ޕީއެންސީގެ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް އާޓިފިޝަލް ބީޗުގައި މިދިޔަ ހަފްތާބަންދުގައި ބޭއްވި ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަފުޅުދައްކަވަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

މުނިފޫހިފިލުވުމުގެ ދާއިރާއަށް ރައީސްގެ އިލްތިމާސް: އިސްލާމްދީނުގެ ހުދޫދުން ބޭރުވާ ކަންކަން ނުކުރޭ

ރައީސް ވިދާޅުވީ ދިވެހިންނަކީ ސައްތައިން ސައްތަ މުސްލިމު ގައުމެއްކަމުން ދީނުގެ ގިއުގަނޑުގެ ތެރޭގައި އަމަލުތައް ބެހެއްޓުމަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކު އުފަލާއެކު ކުރަންވާނެ ކަމެއް ކަމަށް

އިސްލާމުދީނުގެ ހުދޫދުން ބޭރުވާ ކަންކަން ނުކުރުމަށް ދިވެހި ފިލްމް އިންޑަސްޓްރީގައި ހަރަކާތްތެރިވާ މީހުންނަށް ރައީސް މުހައްމަދު މުއިއްޒު މިއަދު އިލްތިމާސްކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ރައީސް މިގޮތަށް އެދިވަޑައިގެންނެވީ އޮލިމްޕަހުގައި ރޭ އެޅުވި ދިވެހި ފިލްމް 'ލިލީ'ގެ ރެޑް ކާޕެޓް އިވެންޓަށް ދިވެހި ސަގާފަތާއި އިސްލާމްދީނުގެ ހަމަތަކާ ނުގުޅޭ ގޮތަށް ހެދުން އަޅައިގެން މީހަކު ދިޔަ މައްސަލައެއް ފެންމަތިވެފައިވަނިކޮށެވެ. އެ ފިރިހެންމީހާގެ ފޮޓޯ ސޯޝަލް މީޑިއާގައި އާންމުވެ، ގިނަ ބައެއްގެ ފާޑުކިއުން ސަރުކާރަށް ވެސް ވަނީ އަމާޒުވެފަ އެވެ.

ތަފްސީލް - ރައީސް މިއަދު ހަވީރު، އެމަނިކުފާނުގެ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހިންނަކީ ސައްތައިން ސައްތަ މުސްލިމު ގައުމެއްކަމުން ދީނުގެ ގިއުގަނޑުގެ ތެރޭގައި އަމަލުތައް ބެހެއްޓުމަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކު އުފަލާއެކު ކުރަންވާނެ ކަމެއް ކަމަށެވެ. ހެދިބޮޑުވަމުން އަންނަ ޖީލަށް އިސްލާމީ ސަގާފަތާ އެއްގޮތަށް ހެޔޮ ނަމޫނާ ދައްކާ ބަޔަކަށް ވުމަކީ ގައުމަށްޓަކައި ކޮށްދެވޭނެ އެންމެ އަގުހުރި ހިދުމަތް ކަމަށް ވެސް ވިދާޅުވި އެވެ.

"މުސްލިމުންގެ ސަގާފަތާއި ހިލާފުކަންކަމާ އަޅުގަނޑުމެން ދުރުވާންޖެހޭނެ. ފިލްމާއި މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގެ ބޭފުޅުންގެ އަރިހުން ވެސް އަޅުގަނޑު އެދެނީ އިސްލާމްދީނުގެ ހުދޫދުން ބޭރުވާ ގޮތައް ކަންކަން ނުކުރެއްވުމަށް،" ރައީސްގެ ޕޯސްޓުގައިވެ އެެވެ.

ފާހަގަކުރެވޭ - ރައީސް މިގޮތަށް އެދިވަޑައިގެން ފަހުން، 'ލިލީ' ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ނެރުނު ބަޔާނެއްގައި ބުނީ، ދިވެހި ސަގާފާތާއި އާދަކާދަތަކާ ނުގުޅޭ ގޮތަށް ހެދުން އެޅުމަށް އެ ޓީމުން ހިތްވަރުނުދޭ ކަމަށެވެ.

އެ ފިލުމުގެ ޕްރިމިއާގެ ރަސްމީ ޑްރެސް ކޯޑެއްގެ ގޮތުގައި ހަމަޖެއްސީ، ދިވެހި ސަގާފަތް ރަމްޒުކޮށްދޭ އަދި ޒަމާނީ ގޮތެއް ވެސް ހިމެނޭ ހެދުން ކަމަށާއި އޭގެ ބޭނުމަކީ ވެސް ދިވެހި ތަރިކައާއި ސަގާފަތް ފާހަގަކުރުން ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

އެ ޓީމުން ބުނީ، އެ ޑްރެސް ކޯޑާ ނުގުޅޭ ގޮތަށް ހެދުން އަޅައިގެން އެ އިވެންޓަށް ދިޔަ އެއްވެސް މީހަކީ، އެ ޓީމުން ދައުވަތު ދީގެން ދިޔަ މީހެއް ނޫން ކަމަށެވެ. 

އެ ފިލްމުގެ އިވެންޓުގައި ދިމާވި އެ ހާލަތާ ގުޅިގެން މާއާފަށް އެދޭ ކަމަށާއި ކުރިއަށް ހުރި އިވެންޓުތަކުގައި އެފަދަ ކަމެއް ތަކުރާރު ނުވާނެކަން ކަށަވަރުކުރުމަށް ފިޔަވަޅުތައް އަޅާފައިވާނެ ކަމަށް ވެސް ބުންޏެވެ.

ކޮމެންޓް (5)

ހުސޭނުބެ

22 ނޮވެމްބަރު 2025
ފިލްމު ކުޅޭމީހުން ދީނުން ބޭރުގައި، ރައީސް ދީނުން އެތެރޭގައި. އަޅެ މި ދައްކަނީ އެއްދީނެއްގެ ވާހަކަތަ؟
0 0

ޱރ ޱުރާމާ

22 ނޮވެމްބަރު 2025
މަނިކުފާނު ކޮންމެކަމަކަށް ތިޔަޖައްސަވާ ކަޱައަކީ ދީން ހަމަ އެދީނުގެ ހަމަ ތަކުގެ ތެރޭ އޮވޭތޯ ބޭނުންވަރަކަށް ދޮގުހެދުން ؟ ތިބޭޅާ ބޭނުންފުޅުވަނީ ފިލްމީ ފަންނުވެރިންވެސް ބޭޅާގެ ވެރިކަން ދެމެހެއްޓޭފަދަ ފިލްމްތައް އުފެއްދުމައްތޯ؟ ދެން ސީޒަން ކައި ބުނަންވީނޫންތޯ ތިުަވާހަކަ
0 1

ސިކުނޑި

22 ނޮވެމްބަރު 2025
ސިކުނޑިއަށް އެއްބައިފަހަރު ވިސްނޭ މިމީހުން ހެއްދެވި ފަރާތަށްވެސް އޮޅުވާލަނީއޭ! މާލޭގެ މީހުން ހެދުންއަޅާގޮތް ރައީސަށް ނުފެންނަނީ ކާރުގަ ދާތީ! މަދުބަޔަކު ނޫނީ އިސްލާމީ އުސޫލުތަކާއި މިންގަނޑުތަކަށް ނުފެތޭ! ދިގުހެދުން ލިޔަސް ހަށިގަނޑުގެ ވަނާތައް އެހެރީ ފެންނާން!
0 1

ކޮސް

22 ނޮވެމްބަރު 2025
އެކަމަކު ދައުވަތު ނުދޭ މީހަކު އެގޮތަށް ހެދުންއަޅައިގެން ދިއުމަކީ ދުރުކަމެއް.
1 0
އިބްރާހިމް ޝަރީފް Avatar

އިބްރާހިމް ޝަރީފް

21 ނޮވެމްބަރު 2025
އިސްލާމްދީނުގެ ހުދޫދުން ބޭރުވާ ކަންކަން ކޮރްޕްޝަނާއި ދޮގުހެދުމަކީވެސް.
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް