އައްޑޫ ހިތަދޫ: ހިތަދޫގައި ގޫގުލް އިން ބޮޑު އިންވެސްޓްމަންޓެއް ކުރަނީ

އައްޑޫ

ގޫގުލްއިން އައްޑޫގައި ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނަކާއި ނެޓްވޯކް ފެސިލިޓީއެއް ހަދަނީ

ގޫގުލް އިން އިންވެސްޓްކޮށްގެން ހިތަދޫގައި ގާއިމުކުރާ ލޭންޑިން ފެސިލިޓީ ވެގެން ދާނީ ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލްތައް ލޭންޑްކުރުމުގެ ގާބިލްކަން ލިބިފައިވާ ފެސިލިޓީއަކަށް ކަމަށް މިނިސްޓްރީން ބުނި
17 ނޮވެމްބަރު 2025
1

ގޫގުލް އިން އައްޑޫ ހިތަދޫގައި ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނަކާއި ނެޓްވޯކް ފެސިލިޓީއެއް ހެދުމަށް އިންވެސްޓްކުރަން ނިންމާފައިވާ ކަމަށް ދިވެހި ސަރުކާރުން މިރޭ ބުނެފި އެވެ.

ވީކިހިނެއް؟ - އިކޮނޮމިކް މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި، މިއީ ރައީސް މުހައްމަދު މުއިއްޒު ސެޕްޓެމްބަރު 2024ގައި ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، ގޫގުލްގެ މެނޭޖުމަންޓާ އެކު މަޝްވަރާތަކުގެ ތެރެއިން ނިމުނު ކަމެކެވެ.

ތަފްސީލް - ގޫގުލް އިން އިންވެސްޓްކޮށްގެން ހިތަދޫގައި ގާއިމުކުރާ ލޭންޑިން ފެސިލިޓީ ވެގެން ދާނީ ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލްތައް ލޭންޑްކުރުމުގެ ގާބިލްކަން ލިބިފައިވާ ފެސިލިޓީއަކަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

މި މަޝްރޫއުގެ ސަބަބުން ރާއްޖެ ވެގެން ދާނީ އޭޝިއާ، އޯޝޭނިއާ، މެދުއިރުމަތި، ޔޫރަޕް އަދި އެފްރިކާ ގުޅުވައިދޭ އިތުބާރު ހުރި ޑިޖިޓަލް ގޭޓްވޭއަކަށް ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

މާލޭގެ އިތުރުން ހދ. ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ ކަނެކްޓިވިޓީ ޕޮއިންޓާއި އައްޑޫގައި ގާއިމުކުރެވޭ މި ފެސިލިޓީއާ އެކު މުޅި ރާއްޖެ ވެގެން ދާނީ ސަރަހައްދުގެ މުވާސަލާތީ މަރުކަޒަކަށް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

"ގޫގުލްގެ މި އިންވެސްޓްމަންޓްގެ ސަބަބުން ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުގުވެރިވާ މިންވަރު އިތުރަށް ހާމަވެގެންދޭ. ކްލައުޑް ސާވިސް، ފިންޓެކް، ޑިޖިޓަލް ކޮންޓެންޓް އަދި ޓެކްނޮލޮޖީ ސްޓާޓްއަޕްސް ފަދަ ދާއިރާތައް ރާއްޖޭގައި ތަރައްގީކުރުމަށް ފުރުސަތު އޮތް މިންވަރު ދައްކުވައިދޭ،" މިނިސްޓްރީން ބުންޏެވެ.

އައްޑޫގައި މި މަޝްރޫއު ކުރިއަށް ގެންދަނީ ދިރާގާއި އުރީދޫ ވެސް ބަައިވެރިކޮށްގެން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

ފާހަގަކޮށްލެވޭ - މިކަމާ ގުޅިގެން ރައީސް މުއިއްޒު ވެސް ވަނީ ގޫގުލްގެ ނިންމުމަށް މަރުހަބާ ވިދާޅުވެ އެކްސްގައި ޕޯސްޓެއް ކުރައްވައިފަ އެވެ.

"ގޫގުލް އިން ރާއްޖޭގައި އިންވެސްޓް ކުރަން ނިންމި ނިންމުމަކީ، ރާއްޖޭގެ ދެމެހެއްޓެނިވި ދެފުށް ފެންނަ އަދި އިންވެސްޓަރުންނާ ރައްޓެހި މާހައުލަށް ބައިނަލްއަގުވާމީ އިތުބާރު އޮތް މިންވަރު ހާމަވެގެންދާ ކަމެއް،" ރައީސް ލިއުއްވާފައިވެ އެވެ.

އެ މަނިކުފާނު ވިދާޅުވީ އެ މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު އިތުރަށް ހަރުދަނާވެ، ޑިޖިޓަލް ގޮތުން ބާރުވެރިކުރުވައި ސަރަހައްދީ ޑިޖިޓަލް ހަބަކަށް ދިވެހި ގައުމު ބިނާވެގެންދާނެ ކަމަށެވެ.

ކޮމެންޓް (1)

ގައުމު

17 ނޮވެމްބަރު 2025
މިހެން އަމިއްލަ ކުންފުނިތަކުން ކުރާ ކަންކަމަކީ އެމީހުންގެ ފައިދާއަށްކުރާކަންކަން.. މީގެން ރާއްޖެއަށް ކުރާފައިދާ އަދި މާ އަވަސް އަންދާޒާކުރަން..
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް