ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން (ފޮޓޯ/ މަޖިލިސް

ފަންނުވެރިންގެ އުފެއްދުންތައް ހިމާޔަތްކުރެވޭނެ ޓްރޭޑްމާކް ބިލު ފާސްކޮށްފި

މި ބިލަށް ކޮމިޓީ މަރުހަލާގައި ގެނެސްފައިވާ މައިގަނޑު އިސްލާހަކީ ޓްރޭޑްމާކެއްގެ މުއްދަތު ހަމަވުމުން، އެ މާކެއްގެ މުއްދަތު އިތުރުކުރަން ހަ މަސްދުވަހުގެ މުއްދަތެއް ލިބޭ ގޮތް ހެދުން

ފަންނުވެރިންނާއި އުފެއްދުންތެރިންގެ އުފެއްދުންތަކުގެ ހައްގު މިލުކޮށް، ހިމާޔަތްކުރުމަށް ހާއްސަަކޮށްފައިވާ ޓްރޭޑްމާކް ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - ފުރަތަމަ ފަހަރަށް މަޖިލީހަށް ހުށަހެޅި ޓްރޭޑްމާކާ ގުޅޭ މި ބިލު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން މަޑުއްވަރި ދާއިރާގެ މެންބަރު އަހުމަދު ޒާހިރު އެވެ. ބިލުގައިވާ ގޮތުން އެ ބިލުގެ ބޭނުމަކީ:

  • އުފެއްދުންތެރިންނާއި ފަންނުވެރިންނަށް ރާއްޖޭގައި ފަހި މާހައުލެއް ހޯދާދިނުމަށް ޓްެރޭޑްމާކް ރަޖިސްޓްރީކުރުމާ ގުޅޭ ނިޒާމެއް ގާއިމުކުރުން

  • ރަޖިސްޓްރީކުރެވޭ ޓްރޭޑްމާކުގެ ވެރިފަރާތަށް ލިބިދެވޭނެ ހައްގުތަކުގެ ދާއިރާ ކަނޑައެޅުން 

  • ޓްރޭޑްމާކުގެ ހައްގަށް އަރައިގަންނަ އަމަލުތަކާ ގުޅިގެން ފިޔަވަޅު އެޅޭނެ އުސޫލުތަކެއް އެކުލަވާލުން

ތަފްސީލް - އިގްތިސާދީ ކޮމިޓީން މި ބިލު ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވަނީ ކުދިކުދި އިސްލާހުތަކާ އެކު އެވެ. މި ބިލަށް ކޮމިޓީ މަރުހަލާގައި ގެނެސްފައިވަނީ މައިގަނޑު އެއް އިސްލާހެވެ. ދެން ހުރީ އިބާރާތްކުރުމާއި އިތުރަށް ތަފްސީލުކޮށްދިނުން އަދި މާނަކުރުމަށް ގެނައި ބަދަލުތަކެކެވެ. 

ބިލަށް ކޮމިޓީ މަރުހަލާގައި ގެނެސްފައިވާ މައިގަނޑު އިސްލާހަކީ:

  • ޓްރޭޑްމާކެއްގެ މުއްދަތު ހަމަވާތާ ހަ މަސްދުވަސް ތެރޭ ޓްރޭޑްމާކުގެ މުއްދަތު އިތުރުކުރަން ހުށަހެޅިދާނެ؛ ކުރިން އޮތީ މުއްދަތު ހަމަވުމުގެ ކްރިން ހުށަހަޅަންޖެހޭ ގޮތަށް

  • ގަވާއިދާ އެއްގޮތަށް މުއްދަތު އިތުރުކުރަން ހުށަހަޅައިފި ނަމަ 10 އަހަރަށް އެ މާކެއްގެ މުއްދަތު އިތުރުކުރެވިދާނެ ކަމަށް ހިމަނާފައިވޭ

މި އިސްލާހުތަކާ އެކު މަޖިލީހުގެ ތަޅުމުން މި ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެންބަރުންގެ ތާއީދާ އެކު އެވެ. ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

މި ބިލުގައިވާ ގޮތުން:

  • ޓްރޭޑްމާކަކީ އެކަކުގެ މުދާ ނުވަތަ ހިދުމަތްތެެއް އަނެއް ފަރާތެއްގެ މުދާ ނުވަތަ ހިދުމަތަކާ ތަފާތުކުރުމުގެ ގާބިލުކަން ލިބިފައިވާ ކޮންމެ ނިޝާނެއް

  • އުފެއްދުމެއްގެ ޓްރޭޑްމާކުގެ ހައްގު އެއްވެސް މީހަކަށް ލިބޭނީ އެ މާކު ރަޖިސްޓްރީކުރުމުން 

  • މާކު ރަޖިސްޓްރީކޮށްދޭނީ އެކަމަށް އެދި އެންމެ ފުރަތަމަ ސައްހަ ހުށަހެޅުމެއް ހުށަހަޅައި އެ އުފެއްދުމުގެ ހައްގު އެންމެ ފުރަތަމަ ސާބިތުކޮށްދެވޭ މީހަކަށް

  • ރަޖިސްޓްރީކޮށްފައިވާ ޓްރޭޑްމާކެއްގެ ވެރިފަރާތުގެ ހުއްދަނެތި އެ މާކާ އެއްގޮތް ނިޝާނެއް ނުވަތަ މުދަލެއް ނުވަތަ އެއްވެސް އުފެއްދުމެއް އެހެން މީހަކު ބޭނުންކުރާ ހާލަތުގައި އެކަން ހުއްޓުވުމުގެ ހައްގު ޓްރޭޑްމާކްގެ ވެރިފަރާތަށް މި ގާނޫނުގެ ދަށުން ލިބޭނެ

  • އެފަދަ ހާލަތެއްގައި ގެއްލުމުގެ ބަދަލު ހޯދުމާއި މައްސަލަ ކޯޓަށް ހުށަހެޅުމުގެ ހައްގު ވެސް ލިބިދޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް