އައްޑޫގެ ކައުންސިލްތައް ވަކިކޮށްލުމާ ގުޅޭ ގޮތުން ނެގި ވޯޓުގައި ވޯޓު ގުނަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ހުޅުދޫ އާއި މީދޫ ވަކި 2 ރަށަށް ހަދައި ރަށު ކައުންސިލް ގާއިމްކުރަން ނިންމައިފި

މި ދެ ގަރާރަަށް ވެސް އަމަލުކުރާނީ އަންނަ އަހަރު އޮންނަ ކައުންސިލް އިންތިހާބާ އެކު
4 ނޮވެމްބަރު 2025

މިހާރު އޮތް އައްޑޫ ސިޓީ ކައުންސިލުން ވަކިވުމަށް މިދިޔަ މަހުގެ 25ގައި ނެގި ފެންނަ ނުފެންނަ ވޯޓުގައި ނިންމި އައްޑޫ ހުޅުދޫ އަދި މީދުއަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ކަނޑައަޅުއްވައި އެ ދެ ރަށުގައި ވަކި ދެ ރަށު ކައުންސިލް އުފެއްދެވުމަށް ރައީސް މުހައްމަދު މުއިއްޒު އިއްޔެ ނިންމަވައިފި އެވެ.

ވީ ކިހިނެއް؟ - ރައީސް މުއިއްޒު ވަނީ މިކަމާ ގުޅޭ ގޮތުން އިއްޔެ ދެ ގަރާރު ނެރުއްވާފަ އެވެ.

ތަފްސީލް - ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް އިސްލާހުކުރައްވައި ރައީސް ޝާއިއުކުރެއްވި ގަރާރުގައިވާ ގޮތުން:

  • މީހުން ދިރިއުޅޭ ވަކި ރަށެއްގެ ގޮތުގައި ކަނޑައަޅާފައިވާ 'އައްޑޫ'އަކީ 'އައްޑޫ ސިޓީ' ކަމުގައި ކަނޑައަޅައި 'އައްޑޫ ސިޓީ'ގައި ހިމެނޭނީ އައްޑުއަތޮޅު 'ހިތަދޫ'، 'މަރަދޫ'، 'މަރަދޫފޭދޫ' އަދި 'ފޭދޫ'

  • 'އައްޑޫ'ގެ އިހްތިސާސްގެ ބައެއްގެ ގޮތުގައި އޮތް 'ހުޅުދޫ' އާއި 'މީދޫ'އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ކަނޑައެޅުއްވި

ދެ ވަނަ ގަރާރުގައިވާ ގޮތުން:

  • 'އައްޑޫ ސިޓީ'އަކީ ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ރަށެއް ކަމުގައި ކަނޑައެޅުމަށް ނިންމައި 'އައްޑޫ ސިޓީ' ހިންގުމަށްޓަކައި 'އައްޑޫ ސިޓީ ކައުންސިލް'ގެ ނަމުގައި ކައުންސިލެއް އުފެއްދުމަށް ނިންމެވި 

  • 'އައްޑޫ މީދޫ' ހިންގުމަށް އައްޑޫ މީދޫ ކައުންސިލް އުފެއްދުމަށާއި 'އައްޑޫ ހުޅުދޫ' ހިންގުމަށް އައްޑޫ ހުޅުދޫ ކައުންސިލް އުފެއްދުމަށް ވަނީ ކަނޑައަޅުއްވާފައި

މި ދެ ގަރާރަަށް ވެސް އަމަލުކުރާނީ އަންނަ އަހަރު އޮންނަ ކައުންސިލް އިންތިހާބާ އެކު އެވެ.

އެނގުން މުހިންމު - މިދިޔަ މަހު 25ގައި ބޭއްވި ފެންނަ ނުފެންނަ ވޯޓު ނެގީ، އައްޑޫގެ ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ހުޅުދޫ އަދި މީދޫގެ އިތުރުން ގުޅިފައިވާ ރަށްތަކާ އެއްކޮށް އޮންނަ ފޭދޫގަ އެވެ. ނަމަވެސް، އެ ރަށުގެ ގިނަ ބަޔަކު ބޭނުންވީ މިހާރު އޮންނަ ގޮތަށް ސިޓީ ކައުންސިލްގެ ދަށުގައި އޮންނާށެވެ.

ތާރީހީ މި ވޯޓުގައި ބައިވެރިވީ، ވޯޓުލެވޭ މީހުންގެ ތެރެއިން ނިސްބަތުން މަދު ބައެކެވެ. އިލެކްޝަންސް ކޮމިޝަނުގެ ހިސާބުތަކުން ދައްކާ ގޮތުގައި:

  • ވޯޓު ފޮށިތައް ބަންދުކުރިއިރު މުޅި ޖުމްލަ ވޯޓުލާފައިވަނީ 4510 މީހުން؛ އެއީ ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ %47.1

  • 5066 މީހަކު ވޯޓުގައި ބައިވެރިވެފައެއް ނުވޭ؛ އެއީ ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ %52.9

އިތުރު އާޓިކަލް

އިތުރު އާޓިކަލް