ހުސްނާ ފަހްމީ ލިއުއްވި 'ދިވެހީންގެ ވަތަން' ފޮތް ނެރުމަށް ގައުމީ ކުތުބުހާނާގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން (ފޮޓޯ/ ސަން މީޑިއާ)

އަދަބިއްޔާތު

ހުސްނާ ފަހްމީ ލިއުއްވި ދިވެހި ތާރީހާއި ސަގާފަތުގެ މައުލޫމާތު ހިމެނޭ 'ދިވެހީންގެ ވަތަން' ފޮތް ނެރެފި

އެ ފޮތް ނެރުމުގެ ހިޔާލު އުފެދުނީ މިދިޔަ އަހަރު ރާއްޖޭގެ ސްކޫލްތަކުގައި ގައުމިއްޔަތު މާއްދާއެއް ކިޔަވައިދިނުމަށް ދިވެހި ސަރުކާރުން އިއުލާންކުރުމާ ގުޅިގެން ކަމަށް ހުސްނާ ވިދާޅުވި
4 ޑިސެމްބަރު 2025

ދިވެހި އަދަބިއްޔާތަށް ހިދުމަތްކުރެއްވުމުގެ ރޮނގުންނާއި ދައުލަތަށް ހިދުމަތްކުރެއްވުމުގެ ރޮނގުން ގިނަ އިނާމުތަކެއް ހާސިލްކުރެއްވި ހުސްނާ ފަހްމީ ލިއުއްވި 'ދިވެހީންގެ ވަތަން' ފޮތް އިއްޔެ ނެރެފި އެވެ.

ވީ ކިހިނެއް؟ - އެ ގޮތް ނެރުމަށް އިއްޔެ ގައުމީ ކުތުބުހާނާގައި ރަސްމިއްޔާތެއް ބޭއްވި އެވެ. އެ ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ފޮތް ނެރެދެއްވީ އަހުމަދު ޝާކިރު (ކަށިމާ ޝާކިރު) އެވެ.

ތަފްސީލް - އެ ފޮތަކީ ހުސްނާ ފޮތް ނެރެއްވަމުން ގެންދަވާ 'އަރާކުރި ސީރީޒް'ގެ 47 ވަނަ ފޮތެވެ. އެ ގޮތުން، ހުސްނާ ވިދާޅުވި ގޮތުގައި:

  • އެ ފޮތް ނެރުމުގެ ހިޔާލު އުފެދުނީ މިދިޔަ އަހަރު ރާއްޖޭގެ ސްކޫލްތަކުގައި ގައުމިއްޔަތު މާއްދާއެއް ކިޔަވައިދިނުމަށް ދިވެހި ސަރުކާރުން އިއުލާންކުރުމާ ގުޅިގެން

  • އެ ފޮތަކީ ކިޔަވާ ކުދިންނާއި ދިރާސާކުރާ ފަރާތްތަކަށް ވަރަށް މުހިންމު ބޭނުންތެރި މައުލޫމާތު މުއްސަނދި ފޮތަކަށް ވެގެން ދާނެ ކަމަށް ހުސްނާ އުންމީދު ކުރައްވާ

އެ ފޮތް ލިއުއްވުމަށް ހުސްނާ ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ:

  • ރާއްޖޭގެ ކާބަފައިންނާއި އެ ބައިމީހުންގެ ދިރިއުޅުމާއި ސަގާފަތާއި އާދަކާދަ އާއި މަސައްކަތްތެރިކަމުގެ މައްޗަށް އިލްމުވެރިން ލިއުއްވާފައިވާ ގިނަ ފޮތްތަކެއް ބަލައި ކިޔައި ދިރާސާކުރައްވާފައިވޭ

  • ލިއުންތެރިންގެ ފޮތްތަކުގައި ހުރި ބައެއް ކުރީގެ ފޮޓޯތައް (ކަޅާއި ހުދު) އޭގެ އަސްލު ނުގެއްލޭނޭ ގޮތަށް ކުލަކުރެވިގެން ކުރެހުންތައް ހިމަނާފައިވޭ

  • ބައެއް މަސައްކަތްތެރިކަމާއި ކުޅިވަރާއި އާދަކާދައާ ބެހޭ އަސްލު ފޮޓޯ ފެންނަން ނެތުމުން އެ ކަންކަމުގެ މައްޗަށް ހިޔާލީ ފޮޓޯތައް ކުރަހައިގެން ވެސް ބޭނުންކޮށްފައިވޭ

  • ބައެއް ފޮޓޯތައް ވެސް އިންޓަނެޓުން ނަގައިގެން ވެސް ބޭނުންކޮށްފައިވޭ

ހުސްނާ ފަހުމީގެ ތައާރަފެއް

  • ހުސްނާ ފަހްމީއަކީ މަޝްހޫރު ހުތްއަލިދީދީއަށް ކާފަ ވިދާޅުވާ ބޭފުޅެއް އަދި ދިވެހި ކުޅަދާނަ ޝާއިރު އަބްދުﷲ ޖަލާލުއްދީނަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެއް؛ ބައްޕާފުޅު ހުސައިން ފަހުމީއަކީ ވެސް ކުޅަދާނަ ޝާއިރެއް

  • ހުސްނާއަކީ ރާއްޖޭގެ ތައުލީމީ ދާއިރާގައި 42 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް؛ މެދުނުކެނޑި 37 އަހަރަށް ވުރެ ގިނަ ދުވަހު ދިވެހި ދައުލަތަށް ހިދުމަތް ކޮށްދެއްވާފައިވާ ބޭފުޅެއް

  • 2021 ވަނަ އަހަރު، ރައީސް ދެއްވާ ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގެންފައިވޭ

  • 2023 ވަނަ އަހަރު، އިޖުތިމާއީ ގޮތުން ބާރުވެރިކުރުމުގެ ރޮނގުން ރެހެންދި އޯވޯޑު ލިބިވަޑައިގެންފައިވޭ

  • މި އަހަރު، ދިވެހި އަދަބިއްޔާތުގެ ދާއިރާއިން ދިވެހި ބަހުން ފޮތް ލިޔެ އެކުލަވާލުމާއި ޝާއިއުކުރުމުގެ ރޮނގުން ހިތްވަރުދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވޭ

މި ފޮތް އަސްރަފީ އާއި ރައުންޑް ވަން ބުކްޝޮޕުން ލިބެން ހުންނާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް