އީސީގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގެ ޕްރެޒެންޓޭޝަން، މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހެޅުމަށް ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އީސީގެ ރައީސް ޒާހިދު(މ) އަދި މެންބަރުން
މިހާރު ނޭނގި ސިޔާސީ ޕާޓީއަކަށް ނުވެއްދޭނެ: އީސީ
ސިޔާސީ ޕާޓީތަކަށް ވަނުމާއި ވަކިވުމުގެ ކަންކަން އީ-ފާސް މެދުވެރިކޮށް ކުރުމުގެ ނިޒާމެއް ގާއިމުކޮށްފައިވާތީ އެއްވެސް މީހަކަށް ނޭނގި މިހާރު ސިޔާސީ ޕާޓީއަކަށް ނުވެއްދޭނެ ކަމަށާއި ތަފާތު އެކި ޕާޓީތަކުގައި ރަޖިސްޓްރީވެފައި އޮތުން ފަދަ ކަމެއް ވެސް މިހާރު ނުހިނގާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - އީސީން މިހެން ބުނީ، އެ ކޮމިޝަނުގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓު މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހެޅުމަށް މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މެންބަރަކު ކުރެއްވި ސުވާލަކާ ގުޅިގެންނެވެ.
ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފު ރަޝީދު ސުވާލުކުރެއްވީ:
-
އެއް ޕާޓީއަށް ވުރެ ގިނަ ޕާޓީގައި މީހުން ރަޖިސްޓްރީވެފައި ތިބުމާއި ނޭނގި ޕާޓީތަކަށް ވައްދާފައި ތިބޭ ތިބުން ހައްލުކުރުމަށް ކުރަމުންދަނީ ކޮންކަމެއްތޯ؟
ބުނީ ކީކޭ؟ - ޖަވާބުގައި އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ، ޕާޓީއަށް މީހުން ވެއްދުމާއި ކެނޑުމުގެ ކަންކަން ކުރީގައި ހިނގި ގޮތަށް ބަލާއިރު އެއް ޕާޓީއަށް ވުރެ ގިނަ ޕާޓީގައި ރަޖިސްޓްރީވެފައި އޮތުމާއި ނޭނގި ޕާޓީތަކަށް ވައްދާފައި ހުރުން ފަދަ ކަންކަން ހިނގާފައި ހުރެދާނެ ކަމަށެވެ. އެކަމަކު ޕާޓީއަށް ވަނުމާއި ވަކިވުމުގެ ކަންކަން މި އަހަރުން ފެށިގެން އީ-ފާސް މެދުވެރިކޮށް ކުރަމުން އަންނާތީ މިހާރު އެ މައްސަލަ ދިމާނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި އަހަރުން ފެށިގެން މިހާރު އެގޮތަކަށް ނުހިނގާނެ. އެއްވެސް މީހަކު ތަކުރާރުވެ އެއްވެސް ޕާޓީއަކު ނީންނާނެ. އަލުން ނުވަތަ ކުރިން ވަދެފައި ހުރި މީހަކު ވެއްޖެއްޔާ ވެސް އޭނާ ކެނޑެން ބޭނުންވެއްޖެއްޔާ، ވަރަށް އާދައިގެ ބަހުރުވައިން ބުނާ ކަމަށް ވަންޏާ އެއީ މިހާރު އިލެކްޝަންސް ކޮމިޝަނުން ކުރާ ކަމެއް ނޫން،" ޒާހިދު ވިދާޅުވި އެވެ.
އެކަން އިތުރަށް ތަފްސީލުކޮށްދެއްވަމުން ޒާހިދު ވިދާޅުވީ:
-
ޕާޓީގެ މެންބާޝިޕުގެ ކަންކަމަކީ އެ މީހަކު ވަންނަން ބޭނުންވާ ޕާޓީ އާއި ކެނޑެން ބޭނުންވާ ޕާޓީއާ ދެމެދު މިހާރު އެ މީހަކު އަމިއްލައަށް ކުރާ ކަމެއް
-
މިހާރު ޕާޓީއަކަށް ވަންނަން ނުވަތަ ކެނޑެން ބޭނުންވާ ނަމަ ޖެހޭނީ އީ-ފާސް މެދުވެރިކޮށް ޕޯޓަލަށް ހުށަހަޅަން
-
އޭރުން ސީދާ އެ ޕާޓީއަކަށް އެކަން އެނގޭނެ އަދި އީސީއަށް ވެސް އެނގޭނެ؛ ޕާޓީއަކަށް ވަދެވޭނީ އެ ޕާޓީއަކުން އާއެކޭ ބުނީމަ
-
ޕާޓީއަކުން ކެނޑެން ބޭނުންވާ ނަަމަ ވެސް އީ-ފާސް މެދުވެރިކޮށް ހުށަހެޅުމުން އެކަން ކުރާނީ އެ ޕާޓީއަކުން
-
ޕާޓީއަކުން ވަކިވާން އެދި ހުށަހެޅުމުން އެކަން ވަކި މުއްދަތެއްގައި އެ ޕާޓީން ނުކޮށްދީފި ނަމަ ކޮމިޝަނުން އެ މީހަކު ޕާޓީން ވަކިކޮށްދޭނެ
-
އީ-ފާސް މެދުވެރިކޮށް ޕާޓީއަށް ވެއްދުމުގެ ކަންކަން ކުރާތީ އެއްވެސް މީހަކަށް ނޭނގި ސިޔާސީ ޕާޓީއަކަށް ނުވެއްދޭނެ
ޒާހިދު ވިދާޅުވީ، ޕާޓީއަކަށް ވަނުމަށް ސީދާ އީސީއަށް ފޯމު ހުށަހަޅާ ގޮތަށް ކުރިން އޮތުމުން، މީހުންނަށް ނޭނގި އެ މީހާގެ ނަމުގައި ފޯމު ފުރައި ފޭކު ސޮއިކޮށް ނުވަތަ އިނގިލީގެ ނިޝާން ޖަހައިގެން ވެސް މީހުން ޕާޓީއަށް ވައްދާފައި އެބަހުރި ކަމަށެވެ.
ޒާހިދު ވިދާޅުވީ، އީފާސް މެދުވެރިކޮށް ޕާޓީއަށް ވަނުމާއި ކެނޑުމުގެ ކަންކަން އެ މީހެއްގެ އީފާސް މެދުވެރިކޮށް ކުރެވޭ ގޮތަށް ހެދީ އެ މައްސަލަ ހައްލުކުރަން ކަމަށެވެ. އެ ނިޒާމަށް ބަދަލުވުމަށް ފަހު، ނޭނގި ޕާޓީތަކަށް ވެއްދުމުގެ އެއްވެސް ޝަކުވާއެއް އުޅޭ ނަމަ އަންގަން އެދިފައިވާނެ ކަމަށާއި އެއާ އެކު އެފަދަ ވަރަށް ގިނަ ޝަކުވާތައް ލިބުނު ކަމަށް ވެސް ވިދާޅުވި އެވެ.
އެ ޝަކުވާތަކާ ގުޅިގެން އެ މީހަކު ބޭނުންވާ ހައްލެއް ހޯދައިދީފައިވާނެ ކަމަށާއި އެހެންކަމުން
"އެއްގޮތަކަށް ވެސް އީސީއަށް ފޯމެއް ހުށަހަޅައިގެން ކޮމިޝަނުން އެކަން ނުކޮށްގެން [އުޅޭކަށް ނުޖެހޭނެ]. ހަމައެކަނި އެ މީހާ އާއި ޕާޓީއާ ދެމެދު ހިނގާ ކަމަކަށް މިހާރު އެ އޮތީ އެކަން ބަދަލުވެފައި،" ޒާހިދު ވިދާޅުވި އެވެ.
ކޮމެންޓް (1)
ދެއުޅި