ސެންޓާ އެންޓަ ޕްރައިޒަސްއިން ދައުލަތަށް ދައްކަން ކުރި ހުކުމް ހައި ކޯޓުން މަޑުޖައްސާލި އަމުރު ނެރުއްވި ބެންޗުގައި އިންނެވި ފަނޑިޔާރު ސަލީމް މިއަދު އިސްތިއުނާފް މައްސަލައިގެ ބެންޗުގެ ރިޔާސަތުގައި (ސުޕްރީމް ކޯޓު ލައިވް ސްޓްރީމްގެ ސެނެޕް ޝޮޓެއް)

ސުޕްރީމް ކޯޓު

އިސްތިއުނާފް މައްސަލަ ބައްލަވަން ސުޕްރީމް ކޯޓު ބެންޗުގެ ރިޔާސަތުގައި އިންނެވީ އަމުރު ނެރުއްވި ފަނޑިޔާރު

އެއީ ސެންޓާ އެންޓަޕްރައިޒަސް އަށް 32 މިލިއަން ރުފިޔާ އެއް މަސް ތެރޭގައި ދައްކަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ނެރުނު ހުކުމް ހައި ކޯޓުން މަޑުޖައްސާލި އަމުރުގެ އިސްތިއުނާފް؛ ސުޕްރީމް ކޯޓު ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ސަލީމަކީ ހައި ކޯޓުން އަމުރު ނެރުއްވި އެއް ފަނޑިޔާރު
27 ނޮވެމްބަރު 2025
2

ސެންޓަ އެންޓަޕްރައިޒަސް އަށް 32 މިލިއަން ރުފިޔާ އެއް މަސް ތެރޭގައި ދައްކަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް ތަންޒީފުކުރުން މަޑުޖައްސާލަން ހައި ކޯޓުން އަމުރު ނެރުއްވި ފަނޑިޔާރަކާ އެކު ސުޕްރީމް ކޯޓުގައި މިއަދު އިސްތިއުނާފްގެ މައްސަލަ ފަށައިފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ ފެބްރުއަރީ މަހު ސިވިލް ކޯޓުން ކުރި އެ ހުކުމް ތަންފީޒުކުރުން މަޑުޖައްސާލަން ހައި ކޯޓުން އަމުރުކުރީ މިދިޔަ މެއި މަހުގަ އެވެ. އެ އަމުރު ނެރުއްވި ބެންޗުގައި ތިއްބެވީ:

  • ފަނޑިޔާރު ހަސަން ޝަފީއު

  • ފަނޑިޔާރު މުހައްމަދު ސަލީމް

  • ފަނޑިޔާރު މުހައްމަދު ޝަނީޒް

އޭގެ ތެރެއިން ފަނޑިޔާރު ސަލީމް ވަނީ މިދިޔަ ޖޫން މަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކޮށްފަ އެވެ. މިއަދު ހައި ކޯޓުގެ އެ އަމުރުގެ އިސްތިއުނާފް ފެށިއިރު ބެންޗުގެ ރިޔާސަތުގައި ވެސް އިންނެވީ ފަނޑިޔާރު ސަލީމެވެ.

ތަފްސީލް - އިސްތިއުނާފްގެ މައްސަލަ ފެށީ، ބެންޗުގައި ފަނޑިޔާރު ސަލީމްގެ އިތުރުން ފަނޑިޔާރު އައިޝާ ޝުޖޫން އާއި ފަނޑިޔާރު އަލީ ރަޝީދު ތިއްބަވައިގެންނެވެ.

އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވާހަކަ ދައްކަމުން ދަނިކޮށް ޝުޖޫން، ސަލީމްގެ ކަންފަތް ކައިރީ އެއްޗެއް ވިދާޅުވާ ތަން ފެނެ އެވެ. އޭގެ ފަހުން ދައުލަތުގެ ވާހަކަ ހުއްޓުވުމަށް ފަހު އަޑުއެހުން މެދުކަނޑާލަ އެވެ.

އަޑުއެހުން އިރުކޮޅަކަށް މެދުކަނޑާލުމަށް ފަހު އަލުން ފެށި އިރު ހައި ކޯޓުން އަމުރު ނެރުއްވި ފަނޑިޔާރަކު، ސުޕްރީމް ކޯޓުގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ކަން ވިދާޅުވަނީ ވެސް ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ސަލީމެވެ.

"ހައި ކޯޓުން އަމުރު ނެރުމުގައި ބައިވެރިވި ފަރާތެއް މިހާރު މި މައްސަލައިގެ ބެންޗުގައި މި އިންނެވީ. އެހެންވެ އެ ކަމާ މެދު ގޮތެއް ނިންމާފައި މައްސަލަ ކުރިއަށް ގެންދެވޭނީ. މިހާ ހިސާބުން ޝަރީއަތުގެ މަޖިލިސް މިއަދަށް މި ނިންމާލީ،" ސަލީމް ވިދާޅުވި އެވެ.

ހައި ކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނަވަނިކޮށް މިދިޔަ ޖޫން މަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވި ސަލީމް: އޭނާ ހައި ކޯޓުގައި ނެރުއްވި އަމުރެއްގެ އިސްތިއުނާފް ބެންޗުގައި މިއަދު އިންނެވި --

އެނގުން މުހިންމު - މި މައްސަލާގައި ބަންޑާރަ ނައިބުގެ އޮފީހުން އޮޑިޓަ ޖެނެރަލްގެ އޮފީހުގައި އޮޑިޓެއް ހެދުމަށް އެދުމުން، އެ މަސައްކަތުގެ ތެރެއިން ސައްހަ ނޫން އިންވޮއިސްތަކެއް ކޯޓަށް ސެންޓާ އެންޓަޕްރައިޒަސްއިން ހުށަހެޅިކަން އޮޑިޓް އޮފީހުން ފާހަގަކުރި އެވެ.

އެ މައްސަލަ ބަންޑާރަ ނައިބު އޮފީހުގެ ފަރާތުން މިހާރު ފުލުހަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.

ފަސްމަންޒަރު - ސެންޓާ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން 2006 ވަނަ އަހަރާއި 2008 ވަނަ އަހަރު ފޯރުކޮށްދީފައިވާ ކަމަށް ބުނާ ހިދުމަތްތަކަށް ފައިސާ ހޯދުމުގެ ގޮތުން ދިވެހި ދައުލަތަށް ރައްދުވާ ގޮތަށް ޖުމްލަ ތިން މައްސަލައެއް ހުށަހަޅާފައިވެ އެވެ.

އެއިން އެއް މައްސަލައިގެ ހައި ކޯޓުގެ މަރުހަލާ ވެސް ވަނީ ނިމިފަ އެވެ. މެޑިކަލް ހިދުމަތަށް ބޭނުންވާ މުދާތަކަކަށް ވާ ފައިސާ ނުލިބިގެން ބަދަލުގެ ގޮތުގައި 2 މިލިއަން ޑޮލަރު ދައުލަތުން ދައްކަން ޖެހޭ ކަމަށް ހައި ކޯޓުން ހުކުމްކުރީ މިދިޔަ ފެބުރުއަރީ މަހުގަ އެވެ.

ތިން ވަނަ މައްސަލާގައި ސިވިލް ކޯޓުން މިދިޔަ އޭޕްރީލް މަހު ހުކުމެއް ކުރި އެވެ. އެންވަޔަރަމެންޓް މިނިސްޓްރީއަށް ފޯރުކޮށްދިން ކަޅު ހަންތަކަކަށް ވާ ފައިސާގެ ތެރެއިން އެ ކުންފުންޏަށް ނުދީ އޮތް 12.7 މިލިއަން ރުފިޔާ، އެއް މަސް ތެރޭގައި ދައްކަން ހުކުމްކުރި އެވެ.

ކޮމެންޓް (2)

ތެފައާސާ.

27 ނޮވެމްބަރު 2025
ތިމާގެ ސައިޒަށްވުރެން ބޮޑެތި ބޫޓުތަކަށް އަރައިގެން އުޅޭއިރު ބައެއްފަހަރު މިކަހަލަ ކުދިކުދި ކޮއްޓުން އަންނާނެ. މާ ބޮޑު ކަމެއްނޫން!!
3 0

އެމްޑީޕީ ފަނޑިޔާރުން ނޯ

27 ނޮވެމްބަރު 2025
އަދިވެސް ކިޔަވައިގެން ހުރި މީހުން ބޭރުކުރެވޭތޯ ބަލާ. ސުޖޫނު ބުނީމަތަ އެނގެނީ ދެން ހުރި ފަނޑިޔާރަށް. ސާބަސް ދޯ ދެން.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް