އެމްޑީޕީގެ މުޒާހަރާއިން ހައްޔަރުކޮށް ބަންދުކުރި 6 މީހުން؛ މި އެންމެންމިހާރު ކޯޓުން ވަނީ ދޫކޮށްލާފައި (ފޮޓޯ: އެކްސް ފޮޓޯ/އަނެއްދިވެހިރާއްޖެ)

ޕީޖީ އޮފީސް

އެމްޑީޕީ މުޒާހާރާއިން ހައްޔަރުކުރި 7 މީހަކަށް ދައުވާނުކުރަން ނިންމައިފި

މި މުޒާހަރާއާ ގުޅިގެން އިތުރު 10 މީހެއްގެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން؛ ޕީޖީ އޮފީހުން ބުނީ ތަހުގީގުގެ އެ ބައި ނިމުމުން އެ މީހުންގެ މައްޗަށް ދައުވާކުރުމާ މެދު ގޮތެއް ނިންމާނެ ކަމަަށް

މިދިޔަ މަހުގެ 3 ވަނަ ދުވަހުގެ ރޭ އެމްޑީޕީން މާލޭގައި ކުރި މުޒާހަރާއިން ހައްޔަރުކުރި މީހުންގެ ތެރެއިން ހަތް މީހެއްގެ މައްޗަށް ދައުވާ ނުކުރަން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ ކުރީގެ އެމްޑީޕީ ދެ މެންބަރަކާާ އެކު އެ މުޒާހަރާއިން ބައެއް މީހުން ހައްޔަރުކޮށް، އޭގެ ތެރެއިން ހަ މީހަކު މިދިޔަ މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ދޫނިދޫ ޖަލުގައި ބަންދުކޮށްފައި ބޭތިއްބި އެވެ. 

ތަފްސީލް - ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނިގޮތުގައި އެ މުޒާހަރާ އިން ހައްޔަރު ކުރި މީހުންގެ ތެރެއިން ހަތް މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ވަނީ އެ އޮފީހަށް ފޮނުވާފަ އެވެ. އެ މީހުންނަކީ:

  • 1-

    ހުސައިން ޝާކިރު 

  • 2-

    ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ

  • 3-

     ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފް

  • 4-

    ކ. މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު

  • 5-

    އަޒީމް އަލީ 

  • 6-

    އަލީ ޖުމާން 

  • 7-

    މުހައްމަދު ހަލަފް އިބްރާހީމް

ޕީޖީ އޮފީހުން ބުނިގޮތުގައި މި މީހުންނަށް ދެ ކުށެއްގެ ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ވަނީ ހުށަހަޅާފަ އެވެ. އެ ދައުވާތަކަކީ:

  • ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާ 

  • ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ

ނަމަވެސް މި މައްސަލާގައި ލިބިފައިވާ ހެކިތަކަށް ރިއާޔަތްކޮށް ބެލިއިރު، ދައުވާކުރުމުގެ މަސްލަހަތު އޮތް ކަމަށް ނުފެންނާތީ، ދައުވާ ނުކުރަން ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. ދައުވާ ނުކުރަން ނިންމި ސަބަބަކީ:

  • ތުހުމަތުކުރެވޭ އަމަލުތައް އެ މީހުން ހިންގާފައިވަނީ އަސާސީ ހައްގެއް ބޭނުންކުރުމުގެ ތެރެއިން ކަމަށް ބުރަވެވޭތީ 

  • މި މީހުންގެ އަމަލެއްގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައިނުވާތީ 

އެނގުން މުހިންމު - މި މުޒާހަރާއާ ގުޅިގެން އިތުރު 10 މީހެއްގެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ. ޕީޖީ އޮފީހުން ބުނީ، ތަހުގީގުގެ އެ ބައި ނިމުމުން ދައުވާކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.

ފަސްމަންޒަރު - ގިނަ ބަޔަކު ބައިވެރިވި މި މުޒާހަރާ ރޫލާލުމަށް ޕެޕާ ސްޕްރޭ ޖެހުމުގެ އިތުރުން، ވަރަށް ބާރުގަދަ އަޑެއް ގޮއްވި ސޮނިކް ވެޕަން ބޭނުންކުރުމާ ގުޅިގެން ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ.

ފުލުހުން ބުނެފައިވަނީ މުޒާހަރާ ރޫޅާލީ، އަމީީނީ މަގުން ހިނގާލުން ކުރިއަށް ގެންދަން އަންގާފައިވަނިކޮށް ފުލުހުން ދިން ރޫޓަށް ބެލުމެއް ނެތި، މަޖީދީ މަގުން މުޒާހަރާގެ ބައިވެރިން ދާން މަސައްކަތްކުރުމުން ކަމަށެވެ. އަދި މުޒާހަރާގެ ބައިވެރިން ފުލުހުންގެ އާލާތްތައް އަތުލަން މަސައްކަތްކޮށް، ފުލުުހުންނާ ދިމާއަށް ގަލާއި ފެން ފުޅި އުކައި އަމަން ނަގާލަން އުޅުނު ކަމަށް ފުލުހުން ނެރުނު ބަޔާނެއްގައި ތުހުމަތުކޮށްފައިވެ އެެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް