ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމެއްގައި ހުސްނީ މުބާރަކް ވާހަކަ ދައްކަވަނީ. (ފޮޓޯ/ މަޖިލިސް)

ފުލުހުން

ޑްރަގާ އެކު ހައްޔަރުކުރި ހުސްނީގެ ކޮއްކޮއެއްގެ ވަނަަވަރު ފުލުހުންގެ ވެބްސައިޓުން ނަގައިފި

ފުލުހުންގެ ވެބްސައިޓުގައި އާންމުކުރި ހަބަރެއްގައިވާ ގޮތުން، މި މައްސަލާގައި ހަސަން ނާހިލް ހައްޔަރުކުރީ ފުލުހުންނަށް ފިލަން އުޅެނިކޮށް، 31 ގްރާމުގެ މަސްތުވާތަކެއްޗާ އެކު

ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސްނީ މުބާރަކުގެ އާއިލީ ކުއްޖަކު މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށް ވަނަވަރު އާންމުކުރުމަށް ފަހު، އެކަމާ ގުޅޭ ގޮތުން ފުލުހުންގެ ވެބްސައިޓުގައި ޝާއިއުކުރި ހަބަރު ޑިލީޓުކޮށްލައިފި އެވެ.

ވީ ކިހިނެއް؟ - ކުށްކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން، ހާއްސަކޮށް މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރާ މީހުންގެ މައުލޫމާތު ވަނަވަރާ އެކު މައްސަލައިގެ ތަފްސީލު ހިމެނޭހެން ފުލުހުންގެ ވެބްސައިޓުގައި އާންމުކުރެ އެވެ.

ވެބްސައިޓުން މިހާރު ޑިލީޓުކޮށްލާފައިވަނީ، މަސްތުވާތަކެތީގެ މައްސަލައެއްގައި އިއްޔެ ހައްޔަރުކުރި ހަސަން ނާހިލް، 18، ރޯޝަނީގެ/ނ. މަނަދޫގެ މައުލޫމާތެވެ. 

ނާހިލަކީ ޖޭއެސްސީގެ ރައީސްކަން ވެސް ކުރައްވަމުންގެންދަވާ ހުސްނީގެ ދެބެންގެ ދެދަރި ކޮއްކޮ އެކެވެ. ނާހިލްގެ މަންމަ އާއި ހުސްނީގެ ބައްޕައަކީ ދެބެންނެވެ.

ހަސަން ނާހިލް ހައްޔަރުކުރި މައްސަލާގައި އިއްޔެ ފުލުހުން ވަނަވަރާ އެކު އެކްސްގައި އާންމުކުރި ހަބަރު: މި ހަބަރު މިހާރު ވަނީ ޑިލީޓުކޮށްލާފައި.

ތަފްސީލް - އޭނާ ހައްޔަރުކުރިކަން ފުލުހުން ހާމަކުރީ އިއްޔެ އެވެ. އެ މައްސަލައާ ގުޅޭ ގޮތުން އިއްޔެ ފުލުހުންގެ ވެބްސައިޓުގައި އާންމުކުރި ހަބަރެއްގައިވާ ގޮތުން، ނާހިލް ހައްޔަރުކުރީ ހުޅުމާލެއިންނެވެ.

ފުލުހުން އޭރު އާންމުކުރި މައުލޫމާތުގައިވާ ގޮތުން: 

  • ނާހިލު ބަލައި ފާސްކުރީ ހުޅުމާލެ ޕެޓްރޯލްކުރުމުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުން ފެނުމުން އޭނާ އަތުގައި އެއްޗެއް ފޮރުވަން މަސައްކަތްކުރާ ކަމަށް ފާހަގަކުރެވިގެން 

  • އޭނާގެ އަމަލުތައް ހުރި ގޮތުން ޝައްކުކުރެވިގެން މަޑުކުރަން އެންގުމުން މަޑުނުކޮށް ދަނިކޮށް ހުއްޓުވީ ނިރޮޅުމަގު ބަސް ސްޓޮޕެއް ކައިރިން

  • ނާހިލް ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވޭ 

  • ފެނިފައިވާ ތަކެތީގެ ބަރުދަނުގައި 31.23 ގްރާމް ހުރި

  • ނާހިލްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވޭ

ނަމަވެސް، މި ހަބަރު މިހާރު ފުލުހުންގެ ވެބްސައިޓަކު ނެތެވެ.

އެ ހަބަރު ވެބްސައިޓުން ޑިލީޓުކޮށްލީ ކީއްވެތޯ ނޫސްވެރިން ސުވާލުކުރުމުން ފުލުހުން ބުނީ "ތަހުގީގުގެ ބޭނުމަށް ރިމޫވްކުރެވިފައި"ވާ ކަމަށެވެ. އެކަމާ ގުޅޭ ގޮތުން އިތުރު ތަފްސީލެއް ނުދެ އެވެ.

ކޮމެންޓް (2)

އަޒީ

25 ނޮވެމްބަރު 2025
ފުލުހުންގެ ވެބްސައިޓުން ނެގީ އެސޮރަށް އަދި 18 އަހަރު ނުވާކަން ފުލުހައް އެނގުމުންނެވެ. ދޮގުހަބަރު ނުފަތުރާށެވެ.
0 1

ތެފައާސާ.

25 ނޮވެމްބަރު 2025
މީގައި އަހަރެމެން ދަންނަންޖެހޭ ކަމަކީ އިއްޒަތްތެރި ހުސްނީއަކީ އާދައިގެ މެމްބަރެއް ނޫންކަން. އެމަނިކުފާނަކީ ރައީސް ނުހަނު އިތުބާރު ކުރައްވައި، ދާދި އިހަކަށްދުވަހު ޖޭއެސްސީގެ ރައީސްކަމަށް އައްޔަންކުރައްވާފައި ހުންނެވި ބޭކަލެއްކަން. އެހެންވީމާ މި ފެންވަރުގެ ބޭކަލުންނާއި ޖެހުނީމާ ޕޯސްޓު ކީއްކުރަން ޕޯސްޓު ކުރި ފުލުސް އޮފިސަރުވެސް ރިމޫވް ކުރަން އެންގީމާ ޖެހޭނީ ރިމޫވް ކުރަން.
8 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް