ޕީއެންސީގެ ޖަލްސާގައި ބައިވެރިވާން ރަށްރަށުން މީހުން އަންނަނީ.
ޕީއެންސީގެ ބޮޑު ޖަލްސާއަށް ގިނަ އަދަދެއްގެ ބަޔަކު މާލެ ގެންނަނީ
ވެރިކަންކުރާ ޕާޓީ، ޕީއެންސީން މާދަމާ ރޭ މާލޭގައި ބާއްވާ ބޮޑު ޖަލްސާގައި ބައިވެރިވާން ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ބަޔަކު މާލެ އަންނަމުންދާ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ވީ ކިހިނެއް؟ - 'ދިވެހީންގެ ރާއްޖެ' ނަމުގައި ޕީއެންސީން ބާއްވާ މި ބޮޑު ޖަލްސާއަކީ ރައީސްއަށް އޮތް ތާއީދު މުޅި ރާއްޖެއަށް ދައްކައިދިނުމުގެ ގޮތުން ބާއްވާ ޖަލްސާއެއް ކަމަށް އެ ޕާޓީން ބުނެ އެވެ. މި ސަރުކާރަށް ދެ އަހަރު ފުރޭ މުނާސަބަތާ ގުޅިގެން ބާއްވާ މި ޖަލްސާ އޮންނާނީ މާދާމާ ރޭ 8:30ގައި އާޓިފިޝަލް ބީޗުގަ އެވެ.
ބުނީ ކީކޭ؟ - ޕީއެންސީގެ ސެކްރެޓަރީ ޖެނަރަލް މުއާޒު ހަލީމް 'ދައުރު'އަށް ވިދާޅުވީ، އައްޑޫންނާއި ފުވައްމުލަކުން ވެސް ގިނަ އަދަދެއްގެ މީހުން ޖަލްސާގައި ބައިވެރިވާން އަންނަމުންދާ ކަމަށެވެ. އަދި ހއ. އާއި ހދ. އިން ވެސް ގިނަ ބަޔަކު އަންނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދު ދެކުނުން 250އެއްހާ މީހުން ވެސް އަންނާނެ ކަމަށް ވެސް މުއާޒު ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި، މޯލްޑިވިއަންގެ އެންމެ ބޮޑު ބޯޓު، އޭ330 ވެސް ވަނީ މިއަދު ފުރަތަމަ ފަހަރަށް އައްޑުއަށް ގޮސްފަ އެވެ. މިއީ، އެނގިފައިވާ ގޮތުގައި، މި ޖަލްސާއަށް މީހުން ބަލާ ކުރި ދަތުރެކެވެ.
އެކަމަކު އެ ޖަލްސާއަށް މިހާތަނަށް އައި މީހުންގެ ސީދާ އަދަދެއް މުއާޒު ވިދާޅެއްނުވި އެވެ. އޭނާ ވިދާޅުވީ ޖަލްސާގައި ބައިވެރިވާ މީހުންގެ އަދަދަކީ "ސަޕްރައިޒެއް" ކަމަށާއި ޖަލްސާގެ އަދަދުތައް އޮތް ގޮތް ވަރަށް ސާފު ކަމަށެވެ. އެ އަދަދު މާދަމާ ރޭގެ ޖަލްސާއިން ބޮޑުކޮށް ފެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަވެސްދާނަން ! ދިވެހީންގެ ރާއްޖެ ޖަލްސާއަށް ރާއްޖޭގެ އެކިކޮންކޮޅުތަކުން މެމްބަރުންނާއި ތާއިދުކުރާ ފަރާތްތަކުން އަންނަންފަށައިފި.
— Humandust (@Humandust___) November 13, 2025
14 ނޮވެމްބަރު 2025
20:30
އާޓިފިޝަލް ބީޗަށް
#DhiveheengeRaajje
#hafthaa104 pic.twitter.com/JEWBh71DBc
މި މުޒާހަރާއަށް ތައްޔާރުވުމަށާއި މާލެ އާއި އެކި ރަށްރަށުން މީހުން ގެންނަން ޕީއެންސީން ދުރާލާ ގިނަ ތައްޔާރީތަކެއް ފެށި އެވެ. އެގޮތުން، ޕީއެންސީ އޮފީހުގައި އެކަމާ ގުޅޭ ހަރަކާތްތައް ކުރިއަށް ގެންދެ އެވެ.
އެ ތަނުގައި ހުންނަވައި މީޑިއާތަކާ ވާހަކަދައްކަވަމުން މަނަދޫ ދާއިރާގެ މަޖިލިސް މެންބަރު ހުސްނީ މުބާރަކު ވެސް ވިދާޅުވީ އޭނާގެ ދާއިރާއިން މި ޖަލްސާއަށް ވަރަށް ގިނަ މީހުން އަންނަން ބޭނުންވެގެން އެދޭ ކަމަށެވެ. ދަތުރު ހަމަނުޖެެއްސިގެން "ވެއިޓިން ލިސްޓުގައި" ވެސް ބައެއް މީހުން އެބަތިބި ކަމަށް އޭނާ ވިދާޅުވި އެވެ.
ދިވެހީންގެރާއްޖެ އަށް މަރުހަބާ✊🏼
— Azmy (@IsmailAzmy_) November 13, 2025
ދިވެހީންގެ ރައީސް މިރާއްޖެއަށް ގެނަސްދެއްވަމުން ދެންދަވާ ތަރަށްޤީ އުފަލާއެކު ބަލައިގަނެ އެކަމަށް ޝުކުރު އަދާކުރެއްވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގަ ތިބި ރައްޔިތުން މާލެ އަރަންފަށައިފި. މާދަން ރޭ މާލޭގެ މަގުތަށް ފުރޭނެ! @MMuizzu… pic.twitter.com/mDTWK3YI6L
ޕީއެންސީގެ ޗެއާޕާސަން، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ގޮތުގައި ރައްޔިތުން ތިބީ ކޮން ލީޑަރަކާ އެކު ކަމާއި ކޮން ފިކުރަކާ އެކުކަން އެ ޖަލްސާއިން ވަރަށް ރަނގަޅަށް ފެންނާނެ އެވެ.
ރައްޔިތުން އެ ޖަލްސާއަށް އަންނަނީ ވެރިކަމުގެ މިސްރާބު ދަނީ ރަނގަޅަށް ކަމަށް ގަބޫލުކުރެވޭތީ، އުފާވެރި މުސްތަގުބަލަކަށް އުންމީދުކޮށްގެން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ވިދާޅުވީ ވާދަވެރި އިދިކޮޅު ޕާޓީތައް ދައްކާ އަސްލެއް ނެތް ވާހަކަތައް ގަބޫލުނުުކުރާކަން ވެސް ސާބިތުކޮށްދިނުމަށް ކަމަށެވެ.
ކޮމެންޓް (3)
ތެފައާސާ.
ޙަތަރެސްކަން
މަށޭ