މޫސާ ލަތީފްގެ ކުޑަކުދިންގެ ވާހަކަ ސިލްސިލާ 'ދޮންކޮ' ނެރުން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ކުޑަކުދިން

މޫސާ ލަތީފުގެ ކުޑަކުދިންގެ ސިލްސިލާ ވާހަކަ 'ދޮންކޮ' ނެރެފި

މިއީ ގްރޭޑު 2 އަދި 3ގެ ކުދިންނަށް އަމާޒުކޮށް މޫސާ ލަތީފު ލިޔުއްވާފައިވާ ފޮތްތަކެއް. މި ސިލްސިލާގައި މިއަދު ނެރުނު 5 ފޮތަކީ ވެސް ކުޑަކުދިން ޝައުގުވެރިވާނެ ފަދަ ގޮތަކަށް ލިޔެ، ކުރެހުންތަކާ އެކު އެކުލަވާލާފައިވާ ފޮތްތަކެއް
3 ޑިސެމްބަރު 2025
2

'ދައުރު'ގެ ޗީފް އެޑިޓަރު އަދި ލިޔުންތެރިޔާ މޫސާ ލަތީފުގެ ކުޑަކުދިންގެ ވާހަކަ ސިލްސިލާ 'ދޮންކޮ' ނެރެފި އެވެ.

ވީ ކިހިނެއް؟ - މިއަދު ހަވީރު ސިޓްރޯންގައި ބޭއްވި ހަފްލާއެއްގައި މޫސައާ އެކު އެ ފޮތް ނެރެދެއްވީ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޒާހިރު ހުސައިން އެވެ.

'ދޮންކޮ' ސިލްސިލާ

ދޮންކޮ ސިލްސިލާގައި މިއަދު ނެރުނީ ފަސް ފޮތެވެ. މި ވާހަކަ ސިލްސިލާ އަމާޒުކޮށްފައިވަނީ ގްރޭޑު 2 އާއި 3ގެ ކުދިންނަށެވެ.

މި ފޮތްތަކުގެ ލޭއައުޓް ހެދީ މިހުސަން އަބްދުލްގަނީ އެވެ. އަދި ހުރިހާ ފޮތްތަކުން ފެންނަ ކުރެހުންތައް ކުރަހާފައިވަނީ އިލަސްޓްރޭޓާ ފާތިމަތު މުނާލް ޝުޖާއު އެވެ.

މޫސާ ލަތީފްގެ 'ދޮންކޮ' ސިލްސިލާގެ ފޮތެއް: މި ފޮތްތައް ފަރުމާކޮށްފައިވަނީ ކުޑަކުދިން ގަޔާވާނެ ފަދަ ކުރެހުންތަކާ އެކު. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ދޮންކޮ ވާހަކައިގައި މައިގަނޑު ކެރެކްޓާއަކީ ފޮތުގެ ނަން ނިސްބަތްވާ ދޮންކޮ ނަމަކަށް ކިޔާ އުމުރުން 10 އަހަރުގެ ފިރިހެން ކުއްޖަކެވެ. މި ސިލްސިލާ ބިނާވެގެންވަނީ ދޮންކޮއާ މިސްކިތުން ދިމާވާ 'އެދުރުބެ'ގެ ފަރާތުން އޭނާއަށް ޖާދުވީ ބާރުތަކެއް ލިބުމާއި އެއާ އެކު އޭނާ ކުރިމަތިލާ ކަންކަމަށެވެ.

މިއަދު ނެރުނު ސީރީޒްގައި ހިމެނޭ ފޮތްތަކަކީ:

  • 1-

    ދޮންކޮ އާއި އެދުރުބެ

  • 2-

    ކެތީގެ ބޮޑު ތޫފާން

  • 3-

    ކަމަނަގެ ކަޅު ލައް

  • 4-

    ކަނޑު ވިގަނި

  • 5-

    އިއައްކަ

މޫސާ ލަތީފްގެ 'ދޮންކޮ' ސިލްސިލާގައި ހިމެނޭ ފޮތްތައް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ބުނީ ކީކޭ؟ - ފޮތް ނެރެން ބޭއްވި ރަސްމިއްޔާތުގައި މޫސަ ވިދާޅުވީ މިފަދަ ފޮތެއް ނެރުމުގެ އެންމެ ބޮޑު ބޭނުމަކަށްވީ، ކުޑަކުދިންނަށް ކަމުދާނެ ފަދަ ގޮތަކަށް ދިވެހިބަހަށް އެ ކުދިންގެ ހިތުގައި ޝައުގުވެރިކަން އުފެއްދުން ކަމަށެވެ.

ފޮތުގެ މެއިން ކެރެކްޓާއިން ފެންނަ ދޮންކޮގެ އިތުރުން ދެން ހިމެނޭ ކެރެކްޓާތަކަށް ވެސް ދީފައިވަނީ ދިވެހިވަންތަ، ރާއްޖެއިން ފެންނަ އެކި ދިރުންތަކާ ގުޅުވައިގެން ދީފައިވާ ނަންތަކެކެވެ.

މޫސަ ވިދާޅުވި ގޮތުގައި މި ފޮތުގެ ހުރިހާ މަސައްކަތެއް 2016 ގައި ނިމި، ފާސްކޮށްފައި އޮންނަތާ ވެސް 2 އަހަރު ވެއްޖެ އެވެ. މިއީ ކުޑަކުދިންނަށް އަމާޒުކޮށް މޫސަ ފޮތެއް ލިޔުއްވި ފުރަތަމަ ފަހަރެވެ.

ދައުރުގެ އެޑިޓަރު މޫސާ ލަތީފް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މޫސަ އުންމީދު ކުރައްވަނީ މި ފޮތް އިތުރަށް ފުޅާކޮށް، ކުރިއަށް އޮތް ތަނުގައި ފުރާވަރުގެ ކުދިންނާ ގުޅޭ އިތުރު ފޮތްތަކެއް ވެސް ނެރުމަށެވެ.

"ކުޑަކުދިން މި ވާހަކަ ކިޔަމުންދާ ވަރަކަށް ކުރިއަށް އޮތްތާ މި ވާހަކައިގެ ކެރެކްޓާތައް ވެސް ބޮޑުކުރަމުން، ޝަހުސިއްޔަތު ބޮޑުކުރަމުން ދާނީ. ތަންކޮޅެއް ދިގު ވާހަކަތަކެއް ވެސް ލިޔާނަން،" މޫސަ ވިދާޅުވި އެވެ.

  • މޫސާ ލަތީފްގެ ކުޑަކުދިންގެ ވާހަކަ ސިލްސިލާ 'ދޮންކޮ' ނެރުން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
  • މޫސާ ލަތީފްގެ ކުޑަކުދިންގެ ވާހަކަ ސިލްސިލާ 'ދޮންކޮ' ނެރުން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
  • މޫސާ ލަތީފްގެ ކުޑަކުދިންގެ ވާހަކަ ސިލްސިލާ 'ދޮންކޮ' ނެރުން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

'ފޮތް ގަންނަން ބެލެނިވެރިން ދައްކާ އަގު އަނބުރާ ލިބިދޭނެ'

އެ ހަފްލާގައި ދޮންކޮ ސިލްސިލާއާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ދިވެހިބަހުގެ މުދައްރިސް އަދި ކުޅަދާނަ ޅެންވެރިއެއްގެ ގޮތުގައި މަޝްހޫރު މުހައްމަދު އާމިރު (ފަރެސް އާމިރު) ވިދާޅުވީ މޫސަ މި ވާހަކައިގައި ހިމެނޭ ކެރެކްޓާތަކާއި ވާހަކައިގައި ހިމެނޭ ކަންކަން ގެނެސްދީފައިވަނީ ވަރަށް ދިވެހިވަންތަ އަދި ކުޑަކުދިން ގަޔާވާ ކަހަލަ ގޮތަކަށް ކަމަށެވެ. އަދި މި ސިލްސިލާގެ އިތުރު ފޮތްތައް ފެންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މީގެ މައްޗަށް ބިނާވެގެން މޫސަގެ ފަސޭހަ ގަލަމުން، ލިޔާލިޔުންތަކުގެ އަންނަން އޮތް ސިލްސިލާތައް އެއީ ގައުމަށް ފައިދާކުރާނެ އެއްޗެއް. އެއީ އަޅުގަނޑުމެންގެ ވިސްނުން ބަދަލުކޮށްފާނެ އެއްޗެއް ކަމަށް އަޅުގަނޑު އުންމީދު ކުރަން،" އާމިރު ވިދާޅުވި އެވެ.

"ފޮތް ފިހާރައިން ފޮތް ގަތުމަށްޓަކައި ދައްކާ އަގު، ބެލެނިވެރިޔާއަށް ލިބިދޭ އެއްޗެއް ކަމުގައި ވާނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް."

މޫސާ ލަތީފްގެ ކުޑަކުދިންގެ ވާހަކަ ސިލްސިލާ 'ދޮންކޮ' ނެރެން ބޭއްވި ހަފްލާގައި މުހައްމަދު އާމިރު (ފަރެސް އާމިރު). (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ދޮންކޮ ސިލްސިލާގެ ފޮތް ވިއްކަން ހަމަޖެހިފައިވަނީ:

  • ވަކިން ފޮތެއް: 65ރ.

  • ސިލްސިލާ އެއްކޮށް: 315ރ.

  • ފޮތް ގަތުމަށް: 7335353 ނަންބަރަށް ވައިބާއިން މެސެޖު ކުރައްވާ

ކޮމެންޓް (2)

ދިވެހިމީހާ

4 ޑިސެމްބަރު 2025
ގްރޭޑް 4 ކުންފެށިގެން ގްރޭޑް 7 ގެ ކުދިންކިޔާނެ ދިވެހި ފޮތްތައް ވަރަށްމަދު. މިއުމުރުފުރާގެ ކުދިންނާއި އެކަށޭނެ ފޮތްތަކެއް ލިޔުއްވާނެ ކަމަށް އުއްމީދުކުރަން
2 0

ސައީދު

4 ޑިސެމްބަރު 2025
މޫސައަށް މަރުހަބާއާއި ޝުކުރިއްޔާ! މިއީ ގައުމު ބިނާކުރައްވަން ކުޑަކުދީންނަށް އަމާޒުކުރައްވައިގެން މޫސަ އެޅުއްވި ބޮޑު ފިޔަވަޅެއް. ދެން އޮތީ ބެލެނިވެރިންގެ ދައުރު. ފޮތުގެ ބޭނުން ކުދީންނަށް ހިފޭނޭ މަގު ތަނަވަސްކޮށްދެއްވުން. ލިއުންތެރިން ގައުމާއިގެން ކުރިއަށް، ކުރިއަށް!
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް