ޗައިނާގެ ފޮރިން މިނިސްޓަރު ވޭންގް ޔީ އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދު 2019ގައި ބައްދަލުކުރައްވަނީ. (ފައިލް ފޮޓޯ/ އެފްއެމްޕީއާރުސީ)
ޗައިނާގެ ފޮރިން މިނިސްޓަރުގެ ދަތުރުގައި 2 ގައުމުގެ ދެމެދު އެމްއޯޔޫތަކެއްގައި ސޮއިކުރާނެ
ޗައިނާގެ ސްޓޭޓް ކައުންސިލާ އަދި ފޮރިން މިނިސްޓަރު ވޭންގް ޔީ މިއަދު ރާއްޖެއަށް ކުރައްވާ ދަތުރުގެ ތެރެއިން އެ ގައުމުގެ ސަރުކާރާއި ރާއްޖެއާ ދެމެދު އެމްއޯޔޫތަކެއްގައި ސޮއިކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ޗައިނާގެ ފޮރިން މިނިސްޓަރު ވޭންގް ޔީ ރާއްޖެ ވަޑައިގަންނަވާނީ މިއަދު ހަވީރު 4ގަ އެވެ. އޭނާގެ ދަތުރާ ދިމާކޮށް، އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމުގެ ޒިންމާތައް އަދާކުރެއްވުމަށް އެމެރިކާގައި ދިރިއުޅުއްވަމުން ގެންދަވާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ވަނީ މިއަދު ރާއްޖެ ވަޑައިގެންފަ އެވެ.
ތަފްސީލް - ދެ ދުވަހުގެ ދަތުރުގައި:
-
މާދަމާ ވާންގް ޔީ ފޮރިން މިނިސްޓްރީއަށް ވަޑައިގެން ޝާހިދުއާ ރަސްމީކޮށް ބައްދަލުކުރައްވާނެ
-
ދެ ގައުމުގެ ދެމެދު ރަސްމީ މަޝްވަރާތައް ބާއްވަވާނެ
-
އެއަށް ފަހު ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫތަކެއްގައި ސޮއިކުރާނެ
-
އެމްއޯޔޫތަކުގައި ސޮއިކުރުމަށް ފަހު ދެ ބޭފުޅުން ބަޔާނެއް ދެއްވާނެ
ނަމަވެސް، އެ އެމްއޯޔޫތަކާ ބެހޭ އެއްވެސް ތަފްސީލެއް ފޮރިން މިނިސްޓްރީން އަދި ހާމައެއް ނުކުރެ އެވެ.
އެނގުން މުހިންމު - ވޭންގް ޔީގެ ދަތުރަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ސެޕްޓެމްބަރު 2014ގައި ރާއްޖެއަށް ކުރެއްވި ދަތުރުފުޅަށް ފަހު ޗައިނާ ސަރުކާރުގެ އިސް ވެރިއަކު ރަސްމީކޮށް ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
މުހިންމުވަނީ ކީއްވެ؟ - ރާއްޖެ އާއި ޗައިނާއާ ދެމެދު އެންމެ ބޮޑަށް ގުޅުން ބަދަހިވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ. ބޮޑެތި މަޝްރޫއުތަކަށް އެ ސަރުކާރުން ފައިސާ ހޯދީ ވެސް ޗައިނާ އިންނެވެ. އެކަމަކު، ވެރިކަން ބަދަލުވެ، މިހާރުގެ ސަރުކާރުން ޗައިނާގެ ވާދަވެރި އިންޑިއާއާ މާ ބޮޑަށް ގުޅުން ބަދަހިކުރުމުން ޗައިނާއާ އެކު އޮތް ގުޅުން ވަނީ ހީނަރުވެފަ އެވެ.