'ރައިޒް އަޕް ޔޫތު' ނަމުގައި ޕީއެންއެފް އިން ބޭއްވި ޖަލްސާގައި ޔާމީން ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ޔާމީން މި ސަރުކާރަށް ދެއްވީ 100 އިން 20 މާކްސް

ޔާމީން ވިދާޅުވީ ސަރުކާރަށް 2 އަހަރު ވެގެން ދިޔައިރު ރައްޔިތަކަށް ކޮށްދެވުނު ކަމެއް ރައީސް މުއިއްޒަށް ވިދާޅުނުވެވުނު ކަމަށް އަދި ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުންގެ ތާއީދެއް ނެތް ކަމަށް
22 ނޮވެމްބަރު 2025
2

ރައީސް މުހައްމަދު މުއިއްޒުގެ މި ސަރުކާރުގެ ފުރަތަމަ ދެ އަހަރަށް ސަތޭކައަކުން ދެވޭނީ 20 މާކްސް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ވީކިިހިނެއް؟ - މި ސަރުކާރު ގެނައުމުގައި ދައުރެއް އޮތް ނަމަވެސް ޕީއެންއެފްގެ ނަމުގައި ޕާޓީއެއް ހައްދަވައިގެން މިހާރު އިދިކޮޅު ލީޑަރެއް ގޮތުގައި މަސައްކަތްކުރައްވާ ޔާމީން ސަރުކާރު ރޭޓްކުރެއްވީ ރޭ ހުޅުމާލެ ފޭސް ދޭއްގައި ބޭއްވި 'ރައިޒް އަޕް' ޖަލްސާގަ އެވެ.

ތަފްސީލް - ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ސަރުކާރަށް މާކްސް ދެއްވި ގޮތަކީ:

  • އިންޓެގްރިޓީ - 60 އިން 10 މާކްސް

  • ރެސްޕޮންސިވްނެސް - 10 އިން 5 މާކްސް

  • އެކައުންޓަބިލިޓީ - 10 އިން 0

  • ޓްރާންސްޕޭރެންސީ - 10 އިން 2 މާކްސް

  • އެފިޝެންސީ - 10 އިން 3 މާކްސް

ޔާމީން ފާހަގަކުރެއްވި ގޮތުގައި އެއީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެސް ސަރުކާރަށް ރޭޓްކުރުމުގައި ބަލާ ކަންކަމެވެ.

'ރައިޒް އަޕް ޔޫތު' ނަމުގައި ޕީއެންއެފް އިން ބޭއްވި ޖަލްސާ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ރެންސްޕޮންސިވްނެސްއަށް ބެލުމުގައި ބަލަން ޖެހެނީ، ސަރުކާރުން ހަރަދުކުރަމުން ދަނީ ރައްޔިތުންނަށް އެންމެ ބޭނުންވާ ކަންކަމަށްކަން ޔަގީންކުރުންކަން ޔާމީން ފާހަގަކުރެއްވި އެވެ. އެ ގޮތުން:

  • އާސަންދައަށް ބޭސްގުޅައެއް ހޯދަން ސަރުކާރަށް ހަރަދެއް ނުކުރެވޭ؛ މި ވަގުތު ރައްޔިތުންގެ އެންމެ ބޮޑު މާޔޫސްކަމެއް އޮތީ ބޭސް ނުލިބޭ މައްސަލާގައި

  • ނަމަވެސް ބާ ޓޭންކަރުތަކާއި ބާ މަނަވަރުތަކެއް ގެނެސްގެން ހަނގުރާމަތީ ސަރަހައްދަކަށް ތައްޔާރުވާން އަސްކަރިއްޔާ ބޮޑުކުރަން އެ ވަރަށް އެބަ ހޭދަކުރޭ

  • މި ވަގުތު ސަރުކާރުން އަސްކަރިއްޔާއަށް ކުރާ ހޭދައިން ރައްޔިތުންނަށް ފައިދާ ނުވާ ކަމަށް ވިދާޅުވި

ޓްރާންސްޕޭރެންސީއަށް ރޭޓްކުރުމުގައި އެންމެ ބޮޑަށް ބަލަން ޖެހޭނީ ބަޖެޓަށްކަން ޔާމީން ފާހަގަކުރެއްވި އެވެ. އެގޮތުން:

  • ބަޖެޓުން އެކިއެކި ދާއިރާތަކަށް ހަރަދުކުރަން އޮންނަވަރު ރައްޔިތުންނަަށް އެނގެން ޖެހޭނެ

  • ބަޖެޓުގައި މިހާރު ތަފްސީލުތަކެއް ނުހިމަނާ؛ އެކި ރަށްރަށަށް އޮތް ވަރެއް ނޭނގޭ އަދި ވަކިވަކި ދާއިރާތަކަށް ކުރާ ހަރަދުގެ ވެސް ބޮޑު ތަފްސީލެއް ނޯވޭ

  • ޓެންޑަރަކާ ނުލައި ސަރުކާރަށް ބޭނުންވާ މަޝްރޫއުތަކެއް ބޭނުން ބަޔަކަށް ދެވޭ ގޮތަށް ކެބިނެޓުން ނިންމީމައި ޓްރާންސްޕޭރެންސީ އެއްވެސް ވަރަކަށް ނެތް

އިންޓެގްރިޓީއަށް މާކްސް ދިނުމުގައި ބަލަން ޖެހޭނީ، ޔާމީން ވިދާޅުވި ގޮތުގައި، އެކި މުއައްސަސާތައް މިނިވަންކޮށް ހިނގަމުންދާ ކަމާއި ހަމަހަމަކަމާ އެކު ގާނޫނު ހިނގަމުންދާކަމެވެ. ޔާމީން ވިދާޅުވި ގޮތުގައި:

  • ހުޅުމާލޭން ވަގު ގޯއްޗެއް ދިން މައްސަލާގައި އަދިވެސް ފިޔަވަޅެއް ނޭޅޭ

  • ސަރުކާރުގެ އެކި ކުންފުނިތަކުން ހިންގާ ވައްކަމުގެ މައްސަލަތައް ނުބެލޭ

  • މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސް ބޭފުޅުން ނުހައްގު މުއްސަނދިކަން ހޯދަމުން ގެންދިޔަ ނަމަވެސް ކުރެވޭ ކަމެއް ނެތް

  • މިނިވަން މުއައްސަސާތައް؛ އޭސީސީ އާއި އޮޑިޓަ ޖެނެރަލްގެ އޮފީސް ހިމެނޭހެން އޮތީ ޕެރެލައިޒްކޮށްލާފައި

'ރައިޒް އަޕް ޔޫތު' ނަމުގައި ޕީއެންއެފް އިން ބޭއްވި ޖަލްސާ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އެފިޝިއެންސީގައި ބަލަން ޖެހޭނީ، ޔާމީން ވިދާޅުވި ގޮތުގައި، ސަރުކާރުން ކުރާ ކަންކަމުން ނަތީޖާއެއް ލިބޭކަން ނުވަތަ ނޫން ކަމެވެ. ގައިމު ވެސް ރައްޔިތުން މި ވަގުތު ތިބި ހާލަތުން ސާފުވަނީ ނަތީޖާއެއް ނުނެރެވޭކަން ކަމަށް ޔާމީން ވިދާޅުވި އެވެ.

"ތަކެތީގެ އަގު ބޮޑުވެގެން ދިޔަ ވާހަކަ. ދިރިއުޅުމުގެ ހަރަދުތައް އަމުދުން ދެކޮޅު ނުޖެއްސޭ ވާހަކަ. އެހެންވީމާ އެބަ އެނގޭތާ ސަރުކާރުގެ ސިޔާސަތުތައް ރަނގަޅު ނޫން ކަން ރައްޔިތުންނަކަށް. މި ސަރުކާރުގެ ޕޮލިސީތަކެއް ރައްޔިތުންނަކަށް ކަމަކު ނުދެއޭ،" ޔާމީން ވިދާޅުވި އެވެ.

އެކައުންޓަބިލިޓީގެ ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ މި ސަރުކާރަކީ އެއްވެސް ކަމެއްގައި ރައްޔިތުންނަށް ޖަވާބުދާރީވާ ބައެއް ނޫން ކަމަށެވެ.

ކޮމެންޓް (2)

އަފުން

22 ނޮވެމްބަރު 2025
ޔާމީން ދޭ މާކުސްއެއް މުހިއްމެއް ނޫން.
1 2

ާކޮސް

23 ނޮވެމްބަރު 2025
@އަފުން ނަންޖަހާފަ ހުންނަ ހުސްގޮނޑިދޯ ބޭނުންވަނީ......ހެއްހެއް 2028 ގައި އައުޓު.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް