ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދު

ޖުޑީޝަރީ ކޮމިޓީ

ކްރިމިނަލް ކޯޓުގެ ގާޒީ ފާއިޒު ވަކިކުރަން މަޖިލީހުގެ ކޮމިޓީން ނިންމައިފި

މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ނިންމީ ގާޒީ ފާއިޒު ވަކިކުރަން ނިންމައި ޖޭއެސްސީން ފޮނުވީ އިޖުރާއަތްތައް ފުރިހަމަކޮށްފައި ކަމަށް
2 ޑިސެމްބަރު 2025

ކްރިމިނަލް ކޯޓުގެ ގާޒީ ހުސެން ފާއިޒު ރަޝާދު ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމައި ރައްޔިތުންގެ މަޖިލީހަށް ފޮނުވީ އިޖުރާއަތްތައް ފުރިހަމަކޮށްފައި ކަމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ނިންމައިފި އެވެ.

ވީކިހިނެއް؟ - ފަނޑިޔާރު ހުސެން ފާއިޒު މަގާމުން ވަކިކުރުމަށް ނިންމީ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް، ގެންދިޔަ މީހެއްގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމުގައި ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާކަން ޖޭއެސްސީގެ ތަހުގީގަށް ފާހަގަވެގެނެވެ.

ފަނޑިޔާރަކު ވަކިކުރަން އޮންނަ އިޖުރާއަތަކީ ޖޭއެސްސީން ގޮތެއް ނިންމުމަށް ފަހު، މަޖިލީހަށް ހުށަހެޅުމެވެ. މަޖިލީހުގެ ކޮމިޓީން ޖޭއެސްސީގެ އިޖުރާއަތްތައް ފުރިހަމަކުރިތޯ ބެލުމަށް ފަހު ތަޅުމުގައި މެންބަރުންގެ ވޯޓެއް ނަގައިގެން ވަކިކުރުމާ މެދު ގޮތެއް ނިންމުމެވެ.

ތަފްސީލް - މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު ވިދާޅުވީ ކޮމިޓީން ބަލަން ޖެހޭ ހަމައެކަނި ކަމަކީ އިޖުރާއަތްތައް ފުރިހަމަކުރިކަން ނުވަތަ ނޫންކަން ކަމަށެވެ. އެ ގޮތުން:

  • ޖޭއެސްސީން ފޮނުވި ލިޔެކިއުންތަކުން އިޖުރާއަތް ފުރިހަމަކޮށްފައިވާކަން އެނގޭ

  • ފާއިޒު ވެސް މި ކަމާ ގުޅިގެން ރަސްމީކޮށް މަޖިލީހަށް އަދި އެހެން ތަނަކަށް ވެސް ޝަކުވާއެއް ހުށަހަޅާފައެއް ނެތް

އެހެންވެ އަޝްރަފް ހުށަހެޅުއްވީ ފާއިޒު ވަކިކުރަން ގޮތެއް ނިންމަން ތަޅުމަށް ފޮނުވުމަށެވެ. އަދި އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރެވެ. ކޮމިޓީގައި ހުށަހެޅުމަކަށް ވޯޓަށް އަހާނީ އިތުރު މެންބަރަކު ހުށަހެޅުމަކަށް ތާއީދުކުރުމުންނެވެ.

އެ ހުށަހެޅުމަށް ތާއީދު ލިބުމުން، ރިޔާސަތުން ވޯޓަށް އެހި އެވެ. އަދި ކޮމިޓީގައި ތިއްބެވި މެންބަރުންގެ އިއްތިފާގުން އެ ގޮތަށް ފާސްކުރި އެވެ.

އެނގިފައިވާ ގޮތުގައި، ޖޭއެސްސީން ފާއިޒާ ގުޅޭ ގޮތުން ދެ މައްސަލައެއް ބެލި އެވެ. އެއީ:

  • އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް އޮނެޑް ޕިނެޑާގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ ހަލީމަތު ލަމްހާ އަބްދުއްރަހްމާނު ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނިކޮށް  ގޭ ބަންދަށް ދޫކޮށްލި މައްސަލަ؛ އޭނާ އަލުން ގޭ ބަންދަށް ދޫކޮށްލީ މިދިޔަ ޑިސެމްބަރުގައި

  • މަސްތުވާތެކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނު ކަމުގެ ދައުވާ މީގެ ކުރިން ކޮށްފައިވާ އަލީ އަންވަރު މުހައްމަދު، މަސްތުވާތަކެތީގެ މައްސަލައެއްގައި މިފަހުން ހައްޔަރުކުރުމުން ޝަރުތެއްނެތި ދޫކޮށްލި މައްސަލާގައި؛ އޭނާ ބަންދުން ދޫކޮށްލުމުން ސްރީ ލަންކާއަށް ދިޔަތަނާ އަލުން ހައްޔަރުކޮށް މިހާރު ވަނީ ބަންދުކޮށްފައި

އޭގެ ތެރެއިން ފާއިޒު ވަކިކުރުމަށް ޖޭއެސްސީން ނިންމީ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނު ކަމަށް ދައުވާކޮށްފައިވާ އަންވަރު ބަންދުން ދޫކޮށްލަން ފާއިޒު ނިންމެވި މައްސަލާގައިކަން މައުލޫމާތު ލިބެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް