ކުރީގެ ރައީސުންނާއި އިސްލާހުގެ ދަށުން އިނާޔަތް ލިބޭނެ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

ކުރީގެ ރައީސުންގެ އޮފީސް ހަރަދު ކަނޑާލައި ދައުރު ފުރިހަމަކުރި ނައިބު ރައީސުންނަށް އިނާޔަތް ދޭން ފާސްކޮށްފި

ގާނޫނު މިހާރު އޮންނަ ގޮތުން ކުރީގެ ރައީސުންނަށް އޮފީސް ހިންގުމުގެ ހަރަދުގެ ގޮތުގައި މަހަކު 175،000ރ ދޭން ޖެހޭ؛ އެ މާއްދާ އުވާލައި ދައުރު ފުރިހަމަކުރި ނައިބު ރައީސުންނަށް ކޮންމެ މަހަކު 30،000ރ.ގެ އިނާޔަތެއް ދިނުމަށް ހިމަނާފައިވޭ
1 ޑިސެމްބަރު 2025
1

ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް އޮފީސް ހިންގުމުގެ ހަރަދުގެ ގޮތުގައި ކޮންމެ މަހަކު ދައުލަތުން މަހަކު ދޭ 175،000ރ. އުނިކޮށް، ފަސް އަހަރުގެ ދައުރު ފުރިހަމަކުރައްވާފައިވާ ނައިބު ރައީސުންނަށް އެލަވަންސެއް ދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އެވެ.  

މަޖިލީހުން އެ ބިލަށް ބަދަލުތަކެއް ނުގެނެސް މިއަދު ފާސްކުރީ 68 މެންބަރުންގެ ވޯޓުންނެވެ. ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވި މެންބަރަކު ނެތެވެ.

ތަފްސީލު - އެ ގާނޫނު ކުރިން އޮންނަ ގޮތުން ދެ ދައުރަށްވުރެ ކުރު މުއްދަތަކަށް ވެރިކަންކުރެއްވި، ކުރީގެ ރައީސުންނަށް މަހަކު 275،000ރ. ލިބިވަޑައިގަންނަވަ އެވެ. އެއީ:

  • މާލީ އިނާޔަތް: 50،000ރ.

  • ދިރިއުޅޭނެ ތަނުގެ ހަރަދަށް: 50،000ރ.

  • އޮފީސް ހިންގުމުގެ ހަރަދަށް: 175،000ރ.

އެއް ދައުރަށް ވުރެ ގިނަ ދައުރު އަދާ ކުރައްވާ ކުރީގެ ރައީސުންނަށް މާލީ އިނާޔަތުގެ ގޮތުގައި ދެނީ، ގާނޫނުގައިވާ ގޮތުން 75،000ރ. އެވެ. އެ އިނާޔަތް ލިބެނީ ހަމައެކަނި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށެވެ.

މިއަދު ފާސްކުރީ އޭގެ ތެރެއިން އޮފީސް ހިންގުމުގެ ހަރަދަށް ހިމަނާފައިވާ 175،000ރ. ބަޔާންކުރާ ބައި ގާނޫނުން އުވާލުމަށެވެ.

ގާނޫނުގައި މިހާރު ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް އިނާޔަތް ދިނުމެއް ނޯވެ އެވެ. އެގޮތުން:

  • ސަރުކާރުން ހުށަހެޅީ ފަސް އަހަރުގެ ދައުރު ފުރިހަމަކުރައްވާފައިވާ ނައިބު ރައީސުންނަށް މަހަކު 25،000ރ.ގެ މާލީ އިނާޔަތެއް ދިނުމަށް؛ ކޮމިޓީން ނިންމީ އެ އަދަދު 30،000ރ.އަށް ހެދުމަށް

  • ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ދައުލަތުގެ ހަރަދުގައި ސިއްހީ ހިދުމަތް ދިނުން ވެސް ހިމަނާފައިވޭ

  • އެ ބޭފުޅުންގެ ދައުރު ތެރޭ ކުރެއްވި ކަމުން ކުށެއް ސާބިތުވެއްޖެ ނަމަ، އެ އިނާޔަތާއި ދައުލަތުން ދޭ ރައްކާތެރިކަން ކަނޑާލެވޭނެ ކަމަށް ވެސް އިސްލާހުގައި ހިމަނާފައިވޭ

މިއަށް އަމަލު ކުރަން ފެށުން އޮތީ، ބިލު ފާސްވެ، ތަސްދީގު ކުރާ ދުވަހުން ފެށިގެންނެވެ.

މި އިސްލާހުގައި "ނައިބު ރައީސްކަންކޮށްފައިވާ މީހާ" މާނަކޮށްފައިވަނީ، ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ރިޔާސަތުގެ ފަސް އަހަރުދުވަހުގެ ދައުރެއްގައި ނައިބު ރައީސްގެ މަގާމުގެ ދައުރު ފުރިހަމަކުރައްވާފައިވާ ބޭފުޅުންނަށެވެ.

ފާހަގަކޮށްލެވޭ ކަމެއް - އާ ގާނޫނުއަސާސީގެ ދަށުން މިހާތަނަށް ހަ ނައިބު ރައީސުން މަގާމު އަދާކުރައްވައިފި އެވެ. ނަމަވެސް ފަސް އަހަރުގެ ދައުރެއް ފުރިހަމަކުރެއްވީ، މިދިޔަ ވެރިކަމުގައި އެ މަގާމު އަދާ ކުރެއްވި ފައިސަލް ނަސީމް އެކަންޏެވެ.

އެހެންވެ، މި އިނާޔަތް ލިބިވަޑައިގަންނަވާނީ ހަމައެކަނި ފައިސަލް އަށެވެ.

ދައުލަތުގެ އެހެން މަގާމެއް އަދާ ކުރާ ނަމަ، އިނާޔަތެއް ނުލިބޭނެ

ގާނޫނު މިހާރު އޮންނަ ގޮތުން ކުރީގެ ރައީސަކު ދައުލަތުގެ މާގަމެއް އަދާ ކުރެއްވިޔަސް، އެ ބޭފުޅަކަށް ގާނޫނުގެ ދަށުން ލިބޭ އިނާޔަތް ލިބިވަޑައިގަންނަވަ އެވެ. އެ އިނާޔަތް ނެގުމަކީ އެ ބޭފުޅެއްގެ އިހްތިޔާރުގައި އޮންނަ ކަމެކެވެ.

ސަރުކާރުން ދެން މި އިސްލާހުގައި ގެންނަ އަނެއް ބޮޑު ބަދަލަކީ އެގޮތަށް ކުރީގެ ރައީސުން ދައުލަތުގެ އިތުރު މަގާމެއް ފުރުއްވާ ނަމަ، އެ މަގާމު ފުރުއްވާ މުއްދަތުގައި މި އިނާޔަތްތައް ނުލިބޭ ގޮތަށް ހެދުމަށެވެ.

ނައިބު ރައީސުންނަށް ދޭ އިނާޔަތް ވެސް އެ ބޭފުޅަކު ދައުލަތުގެ އިތުރު މަގާމެއް އަދާ ކުރައްވާ މުއްދަތުގައި ނުލިބޭ ގޮތަށް ހެދުމަށް އިސްލާހުގައި ހިމަނާފައިވެ އެވެ.

ކޮމެންޓް (1)

ދެންދެން

2 ޑިސެމްބަރު 2025
ދެން ދިމާވާކޮންމެ މީހެއްކައިރި ޝަކުވާއެއްނުކުރާނެ ދޯ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް