މާލޭގައި ހިނގަމުންދާ ނުރައްކާތެރި އެކްސިޑެންޓްތަކާ ގުޅޭގޮތުން އާންމު ރައްޔިތުން ހޭލުންތެރިކުރުމަށްޓަކައި ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓުގެ ފަރާތުން ހިންގި ސިނާރިއޯ ބޭސްޑް އެކްސައިޒެއް ތެރެއިން - (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ނުރައްކާތެރިކޮށް ދުއްވާ މީހުން 5 އަހަރާއި 20 އަހަރާ ދެމެދަށް ޖަލަށްލެވޭ ގޮތް ހަދަނީ
ފަރުުވާކުޑަކޮށް ނުވަތަ ނުރައްކާތެރިކޮށް އުޅަނދެއް ދުއްވައިގެން މީހަކަށް އަނިޔާއެއްވެއްޖެނަމަ ނުވަތަ މަރުވެއްޖެނަމަ ދިގު މުއްދަތަކަށް ޖަލަށްލެވޭ ގޮތަށް ސަރުކާރުގެ ފަރާތުން އެއްގަމު ދަތުރުފަތުރުގެ މުޅިން އާ ބިލެއް ހުށަހަޅައިފި އެވެ.
ވީކިހިނެއް؟ - މިހާރު އަމަލުކުރަމުންދާ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ބަދަލުގައި މުޅިން އާ ބިލެއް މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ކުރެންދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އަލީ ޝާމިން ހަބީބެވެ.
ތަފްސީލް - އެ ބިލުގައި އޮންނަނީ ފަރުުވާކުޑަކޮށް ނުވަތަ ނުރައްކާތެރިކޮށް އުޅަނދެއް ދުއްވުމަކީ ގާނޫނީ ކުށެއް ކަމަށެވެ. އަދި އޭގެ އަދަބުތަކުގެ ގޮތުގައި އޮންނަނީ:
-
އެ ގޮތަށް ދުއްވައިގެން މީހަކު މަރުވެއްޖެ ނަމަ 20 އަހަރަށް ޖަލަށް ލުން
-
އެ ގޮތަށް ދުއްވައިގެން މީހަކަށް ބޮޑު އަނިޔާއެއް ލިބިއްޖެ ނަމަ 10 އަހާރައި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން
-
އެ ގޮތަށް ދުއްވައިގެން މީހަކަށް އެއްވެސް ވަރެއްގެ އަނިޔާއެއް ލިބިއްޖެނަމަ 5 އަހާރައި 10 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން
-
އެ ގޮތަށް ދުއްވައިގެން މީހަކަށް އަނިޔާއެއް ނުވިއަސް އެކްސިޑެންޓެއް ވެއްޖެނަމަ 25،000ރ. އާއި 100،000ރ.އާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރުން
ކުށްކުރި މީހާއަށް އެއްގަމު ދުއްވުމުގެ ލައިސެންސް އޮތުމުގެ ހައްގު އަތުލެވޭ ގޮތަށް ވެސް ބިލުގައި ހިމަނާފައިވެ އެވެ. ލައިސެންސެއް އޮތް ނަމަ ބާތިލްކުރާ ގޮތަށް އަދި ލައިސެންސެއް ނެތް ނަމަ ލައިސެންސަށް އެދި ހުށަހެޅުން މަނާވާ ގޮތަށެވެ. އެ ގޮތުން:
-
ޖަލަށް ލުމުގެ އަދަބުތަކަށް ފެތޭ ހާލަތްތަކުގައި، އެ ހައްގު ނެތް ކަމަށް ކަނޑައަޅަނީ ޖަލަށް ލުމަށް ބިލުގައި ހިމެނޭ މުއްދަތަށް؛ މިސާލަކަށް 20 އަހަރަށް ޖަލަށްލެވޭ ހާލަތުގައި 20 އަހަރަށް ލައިސެންސްގެ ހައްގު ނުލިބޭ
-
އެހެން ހާލަތްތަކުގައި 1 އަަހަރުގެ މުއްދަތަކަށް ލައިސެންސްގެ ހައްގު ނުލިބޭ
މީގެ އިތުރުން ލައިސެންސް ނެތް މީހަކަށް ނުވަތަ ކުޑަކުއްޖަކަށް އެއްގަމު އުޅަނދެއް ހަވާލުކޮށްގެން އެއިން ކަމެއް ކުރިމަތިވެގެން އުޅަނދުގެ ވެރިފަރާތަށް ވެސް އެ ވަރުގެ އަދަބުތަކެއް ދެވޭ ގޮތަށް ބިލުގައި ހިމަނާފައިވެ އެވެ. މި ހާލަތުގައި ޖަލު އަދަބުގެ ބަދަލުގައި ޖޫރިމަނާގެ އަދަބެއް ވެސް ކަނޑައެޅޭ ގޮތަށް ބިލުގައި ހިމެނެ އެވެ. އެ ގޮތުން:
-
މީހަކު މަރުވެއްޖެނަމަ އަދަބަކީ 20 އަހަރަށް ޖަލަށް ލުން؛ މި ހާލަތުގައި ޖޫރިމަނާގެ އަދަބެއް ދެވޭ އިހުތިޔާރެއް ނުލިބޭ
-
މީހަކަށް ބޮޑު އަނިޔާއެއް ލިބިއްޖެނަމަ 10 އަހާރައި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ 25،000ރ. އާއި 100،000ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން
-
މީހަކަށް އެއްވެސް ވަރެއްގެ އަނިޔާއެއް ލިބިއްޖެނަމަ 5 އަހާރައި 10 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ 25،000ރ. އާއި 100،000ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން
-
އަނިޔާއެއް ނުލިބުނަސް ލައިސެންސް ނެތް މީހަަކަށް އުޅަނދު ދީފިނަމަ ނުވަތަ ފަހަތު ސީޓުގައި އިންނަ މީހަކަށް ހުންގާނު ދީފިނަމަ 25،000ރ. އާއި 50،000ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން
-
ކުޑަކުއްޖަކާ ހަވާލުކޮށްފިނަމަ ދޭން ވާނީ ކަނޑައެޅިފައިވާ އަދަބުގެ އެންމެ ބޮޑު އަދަބު
އެނގުން މުހިންމު - މިހާރު އޮންނަ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައި ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް ދުއްވައިގެން ޖަލު އަދަބު ދެވޭ ގޮތަށް ހިމަނާފައެއް ނުވެ އެވެ. ނަމަވެސް ގާނޫނުލްއުގޫބާތުގެ ދަށުން ޖިނާއީ ކުށަކަށް ފެތޭ ނަމަ ޖިނާއީ ދައުވާކޮށްފައި އެބަ ހުއްޓެވެ.
ކޮމެންޓް (1)
ސިކުނޑި