ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ (ފޮޓޯ/ ހޯމް މިނިސްްޓްރީ)

ފުލުހުން

ދަރިފުޅު ސަލާމަތްކުރަން ހެކި ނައްތާލުމާއި ސީރިއަސް ތުހުމަތުތަކެއް ފަރުހާދު ފިކުރީއަށް

ފަރުހާދު ފިކުރީއަށް ކުރާ ތުހުމަތުތައް ހިމެނޭ ސިޓީއެއް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ވަނީ ފޮނުވާފައި؛ އެ ކޮމިޓީން އަދި މި މައްސަލަ ބަލަން ފަށާފައެއް ނުވޭ
9 ނޮވެމްބަރު 2025
6

ދަރިފުޅަށް ތުހުމަތުކުރި މައްސަލައެއްގައި ހެކި ނައްތާލަން އުޅުމާއި މަގާމުގެ ނާޖާއިޒު ބޭނުން ހިފި ކަމުގެ ސީރިއަސް ތުހުމަތުތަކެއް ޑެޕިއުޓީ ކޮމިޝަނަ އޮފް ޕޮލިސް ފަރުހާދު ފިކުރީއަށް ކޮށްފައިވާ ސިޓީއެއް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީއަށް ފޮނުވައިފި އެވެ.

ވީ ކިހިނެއް؟ - ސަލާމަތީ ހިދުމަތްތަކަށް ރައްޔިތުންގެ މަޖިލީހުގައި އޮންނަ 241 ކޮމިޓީގެ މުގައްރިރު އަދި އޭދަފުށި ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)އަށް އެޑްރެސްކޮށް ފޮނުވި ސިޓީ ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ރޭގެ ވަގުތެއްގައި މަޖިލީހުގެ މެއިލްއަށް އެ ސިޓީ ފޮނުވާފައިވާކަން 'ދައުރު'އަށް ވަނީ ކަށަވަރުވެފަ އެވެ.

ތަފްސީލް - ފަރުހާދުގެ ދަރިފުޅަކު ހިމެނޭ ދެ މައްސަލައެއްގައި މަގާމުގެ ބޭނުންކޮށްގެން ދަރިފުޅު ސަލާމަތްކުރަން ނަހަމަ ކަންކަން ކުރެއްވި ކަމަށް ސިޓީގައި ތުހުމަތުކުރެ އެވެ.

ސިޓީގައި ބުނާ ދެ މައްސަލައަކީ:

  • ފަރުހާދުގެ ފިރިހެން ދަރިއަކު މަސްތުގެ ހާލަތުގައި ހުރެ ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން މަޑުކުރަން އެންގުމުން ވެސް މަޑުނުކޮށް ދިއުމާއި ފުލުހަކަށް ހަމަލާ ދީފައިވާ މައްސަލައެއް

  • ފަރުހާދު ފިކުރީގެ ފިރިހެން ދަރިފުޅުގެ މައްޗަށް ތުހުމަތުކުރި ރޭޕް އާއި ޖިންސީ ގޯނާގެ ސީރިއަސް މައްސަލައެއް

އެ ސިޓީގައި ބުނާ ގޮތުން މަސްތުގެ ހާލަތުގައި ހިފެހެއްޓި ދަރިފުޅު އަތުގައި ލައިސެންސެއް ވެސް ނެތެވެ. އަދި ސައިކަލުގެ ބޯޑުގައި ހަރުކޮށްފައިވާ ޑޮމެއިން ނަންބަރަކީ އެހެން ސައިކަލަކަށް ރަޖިސްޓްރީކޮށްފައިވާ ނަންބަރެކެވެ.

ލައިސެންސް ނެތި ދުއްވުމާއި ސައްހަ ނޫން ޑޮމެއިން ނަންބަރު އަޅުވައިގެން ދުއްވާ އުޅަނދު ފަހަރު ޓޯކޮށް 10،000ރ. އިން ޖޫރިމަނާކުރަން ޖެހޭނެ ކަމަށް ގާނޫނުގައި އޮތް ނަމަވެސް އެއިން ފިޔަވަޅެއް އަޅާފައިނުވާ ކަމަށް ސިޓީގައި ތުހުމަތުކުރި އެވެ.

ސިޓީގައި ތުހުމަތުކޮށްފައިވާ ގޮތުގައި ފަރުހާދު ވަނީ:

  • ހުޅުމާލެ ޕޮލިސްގެ ޓްރެފިކް ޕޮލިސްގެ ހެޑް ޗީފް އިންސްޕެކްޓަރުގެ ވަޓްސްއެޕް ނަންބަރަށް މެސެޖުކޮށް އޭނާގެ ދަރިފުޅުގެ ސައިކަލު ނެރެވޭނެ ގޮތެއް ހަދައިދިނުމަށް އެދިފައި

  • އޭގެ ފަހުން ޗީފް އިންސްޕެކްޓަރުގެ ނަންބަރަށް ގުޅައި ތިމަންނައާ މެދު ކަންތައް ކުރަނީ އާންމު މީހަކާ މެދު ކަންތައް ކުރާ ގޮތަށްތޯ ސުވާލުކޮށް، ފަރުހާދު ބޭނުން ކަމެއް މިއަދު ފުލުހުންގެ މުއައްސަސާގައި ކުރެވޭނެ ކަމަށް ބުނެފައި

  • ފުލުހުންގެ ޓެކްނޮލޮޖީ ޑިޕާޓްމަންޓްގެ ސޮފްޓްވެއާ މެނޭޖަރުން ލައްވައި ޓޯޔާޑުން ސައިކަލު ދޫކޮށްލާނެތޯ ވެސް ފަރުހާދު، ޗީފް އިންސްޕެކްޓަރު ކައިރީ އަހާފައިވޭ

  • އޭގެ ފަހުން ސޮފްޓްވެއާ ޑިޕާޓްމަންޓްގެ ދެ އޮފިސަރަކު ގުޅައި ސައިކަލުގެ މައުލޫމާތު ހޯދައި ސައިކަލު ހިފަހައްޓާފައި ހުންނަން ޖެހޭ 15 ދުވަހުގެ މުއްދަތުގެ ކުރިން ސައިކަލު ޓޯޔާޑުން ނެރެފައިވޭ

މީގެ އިތުރުން، ރޭޕްގެ މައްސަލައާ ގުޅޭ ގޮތުން ސިޓީގައި ވަނީ:

  • ރޭޕްކޮށް އެ އަމަލު ހިންގި ތަނުގެ ފޮޓޯ ވީޑިއޯ ނެގި ކަމަށް ބުނާ މައްސަލާގައި ފުލުހުން ތަހުގީގު ނިންމައި ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވި

  • ނަމަވެސް ދައުވާކުރަން ބޭނުންވާ ހެކި ނައްތާލާފައިވާކަން ފާހަގަކޮށް ޕީޖީ އޮފީހުން ފުލުހަށް ސިޓީއެއް ފޮނުވި

  • ފުލުހަށް ޕީޖީ އޮފީހުން ފޮނުވި ސިޓީގައި ހެކި ނައްތާލަން ފަރުހާދު ބައިވެރިވުން އޮތް މިންވަރު ބަޔާންކޮށްފައިވޭ

މި ތުހުމަތުތަކާ ގުޅޭ ގޮތުން ފަރުހާދު އަދި ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.

ފާހަގަކޮށްލެވޭ - މީގެ ކުރިން ފުލުހުންގެ އިސް އޮފިސަރުންތަކެއް ވަކިކުރަން ޕޮލިސް ބޯޑުން ނިންމި ނިންމުމެއްގައި ފަރުހާދު ވެސް ހިމެނެ އެވެ.

އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމުން ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް ފަރުހާދު ޕްރޮމޯޓްކުރަން ނިންމީ މިދިޔަ އަހަރުގަ އެވެ. އެ މަގާމަށް އޭނާ އައްޔަންކުރަނީ ޕޮލިސް ބޯޑުގެ ނިންމުމުގެ މައްސަލަ ކޯޓުގައި އޮއްވަ އެވެ.

ހައި ކޯޓުގެ މަރުހަލާގައި އޭރު އޮތް މައްސަލަ ކޯޓުން މިހާރު ވަނީ ބޭރުކޮށްލައިފަ އެވެ. ކޯޓުން ވެސް އެފަދަ ނިންމުމަކަށް އައީ، ޕޮލިސް ބޯޑުން ވަކިކުރަން ނިންމި ބައެއް އޮފިސަރުންނަށް މަގާމުގެ ކުރިއެރުން ދިނުމުން ދައުލަތުން އެ ކަމުގައި ޝަރީއަތުގެ މަރުހަލާ ނަހަމަ ގޮތުގައި ބޭނުންކޮށް ތަފާތުކުރުން ގެންގުޅެފައި އޮތުމުންނެވެ.

ކޮމެންޓް (6)

ބޮޱު ސިއްރު

9 ނޮވެމްބަރު 2025
ހީއެއްނުވޭ ތިޔައީ ސިއްރު ސިޓީއެއްހެން އެންވީމާތާ ނޫސްތަކުގެ ފަލަސުރުހީން ޖާގަލިބޭނީ.
4 0

ހަތަރެސްކަން

9 ނޮވެމްބަރު 2025
ދަރިންގެ ހައްގުގައި ބަފަޔަކު ވާ ގުރުބާނީ. ފިލްމެއް ހަދަންވެސް ހަމަ ރަނގަޅު. "އެ ނުފޫޒު"
8 0

ތެފައާސާ.

9 ނޮވެމްބަރު 2025
2020 ވަނަ އަހަރު ފުލުހުންގެ އާ ގާނޫނަށް އަމަލުކުރަން ފެށިއިރު މަގާމުތަކުގައި ތިބި އެސްޕީ ރޭންކުން މަތީގެ އޮފިސަރުން މަގާމަށް ގާބިލްތޯ ބެލުމަށް އެ ގާނޫނުން ޕޮލިސް ބޯޑަށް މަތިކޮށްފައިވާތީ، އޭރުގެ އެސިސްޓެންޓް ކޮމިޝަނަރ ފަރުހާދު އިވެލުއޭޓު ކުރިއިރު އޭނާގެ އަތުގައިއޮތް އެންމެ މަތީ ސަނަދަކީ އޯލެވެލް ކަމާއި އަދި މަގާމުގެ ނުފޫޒު ބޭނުންކުރާކަމަށް ތުހުމަތު ކުރެވޭތީ ފުލުހުންގެ ވަޒީފާއިން ފަރުހާދު ވަކިކުރަން ނިންމާފައިއޮވޭ. ކޯޓަށް މި މައްސަލަ ވައްދައި ވަކިގޮތެއް ނުނިމި އޮއްވާ، އަދި ޕޮލިސް ބޯޑުން ނިންމި ނިންމުމަށް ވާސިލްވި ސަބަބުތައް އެގޮތުގައި ދެމިއޮއްވާ، ފަރުހާދު ޑެޕިއުޓީ ކޮމިޝަނަރަކަށް ޕްރޮމޯޓުކުރީ 2024 ގައި ރައީސް މުއިއްޒު.
7 0

މުހަންމާ.

10 ނޮވެމްބަރު 2025
@ތެފައާސާ. ކޮއްކޯ،މިއަދު ފަރުހާދުމެނާއި ކުޅެ ބެހި ހެދުމަކީ އަލިފާނާ ކުޅުން ފަދަ ނުރައްކާކަމެއް.
0 0

ކޮސް

9 ނޮވެމްބަރު 2025
މުއިއްޒުގެ ސަރުކާރާއި މިނިވަން މުވައްސަސާތަކުގެ ކަންތައްވެސް ހާދަ ގޯހޭދޯ! ފުލުހުންނެއް ކަސްޓަމެއް، ބޭންކެއް ، އެމް.ޕީ.އެލެއް، ކިޔާނެ ކަމެއްނެތް އިތުރަކަށް....
11 0

ޕެރޭރާ

9 ނޮވެމްބަރު 2025
ސިއްރު ސިޓީއެއް ނެތިގެންތަ މުއިއްޒު މީނަ މަގާމުގަ ބަހައްޓައިގެން މިއުޅެނީ!؟
10 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް