެންބޮޑުވެ، އެކި ވަރުގެ ގެއްލުންތައް ލިބިއްޖެ އެވެ.

ވީ ކިހިނެއް؟ - ރާއްޖެއަށް މޫސުން ގޯސްކޮށް އުޅޭތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސްވަނީ ވެފަ އެވެ. ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވިއްސާރަކުރަމުންދާއިރު، ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ (މެޓް)އިން މިއަދު އާންމުކުރި މައުލޫމާތުން ދައްކާ ގޮތުގައި، ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ ގދ. އަތޮޅުގެ ރަށްތަކަށެވެ.

އެގޮތުން، ގދ. ކާޑެއްދުއަށް 72.9 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް ދައްކަ އެވެ. 

ބުނީ ކީކޭ؟ - ތިނަދޫގެ މޭޔަރު ސައުދު އަލީ މިއަދު 'ދައުރު'އަށް ވިދާޅުވީ، ރޭ ދަންވަރު 1:30 ހާއިރުން ފެށިގެން ހުއްޓާނުލާ ވާރޭ ވެހުމުގެ ސަބަބުން، ގިނަ ގެތަކެއްގައި ފެންބޮޑުވެ، ބައެއް ގެތަކުން ކަރަންޓު ވެސް ކެނޑިފައިވާ ކަމަށެވެ. ރަށުތެރޭގައި ވެސް ވަރަށް ބޮޑަށް ފެންބޮޑުވެފައިވާތީ ހޮސްޕިޓަލާއި ފެން ޕްލާންޓަށް ވެސް ވަރަށް ބޮޑަށް ފެންވަދެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސައުދު ވިދާޅުވީ:

  • އެމްއެންޑީއެފްގެ އެހީތެރިކަމާ އެކު ޕަންޕު ޖަހައިގެން ފެން ހިންދުމުގެ މަސައްކަތް ރެއިން ފެށިގެން ދަނީ ކުރަމުން؛ ވަރަށް ބޮޑަށް ފެންގަނޑު މިހާރު ވަނީ ހިންދިފައި

  • ގޭގެއަށް ފެންވަދެ ވަރަށް ބޮޑަށް ފެންބޮޑުވެފައިވާތީ ހިފާ ގެންގުޅޭ ތަކެއްޗަށް ވެސް ގެއްލުންތަކެއް ލިބިފައިވޭ

  • ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓުން ލަފާކޮށްފައިވާތީ އެކަމަށް ދުރާލާ ތައްޔާރުވުމުގެ ކަންކަން މިހާރު އެބަ ކުރަން

ގދ. ތިނަދުއަށް ރޭ ވެހުނު ވާރޭގައި އެރަށު ފެން ޕްލާންޓަށް ފެންވަދެފައި

ތިނަދުއަށް ރޭ ދަންވަރުން ހުއްޓާނުލައި ވެހުނު ވާރޭ އަކީ އެރަށު ބައެއް އާންމުން ބުނާ ގޮތުގައި މީގެ ކުރިން ދުވަހަކު ވެސް ނުވެހޭހާ ބޯކޮށް ވެހުނު ވާރޭ އެކެވެ.

"އެހާ މޫސުން ގޮސްކޮށެއް ވެސް ނޫން އޮތީ. އެކަމަކު ކުއްލިއަކަށް ހަމަ ރޭ ދަންވަރު ވަރަށް ބޯކޮށް ވާރޭ އޮއްސައިގަތީ. އަހަރު ދުވަސްތެރޭ ވެސް ނުވެހޭހާ ބޯކޮށް ރޭ ވާރޭ ވެހުނީ،" ތިނަދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ގދ. ތިނަދުއަށް ރޭ ވެހުނު ވާރޭގައި މުޅި ރަށުގައި ވަނީ ފެންބޮޑުވެފައި(ފޮޓޯ/ތިނަދޫ ކައުންސިލް)

ސައުދު ވެސް ވިދާޅުވީ، މީގެ ދެ މަސް ކުރިން ވެސް ވަރަށް ބޯކޮށް އެރަށަށް ވާރޭ ވެހުނު ކަމަށާއި އެކަމަކު އޭރު ވެސް މުޅި ރަށުގައި ފެންބޮޑުވެފައި ނުވާ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންކުރަމުންދާ ޕަންޕު ސްޓޭޝަންތައް ވެސް ފަންކްޝަންގައި ހުރުމުން ބޮޑެތި ގެއްލުންތަކެއް ނުވަތަ ދަތިތަކެއް އާންމުންނަކަށް ދިމަލެއް ނުވޭ. ނަމަވެސް ރޭ ވެހުނު ވާރޭ ވަރަށް ބޯކޮށް ހުއްޓާނުލައި މެދުކެނޑުމެއްނެތި ގިނަ ވަގުތަކެއް ވަންދެން ވެހުމުގެ ނަތީޖާއަކީ ޕަންޕު ސްޓޭޝަންތަކަށް ވެސް އޮބިނޯވެ ދަތިތަކެއް ކުރިމަތިވުން،" ސައުދު ވިދާޅުވި އެވެ.

ތިނަދުއަށް މިދިޔަ އޮކްޓޫބަރު މަހު ވެހުނު ވާރޭގައި ވެސް ހުއްޓާނުލައި ވާރޭވެހުމުގެ ސަބަބުން ރަށުގެ ބައެެއް ސަރަހައްދުތަކުގައި ފެންބޮޑުވި އެެވެ. އެކަމަކު ހޮސްޕިޓަލާއި ފެން ޕްލާންޓުފަދަ ތަންތަނަށް ފެން ވަތް މިއީ ފުރަތަމަ ފަހަރެވެ.

ކައުންސިލުން އާއްމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ބައެއް ގެތަކުގައި ވަނީ ތަނބިކައްޓަށް ވުރެ މައްޗަށް ފެން ވަދެފަ އެވެ. އަދި ބައެއް ގޭގެއަށް ފެންވަނުމުގެ ސަބަބުން ފަރުނީޗަރުތަަކަށް ވެސް ގެއްލުންވެފައިވެ އެވެ.

ގދ. ތިނަދުއަށް ރޭ ވެހުނު ގެއަކަށް ފެންވަދެ ގެއްލުންވެފައި(ފޮޓޯ/ތިނަދޫ ކައުންސިލް)
ގދ. ތިނަދުއަށް ރޭ ވެހުނު ވާރޭގައި ގޭގެެއަށް ވަދެފައިވާ ފެންތައް ޕަންޕު ޖަހައިގެން ހިއްކަނީ (ފޮޓޯ/ތިނަދޫ ކައުންސިލް)

މިއަދުގެ މޫސުން

މިއަދުގެ ހަވީރު 5 ޖެހުމާ ހަމައަށް ރާއްޖޭގެ މޫސުން މެޓުން ލަފާކުރާ ގޮތަށް ބަލާއިރު، އުތުރާއި ދެކުނުގެ އެކި ހިސާބަށް ވިއްސާރަ ކޮށް، ބައެއް ރަށްރަށަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ އެވެ. އަދި މެދުރާއްޖޭގެ ބައެއް ރަށްތަކަށް ވެސް ކެރީގެ އަސަރު ފޯރާނެ އެވެ. 

އޭގެ އިތުރުން:

  • މެދުރާއްޖެތެރެ އާއި އުތުރުގެ ސަރަހައްދުތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ 

  • ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ 

  • އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ؛ ދެކުނުގެ ކަނޑުތައް މަޑުވާނެ

ކޮމެންޓް (1)

ޱިޒާސްޓަރ

7 ޑިސެމްބަރު 2025
މިވެރިންނައް އެހީވާނެ ބަޔުވެސް ނެތީތޯ؟ ލަންކާ ލަންކާ ލަންކާ އަހަރުމެން ބޯން ގުއިފެން، ބޭސްފަރުވާއަށް ސަލާމް ޖެހުން ނުފޯރާ ފޮތިންފޫގެޅުން. ދާންވީ ނޫންތޯ މޯލްޱިވިއަންގަ މީހުން ބަރުކޮށްގެން ތިނަދޫ ރައްޔިތުންނަށް އެހީވާން.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް