މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރަން ބޭނުންކުރި ދެ ގޮނޑި ދިވެހި ސަރުކާރާ ހަވާލުކުރުމަށް ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން (ފޮޓޯ/ ފޮރިން މިނިސްޓްރީ)

މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރަން ބޭނުންކުރި ގޮނޑިތައް ރާއްޖެއާ ހަވާލުކޮށްފި

26 ޖުލައި 1965ގައި ދިވެހި މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރުމުގައި ބޭނުންކުރި ގޮނޑިތަކުގެ ގޮނޑި ހަވާލުކުރުމުގެ ރަސްމިއްޔާތު މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި
17 ނޮވެމްބަރު 2025

މީގެ 52 އަހަރު ކުރިން އިނގިރޭސީންގެ ހިމާޔަތުން ރާއްޖެ ވީއްލި، ފުރިހަމަ މިނިވަން ދައުލަތެއްގެ ގޮތުގައި ވުމަށް އިނިގިރޭސީންނާ އެކު ސޮއިކުރި ރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރަން ބޭނުންކުރި ގޮނޑިތައް ދިވެހި ސަރުކާރާ މިއަދު ހަވާލުކޮށްފި އެވެ.

ވީކިހިނެއް؟ - 26 ޖުލައި 1965ގައި ދިވެހި މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރުމުގަައި ބޭނުންކުރި ގޮނޑިތައް ދިވެހި ސަރުކާރާ ހަވާލުކުރުމަށް މިއަދު ފޮރިން މިނިސްޓްރީގައި ރަސްމިއްޔާތެއް ބޭއްވި އެވެ.

ތަފްސީލް - ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މި ގޮނޑިތައް ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވީ އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނިކޮލަސް ޑޭވިޑް ލޯ އެވެ.

ދިވެހި ސަރުކާރުގެ ފަރާތުން އެ ތަކެއްޗާ ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލެވެ. އަރިހުގައި ހެރިޓޭޖް މިިނިސްޓަރު އާދަމް ނަސީރު ވެސް ހުންނެވި އެވެ.

މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓްރީގެ އިސްބޭފުޅުންނާއި އިނގިރޭސިވިލާތުގެ ހައިކޮމިޝަންގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.  

އިނގިރޭސިވިލާތުގެ ހިމާޔަތުން ވީއްލިގެން ރާއްޖެ މިނިވަންކުރުމަށް އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގައި، ބޮޑުވަޒީރު އިބްރާހިމް ނާސިރާއި އިނގިރޭސި ސަފީރު އެއްބަސްވުންތައް ބަދަލުކުރަނީ.

ބުނީ ކީކޭ؟ - އެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު ހަލީލް ވިދާޅުވީ މި ގޮނޑިތަކަކީ މިނިވަން މުސްތަގިއްލު ގައުމެއް ގޮތުގައި ރާއްޖެ އެޅި ފުރަތަމަ ފިޔަވަޅު ރަމްޒުކޮށްދޭ އާސާރެއް ކަމަށެވެ.

މި ތަކެތި ހަވާލުކުރުމުން ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން ވެސް ދައްކުވައިދީފި ކަމަށް އޭނާ ވިދާޅުވި އެވެ.

އިނގިރޭސިވިލާތުގެ ސަފީރު ދެއްކެވި ވާހަކައިގައި، ރާއްޖެ އާއި އިނގިރޭސިވިލާތާ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އިނގިރޭސިވިލާތުން އަބަދު ވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.


އިތުރު އާޓިކަލް

އިތުރު އާޓިކަލް