8 އޮކްޓޯބަރު 2025: ބައްސާމް ކްރިމިނަލް ކޯޓުގެ އަޑުއެހުމަކަށް ވަޑައިގަންނަވަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ފީފާގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައެއް ފީފާއިން އެދިގެން ނޫނީ ރާއްޖޭގެ ކޯޓަކަށް ނުބެލޭނެ: ބައްސާމް
ފީފާއިން އެފްއޭއެމްއަށް ދިން ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރާ މައްސަލައެއްގައި ދައުވާކޮށް ޖިނާއީ ޝަރީއަތެއް ހިންގޭނީ ފީފާއިން ހުށަހަޅާފައިވާ ނަމަ އެކަނި ކަމަށް އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް މިއަދު ކޯޓުގައި ވިދާޅުވެއްޖެ އެވެ.
ވީ ކިިހިނެއް؟ - މިހާރު ވެސް އެފްއޭއެމްގެ ކޮރަޕްޝަންގެ މައްސަލައެއްގައި ނުވަ އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ބައްސާމްގެ މައްޗަށް މި ވަގުތު ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތަކީ ފީފާއިން އެފްއޭއެމްއަށް ދިން ފައިސާ ބޭނުންކޮށްގެން އަމީން އެވެނިއުގެ އެޕާޓްމަންޓެއް ގަނެ އެ ފައިސާ ލޯންޑަކުރި ކަމަށް ބުނާ މައްސަލާގަ އެވެ.
މި މައްސަލާގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ކުރިއަށް ގެންދިޔައީ ބައްސާމްގެ ފަރާތުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް (ޕްރީ ޓްރެއިލް މޯޝަން)ތަކާ ގުޅޭ ގޮތުން ދެ ފަރާތުން ވާހަކަ ދައްކައި ގާޒީ ގޮތެއް ނިންމެވުމެވެ.
ތަފްސީލް - ބައްސާމްގެ ފަރާތުން ހުށަހެޅުއްވި އެއް ހުށަހެޅުމަކީ މި މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށް ނުގެންދެވޭނެ ކަމެވެ. އެ ގޮތުން ބައްސާމްގެ ވަކީލު އަބްދުﷲ ޝާއިރު ފާހަގަކުރެއްވި ކަންކަމަކީ:
-
ފީފާއިން ދިން ފައިސާގެ މައްސަލައެއް ބެލޭނީ ފީފާގެ ގަވާއިދުގެ ތެރެއިން ފީފާއަށް އެކަނި
-
މިފަދަ މައްސަލަތައް ބަލަން ފީފާގެ އެތެރޭގައި އެތިކަލް ކޮމިޓީއަކާއި ސްޕޯޓްސް އާބިޓްރޭޝަން ފަދަ މުއައްސަސާތައް ހުރީ ގާއިމުކޮށްފައި
-
ފީފާގެ އެތެރޭގައި ހިނގާ މިފަދަ ކަމެއް ފީފާގެ ބޭރުން، އެ ކަމެއް ހިނގި ގައުމެއްގެ ކޯޓަކަށް ބެލޭނީ ފީފާއިން ހުށަހަޅައިގެން ނުވަތަ ފީފާގެ މެންބަރެއް ގޮތުގައި އޮންނަ ތަނަކުން ހުށަހަޅައިގެން
-
މި ހާލަތުގައި ފީފާއިން އަދި އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީން ފާސްކޮށްގެން މިފަދަ މައްސަލައެއް ބަލަން ފުލުހަށް އަދި ޕްރޮސެކިއުޝަންސްއަށް ވެސް ހުށަހަޅާފައެއް ނުވޭ
މީގެ ކުރިން 2012ގައި ވެސް، އެފްއޭއެމްގެ އެތެރޭގެ އިންތިހާބެއްގައި މަސްރަހު ހޫނުވެ ސޯޝަލް ސެންޓަރުގައި މާރާމާރީއެއް ހިންގައިގެން ވެސް އެ މައްސަލަ ނުބެލޭނެ ކަމަށް އޭރު ދިވެހި ފުލުހުން ނިންމި ކަމަށް ޝާއިރު ވިދާޅުވި އެވެ.
ބުނީ ކީކޭ؟ - މި ކަމާ ގުޅޭ ގޮތުން ބައްސާމަށް ވާހަކަ ދައްކަވަން ދިން ފުރުސަތުގައި އޭނާ ވެސް ވިދާޅުވީ ފީފާއިން ދޭ ފަންޑެއްގެ މައްސަލަ ބަލާނީ ފީފާގެ ތެރެއިން ކަމަށެވެ. ފީފާއިން އެދިގެން ނޫނީ ފީފާއިން ބޭރުން އެހެން އެއްވެސް ތަނަކަށް ނުބެލޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ގައުމެއްގެ ޖުޑިޝަލް ނިޒާމުގެ ތެރެއިން ބަލާ ކަންކަމެއް ނޫން މިއީ. މީގެ ކުރިން ފީފާއިން ވެސް މި މައްސަލަ ބަލާފައިވޭ. އޭއެފްސީގެ އެގްޒެކެޓިވް ކޮމިޓީން ސަސްޕެންޑް ވެސް ކުރި. ނަމަވެސް މައްސަލަ ބަލާފައި މައްސަލަ ނެތް ކަމަށް ނިންމާފައި އޮތީ،" މާފުށީ ޖަލުން އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވެވަޑައިގެންނެވި ބައްސާމް ވިދާޅުވި އެވެ.
ދައުލަތުގެ ބަސް - މި ކަމާ ގުޅިގެން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ)ގެ ވަކީލު އަބްދުﷲ ޖިހާދު ވިދާޅުވީ އެއީ އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައެއް ކަމާއި ރާއްޖޭގައި ހިނގަމުންދާ ކަމެއްގައި ޖިނާއީ ކަމެއް ހިނގުމުން އެ މައްސަލަ ބެލޭނެ ކަމަށެވެ.
ފީފާ އާއި ފީފާގެ މެންބަރެއްގެ ގޮތުގައި ރާއްޖޭގައި އޮތް އެފްއޭއެމްއިން ހިންގާ ކަންކަމުގައި ރާއްޖޭގެ ގާނޫނުތައް ނުހިނގާނެ ކަމުގެ ޑިޕްލޮމެޓިކް އިމްތިޔާޒެއް ދީފައިވާ ފަދަ މުއާހަދާއެއް ނުވަތަ އެއްބަސްވުމެއްގައި ދިވެހި ދައުލަތުން ސޮއިކޮށްފައި ނުވާ ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.
ގާޒީގެ ނިންމެވުން - މި މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހު ނިންމެވީ ފީފާގެ ގަވާއިދަކަށް ވުރެ ކްރިމިނަލް ކޯޓަށް އިސްވާނީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު ކަމަށެވެ. އެ ގޮތުން:
-
ކްރިމިނަލް ކޯޓުގައި ހިނގަމުންދާ އެފްއޭއެމްއާ ގުޅޭ ޝަރީއަތްތަކާ ގުޅޭ ގޮތުން މިހާތަނަށް ވެސް ފީފާއިން އަދި އެފްއޭއެމުން ދެކޮޅުހަދާފައެއްނުވޭ
-
ފީފާއިން މިކަމާ ގުޅޭ ގޮތުން ވަކި ގޮތަކަށް އެއްޗެއް ނުބުނަނީ، އެއީ ފީފާއިިން މި އިޖުރާއަތް މި ގޮތަށް ކުރިއަށްދާން ދޫކޮށްލައިގެން ތިބީމަ
ގާޒީ އެ ގޮތަށް ނިންމެވުމުން، ދަށު ކޯޓުގެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފްކުރާނެ ކަމަށް ބައްސާމްގެ ވަކީލު އަލީ ޝާހް ވިދާޅުވި އެވެ. އަދި މިއަދުގެ ވަގުތެއްގައި ގާޒީގެ ނިންމެވުން ލިއުމުން ދޫކުރުމަށް ވެސް ދިފާއީ ވަކީލު އެދިވަޑައިގެންނެވި އެވެ.
ގާޒީ މިސްބާހް ވިދާޅުވީ މިއަދުގެ ރަސްމީ ވަގުތު ހަމަވެފައިވާތީ މިއަދު ދޫކުރަން ދަތިވާނެ ކަމަށެވެ. ނަމަވެސް އަޑުއެހުން ނިމޭތާ 24 ގަޑިއިރު ނުވަނީސް، މާދަމާގެ ވަގުތެއްގައި ނިންމުން ބަޔާންކުރާ ލިޔުން ދޫކުރާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
އެނގުން މުހިންމު - މި މައްސަލާގައި ބައްސާމްގެ އިތުރުން ދައުވާކޮށްފައިވަނީ:
-
މުހައްމަދު އަގީލް، ފެހިކުރި/ގއ. ގެމަނަފުށި - މަނީ ލޯންޑާ ކުރުމަށް އެހީތެރިވިކަމުގެ ކުށުގެ ދައުވާ
-
ހަސަން ވަހީދު، މ. ހިރިނައިދޫ - މަނީ ލޯންޑާ ކުރުމަށް އެހީތެރިވިކަމުގެ ކުށުގެ ދައުވާ
-
އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް - މަނީ ލޯންޑާ ކުރުމަށް އެހީތެރިވިކަމުގެ ކުށުގެ ދައުވާ
މި މައްސަލާގައި އެފްއޭއެމްއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 1 މިލިއަން ޑޮލަރު އަމިން ކޮންސްޓްރަކްޝަންއިން ނަގައިދިނުމަށް ދައުވާގައި ވަނީ އެދިފަ އެވެ.
މީގެ އިތުރުން، ބައްސާމު އަމިން އެވެނިއުގައި އުޅުއްވި ދެ އެޕާޓުމެންޓް ވެސް ދައުލަތަށް ނަގައިދިނުމަށް ވަނީ އެދިފަ އެވެ.