އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި އެ ޕާޓީގެ ރައީސް، އަބްދުﷲ ޝާހިދު ވާހަކަދައްކަވަނީ(އެމްޑީޕީ)
އެމްޑީޕީގެ ގައުމީ މަޖިލީސް ހޫނުވީ ރިޔާސަތުން ގޯސްކޮށް ވޯޓުގެ ހިސާބު ހެދުމުން: ޝާހިދު
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ކަނޑައެޅުމަށް މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުން ހޫނުވީ ރިޔާސަތު ބެލެހެއްޓެވި، ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދަށް ގޯސްތަކެއް ހެއްދެވުމުން ކަމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ތިން ނަމެއް ހުށަހެޅި ނަމަވެސް، ދިއްދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަބްދުﷲ ވަހީދުގެ ނަމަށް ވޯޓަށް އަހައި އެ ވޯޓުގެ އަދަދު ގުނި ގޮތާ މެދު ހިތްހަމަނުޖެހި ޖަލްސާ ހޫނުވި އެވެ.
އަބްދުﷲ ވަހީދަށް ތާއިދުކުރި މެންބަރުން ގޮވަމުން ދިޔައީ އޭނާގެ ނަން ފާސްވާ ވަރަށް ވޯޓު ލިބުނު ކަމަށެވެ. ދެން ތިބި ފަރާތްތަކުން ގޮވަމުން ދިޔައީ އެ ނަން ފާސްނުވާ ކަމަށެވެ. ބައްދަލުވުން ހޫނުވުމުން ނިޒާމު ގެއްލިފައިވާ ކަމަށް ބުނެ ބައްދަލުވުން ނިންމާލި އެވެ.
އޭގެ ފަހުގައި ކަން ހިނގި ގޮތާއި ވޯޓުގެ ނަތީޖާ، ކޮންމެ މެންބަރަކު ވެސް ވޯޓު ދިން ގޮތުގެ ތަފްސީލް ވެސް ހިމަނައިގެން، ޕާޓީގެ ރައީސް ޝާހިދަށް އިބްރާހީމް ވަހީދު މިއަދު ރިޕޯޓެއް ވެސް އެރުވި އެވެ.
އެ ރިޕޯޓު ބެއްލެވުމަށް ފަހު، ޝާހިދު ވެސް ވަނީ އިބްރާހީމް ވަހީދަށް އޭގެ ޖަވާބުގައި ސިޓީއެއް ފޮނުއްވައިފަ އެވެ. އެ ސިޓީގެ ކޮޕީއެއް 'ދައުރު'އަށް ވަނީ ލިބިފަ އެވެ.
ތަފްސީލް - ޝާހިދު ފޮނުއްވި ސިޓީގައިވާ ގޮތުން، އެ ރޭގެ ބައްދަލުވުމުގައި ކަން ހިނގި ގޮތަކީ:
-
ވޯޓު ނަގާ ނިމުމުން ޖަލްސާގައި ހާޒިރުވެ ތިބީ 96 މެންބަރުން ކަމާއި ރިޔާސަތުގައި އިންނެވި އިބްރާހީމް ވަހީދު ނުހިމަނާ 95 މެންބަރުން ކަމަށް އިއުލާންކުރެއްވި
-
އޭގެ ފަހުގައި އަބްދުﷲ ވަހީދަށް ލިބުނީ 47 ވޯޓު ކަމާއި ވަގުތީ ޗެއާޕާސަންގެ މަގާމަށް އަބްދުﷲ ވަހީދުގެ ނަން ފާސްވެއްޖެ ކަމަށް އިއުލާންކުރެއްވި
-
ނަމަވެސް 95 މެންބަރުންގެ އަގުލަބިއްޔަތު ނުވަތަ ދެބައިކުޅަ އެއްބައި އެއީ 47 ނޫންކަން ފާހަގަކޮށް ގިނަ މެންބަރުންތަކެއް އެކަން ފާހަގަކުރަން ފެށި
-
ބައެއް މެންބަރުން އިހުތިޖާޖު ކުރެއްވުމުން ރިޔާސަތުން އަނެއްކާވެސް ހިސާބު ހެއްދެވުމަށް ފަހު، ލިބުނީ 47 ވޯޓު ކަމާއި އަބްދުﷲ ވަހީދުގެ ނަން ފާސްނުވާ ކަމަށް އިއުލާންކުރެއްވި
ބުނީ ކީކޭ؟ - "ރިޔާސަތުން ދެ ފަހަރު ދެ ގޮތަކަށް އަމަލުކުރެއްވުމުގެ ސަބަބުން އެ ރޭގެ ޖަލްސާގެ ނިޒާމު ގެއްލި، ހަމަނުޖެހުމަކަށް ދިޔަކަން ފާހަގަކުރެވެ އެވެ. އަދި އެ ރޭގެ ޖަލްސާ ހަލަބޮލިވެ، ޖަލްސާ އިތުރަށް ކުރިއަށް ނުގެންދެވުމުން އެ ޖަލްސާ މެދުކަނޑާލެއްވިކަން ރިޔާސަތުން އިއުލާންކުރެއްވި އެވެ،" ޝާހިދުގެ ސިޓީގައިވެ އެވެ.
ޝާހިދު ވިދާޅުވީ އެ ޖަލްސާއަށް ފަހުގައި ޕާޓީގެ އެތެރޭގެ މަސްލަހަތު ވަރަށް ބޮޑަށް ހޫނުވެފައި ވަނިކޮށް ޕާޓީގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ކަމަށް އަބްދުﷲ ވަހީދު ނުކުންނެވުމަށް ނިންމެވި ނިންމެވުން އަނބުރާ ގެންދެވި ކަމަށް ވިދާޅުވެ އޭނާގެ ސިޓީއެއް ވެސް ޝާހިދަށް ލިބިވަޑައިގެންފައިވާ ކަމަށެވެ.
އެހެންވެ، ވަގުތީ ޗެއާޕާސަނެއް ކަނޑައެޅުމަށް ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަން ހުރިހާ އިންތިޒާމުތަކެއް ފުރިހަމަކުރުމަށް ފަހު، ބައްދަލުވުމެއް ބޭއްވުމަށް ޕާޓީގެ ރައީސްގެ ހައިސިއްޔަތުން މަޝްވަރާ ދެއްވާ ކަމަށް ސިޓީގައިވެ އެވެ.
"މި ދަނޑިވަޅަކީ ލޯކަލް ކައުންސިލް އިންތިހާބު ވަރަށް ކައިރިވެފައިވާ ދަނޑިވަޅެއްކަމުން، ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލޭ ފަދަ އެއްވެސް ގޮތަކަށް އަމަލު ނުކުރެއްވުމަށާއި އެފަދަ ފުރުސަތެއް އެއްވެސް ފަރާތަކަށް ނުދެއްވުމަށް ވެސް އަޅުގަނޑު އިހުލާސްތެރިކަމާ އެކު އެދެމެވެ،" ޝާހިދުގެ ސިޓީގައި އެދިވަޑައިގެންފައިވެ އެވެ.
ފާހަގަކޮށްލެވޭ - ނަތީޖާ ޝީޓް ތައްޔާރުކޮށް އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު، ޕާޓީގެ ރައީސް ޝާހިދަށް ފޮނުވި ރިޕޯޓްގައިވާ ގޮތުން:
-
އެ ރޭ ނެގި ވޯޓުގައި 48 މެންބަރުންގެ ވޯޓާ އެކު ވަހީދު ވަނީ އެ މަގާމަށް ހޮވިފައި
-
އެކަމަކު އެ ވޯޓު ގުނުމުގައި ހިތްހަމަނުޖެހުންތަކެއް އުފެދިފައިވާތީ، އެ މަގާމަށް އޭނާ ހޮވިފައިވާކަން އަދި ރަސްމީކޮށް ހާމައެއް ނުކުރޭ