އަހުމަދު ސިޔާމް މުހައްމަދު ލަންކާއަށް ދެއްވާ އެހީގެ ގޮތުގައި މިއަދު 75،000 ޑޮލަރު، ލަންކާގެ ސަފީރު މުހައްމަދު ރިޒްވީ ހަސަންއަށް ހަވާލުކުރައްވަނީ (ފޮޓޯ/ ސަން މީޑިއާ)

ސަން ސިޔާމް

ލަންކާއަށް އެހީވާން ސަން ސިޔާމްގެ ފަރާތުން 200،000 ޑޮލަރު

އެމްޑީއޭގެ ލީޑަރު އަދި ސަން ގްރޫޕް ވިޔަފާރިތަކުގެ ވެރިޔާ ސިޔާމް މިއަދު ދެއްވީ 75،000 ޑޮލަރު؛ ސިޔާމް ވިދާޅުވީ ބާކީ ބައި ކުރިއަށް ހުރި މަދު ހަފުތާއެއް ތެރޭ ދެއްވާނެ ކަމަށް
30 ނޮވެމްބަރު 2025

ބާރުގަދަ ތޫފާން، 'ދިތުވާ'ގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ސްރީ ލަންކާގައި ހާލުގައި ޖެހިފައިވާ އާއްމުންނަށް އެހީވުމަށް ސަން ގްރޫޕުގެ ވިޔަފާވެރިޔާ އަދި އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމްގެ ފަރާތުން 200،000 ޑޮލަރު ދިނުމަށް ނިންމަވައިފި އެވެ.

ވީކިިހިނެއް؟ - ލަންކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ރިޒްވީ ހަސަންއާ ސިޔާމް މިއަދު ބައްދަލުކުރައްވައި 75،000 ޑޮލަރު ވަނީ ހަދިޔާކުރައްވައިފަ އެވެ.

ތަފްސީލް - ސިޔާމް 'ދައުރު'އަށް ވިދާޅުވީ އޭނާ ލަންކާއަށް އެހީވުމުގެ ގޮތުން 200،000 ޑޮލަރު ހަދިޔާކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި އެއީ އޭނާގެ އަމިއްލަ ނަމުގައި ދެއްވާ އެހީއެއްކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

"މިއަދު ދިނީ 75،000 ޑޮލަރު. ކުރިއަށް ހުރި މަދު ހަފުތާތަކުގެ ތެރޭ ބާކީ ދޭނަން،" ރައްޔިތުންގެ މަޖިލީހުގައި ދ. މީދޫ ދާއިރާ ތަމްސީލްކުރައްވާ އަދި ލަންކާގައި ރިސޯޓެއް ވެސް ހިންގަވާ ސިޔާމް ވިދާޅުވި އެވެ.

ގުޅުން ހުރި - ހާލުގައި ޖެހިފައިވާ ލަންކާއަށް އެހީވުމަށް، 50،000 ޑޮލަރާއި 25،000 މަސްދަޅު ކޭސް ހަދިޔާ ކުރުމަށް ދިވެހި ސަރުކާރުން ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން، ދައުލަތުގެ މީޑިއާ، ޕީއެސްއެމުން އިސް ނަގައިގެން ހާއްސަ ޓެލެތޯނެއް ވެސް ވަނީ ފަށައިފަ އެވެ. ޕީއެސްއެމުން ބުނި ގޮތުގައި:

  • މި ޓެލެތޯނުގެ ދަށުން، މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަހައްދުތަކުގައި ފަންޑުފޮށިތައް ބަހައްޓާނެ

  • އެ ފޮށިތަކަށް ނަގުދު ފައިސާގެ ގޮތުގައި ލެވޭނެ

  • ފަންޑަށް އެހީވުމަށް، ގިނަ އިންތިޒާމްތަކެއް ވަނީ ހަމަޖައްސާފައި؛ އެގޮތުން ކިއުއާރު ކޯޑު ސްކޭންކޮށްގެން ފައިސާ ޖަމާކުރެވޭނެ ކަމަށް އެ ތަނުން ބުނޭ

  • މި ޓެލެތޯނުގައި ބައިވެރިވެ، އެހީތެރިވުމަށް 7730000796107އަށް ފައިސާ ޖަމާކުރެވޭނެ

ފާހަގަ ކުރެވޭ - ބޭ އޮފް ބެންގަލްގައި އުފެދުނު މި ތޫފާނުގައި ލަންކާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 159އަށް ވުރެ ގިނަ މީހުން މަރުވެ، 200އަށް ވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް ކަމަށް އެ ގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނެ އެވެ. އަދި އެތައް ލައްކަ ބަޔަކަށް ވަނީ ވިއްސާރައިގެ ސަބަބުން އަސަރުކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް