ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސް މުއިއްޒު އިނާމު ހަވާލުކުރައްވަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ޖުމްހޫރީ ދުވަސް

ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު 97 ބޭފުޅަކަށް؛ މަތީ ދަރަޖައިގެ އިނާމު 34 ބޭފުޅަކަށް

މިއަދު ހިދުމަތުގެ އިނާމު ލިބިވަޑައިގަތީ 35 އަހާރައި 39 އަހަރާ ދެމެދުގެ ހިދުމަތަށް؛ މަތީ ދަރަޖައިގެ އިނާމު ދިނީ 2022 ވަނަ އަހަރުން ފެށިގެން ހޯދި ކާމިޔާބީތަކަށް

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމު 34 ބޭފުޅަކަށް އަދި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރުމުގެ އިނާމު 97 ބޭފުޅަކަށް މިއަދު ދެއްވައިފި އެވެ.

ވީ ކިހިނެއް؟ - މި ބޭފުޅުންނަށް އިނާމު ދެއްވީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒެވެ.

ދައުލަތަށް ހިދުމަތް ކުރެއްވި ބޭފުޅުންނަށް ޝަރަފުގެ ބެޖާއި އައްޑަނަޔާއި ހަނދާނީ ލިޔުން ދެއްވަނީ، ދައުލަތަށް 35 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ ބޭފުޅުންނަށެވެ. 

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދޭ އިނާމަކީ، އިލްމާއި ހުނަރާއި އުފެއްދުންތެރިކަމުގެ ގޮތުން ހިތްވަރާ އެކު ހޯދާ ކާމިޔާބީތައް ފާހަގަކުރުމުގެ ގޮތުން، ގައުމީ ފެންވަރުގައި ރައީސް ދެއްވާ އިނާމެކެވެ. މި އިނާމު މި އަހަރު ދިނުމަށް ނިންމީ 2022 ވަނަ އަހަރު ނުވަތަ އޭގެ ފަހުން ލިބިފައިވާ ކާމިޔާބީތަކަށެވެ.

ތަފްސީލް - މި އަހަރު މަތީ ދަރަޖައިގެ ހާއްސަ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނެނީ:

  • ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބެއް ހޯދައިފައިވާ އަށް ބޭފުޅެއް 

  • ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 އާއި 9 ދެމެދުގެ ސަނަދެއް ހާސިލުކުރުމުގައި އެންމެ މަތީ ވަނަ ހޯދައިފައިވާ 23 ބޭފުޅެއް 

  • ބައިނަލްއަގުވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ އެ ނޫން ވެސް މިންކުރުމަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯއްދަވައިގެން އިނާމު ހާސިލު ކުރެއްވި ދެ ބޭފުޅުން

މީގެ އިތުރުން، މިއަދު ހިދުމަތުގެ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނެނީ 35 އަހަރާއި 39 އަހަރާ ދެމެދުގެ މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންނެވެ. މިއީ މިފަދަ ބޭފުޅުންގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ގައުމީ ފެންވަރުގައި ރައީސް ދެއްވަން ފެއްޓެވި ޝަރަފުވެރި އިނާމެކެވެ.

މީގެ ކުރިން މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވަނީ 40 އަހަރަށް ވުރެ ދިގު މުއްދަތަކަށް ދައުލަތަށް ހިދުމަތްކުރެއްވި 94 ބޭފުޅުންގެ ހިދުމަތުގެ އަގުވަޒަންކުރައްވާ އިނާމު ދެއްވާފަ އެވެ.

މި އިނާމު ދިނުމުގައި ބަލަނީ:

  • މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ގާބިލުކަމަށް

  • އިހުލާސްތެރިކަމާއެކު ކުރައްވައިފައިވާ ހިދުމަތްތަކަށް 

  • ވަޒީފާ އަދާކުރެއްވި މުއައްސަސާގެ ކުރިއެރުމަށް ކުރައްވައިފައިވާ ހިދުމަތްތަކަށް 

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމުގެ ނަމުގައި އިނާމު ދެއްވަން ފެއްޓެވީ 2021ގަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް